އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިފަދައިން ގޮވާލެއްވީ، އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ.
އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމާއި ހަނގުރާމައިގެ ޖަރީމާތައް ކުށްވެރިކުރައްވާ ޤަތުލުޢާންމު ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނާއި އެހެނިހެން ބިންތައް އިސްރާއީލުން ޤާނޫނާ ޚިލާފަށް ހިފާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭކަމަށާއި ޤާނޫނާ ޚިލާފަށް ވަޒަންވެރިކުރުވުން ހުއްޓާލަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ސިޔާދަތީ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ނައިބު ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ. އަދި ފަލަސްޠީނަކީ އދ. ގެ ފުރިހަމަ މެމްބަރަކަށް ވާންޖެހޭނެކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
"ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާދަތީ މުސްތަޤުބަލެއްގެ މާނައަކީ، މިނިވަންކަމާއި ކަރާމާތް. އަމިއްލަ އިޚްތިޔާރުގެ ޙައްޤެއް. އަދި އެމީހުންގެ އަމިއްލަ ދައުލަތެއްގައި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު. ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި." ނައިބު ރައީސް ވިދާޅުވިއެވެ.
އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކަށްވުރެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ އެހެން ކަމެއް ނެތްކަމަށެވެ. ކުދި ޖަޒީރާ ޤައުމުތަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ޠަބީޢީ އަދި ޖިއޯގްރަފިކް ބިންގާތައް ބަދަލުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ހަމައެކަނި ތިމާވެށީގެ ކަންބޮޑުވުމެއް ނޫންކަމަށާއި އެއީ ޤައުމީ ތަރައްޤީގެ ރޭވުންތެރިކަމާއި ޤައުމީ ސަލާމަތާ ގުޅިފައިވާ އަދި ޤައުމުގެ ސިޔާދަތާ ގުޅިފައިވާ މައްސަލައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މި ބަދަލުތަކަށް ހޭނުމާއި، އީޖާދީ އައު ގޮތްތައް ހޯދަންޖެހޭކަމަށެވެ. އަދި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކާ ބޭނުންވާ މިންވަރަށް ހަލުވިމިނެއްގައި އެ އެހީ ފޯރުކޮށްދޭންޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.
"މިކަމުގައި އެއްވެސް ޝައްކެއް ނެތް ލޮނުގަނޑު އުފުލުމުގެ ސަބަބުން އަޅުގަނޑުމެންގެ އައްސޭރިފަށަށް ބަދަލުތަކެއް އަތުވެދާނެ ނަމަވެސް އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދައުލަތް ނެތިގެނެއް ނުދާނެ. އަޅުގަނޑުމެންގެ ޙައްޤުތަކެއް އުންޏެއް ނުވާނެ. ކަނޑުގެ ސަރަޙައްދުތަކުން އަޅުގަނޑުމެންނަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބަލިކައްޓެއް ނުކުރެވޭނެ. އަދި ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ލިބިގެންވާ ބާރުވެރިކަމެއް ކުޑައެއް ނުކުރެވޭނެ." ނައިބްރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒާ އެއްގޮތަށް 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެ އަމާޒަށް ވާޞިލުވުމަށް އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދު ސިންދަފާތުކޮށް، ވިލުންތެރި އުމްރާނީ ތަރައްޤީ ބިނާކޮށް، އިޔާދަކުރަނިވި ހަކަތަ ފުޅާކުރުންފަދަ ކަންކަންކުރައްވާކަމަށް ވިދާޅުވިއެވެ.
ނައިބްރައީސްގެ ތަޤްރީރުގައި ވަނީ ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ހިނގާ، ޤައުމުތަކަށް ކުރިއެރުމާއި ފާގަތިކަން ލިބޭ ސަރަޙައްދެއްގެ ގޮތުގައި އިންޑިއާ ކަނޑު ސުލްޙަވެރި ތަނެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ސަރަޙައްދީ ވާދަވެރިކަމުގެ ސަބަބުން ކުދި ޤައުމުތަކުގެ އިޚްތިޔާރުތައް ހަނިވެގެން ނުވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބްރައީސް ވިދާޅުވީ ހުރްމޫޒް ކަނޑުއޮޅިން ކުރާ ކަނޑުދަތުރުފަތުރަށް ބުރޫއެރުމަކީ ތެލުގެ އަގު އުފުލިގެންދާ ކަމެއްކަމަށާއި އޭގެ އަސަރު ކާބޯތަކެތި ފޯރުކޮށްދިނުމަށާއި ވައިގެ ދަތުރުފަތުރަށް ކުރާއިރު މީގެ ނަތީޖާއާއި ދަތިތައް ރާއްޖޭގެ ފަތުރުވެރިކަމާއި ދައުލަތުގެ މާލިއްޔަތުން އިޙްސާސްކުރަން ޖެހޭކަމަށެވެ. އެހެންކަމުން ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުން ރާއްޖެއިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ، އެ ކަނޑުއޮޅިއަކީ ހުޅުވިފައިވާ އަދި ރައްކާތެރި ތަނެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)، ބަޙްރައިން، ޤަޠަރު، ކުވައިތު، އޮމާން އަދި އުރުދުންއަށް ދެމުންދާ ޙަމަލާތައްވެސް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި ނުރައްކާތެރި ޙާލަތު ފިނިކޮށް، މަސްރަޙު ހަމައަކަށް އަޅުވައި، ދެބަސްވާ ފަރާތްތައް މަޝްވަރާގެ މޭޒަށް ގެނައުމަށް އޮމާން، ޕާކިސްތާން އަދި ޤަޠަރުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ދިވެހިރާއްޖެއިން ބަލައިގަންނަން." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ތަޤުރީރުގައި ވަނީ އޭއައި ގެ އެހީގައި، އާބާދީއާއި ވަސީލަތްތަކުގެ މަދުކަމުގެ ގޮންޖެހުންތަކުން އަރައިގަނެ، ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތްތައް ފުޅާކުރުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި އޭއައި އާ ގުޅޭ ބައިނަލްއަޤްވާމީ އުސޫލުތައް އެކުލަވާލުމުގައި ހުރިހާ ޤައުމެއްގެ އަޑު ހިމެނުމަކީ، އެހެން ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ޤާބިލުކަން އިތުރުކުރުމަށް މުހިންމު ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިތައް އިތުރުކުރުމަށާއި، ކުދި ޖަޒީރާ ޤައުމުތަކަށް ބަދަލުވަމުންދާ ގޮނޑިއެއް ދިނުމަށާއި، އެފްރިކާއަށް ޙައްޤުވާ ޖާގަ ދިނުމަށާއި، އަދި ވީޓޯގެ ބާރު އުވާލުމަށްވެސް ނައިބު ރައީސްގެ ތަޤުރީރުގައި ވަނީ ގޮވާލައްވާފައެވެ.
ނައިބު ރައީސް ވަނީ އދ. ގެ 80 އަހަރުވީ ތާރީޚުގައި އަބަދުވެސް ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވީ ފިރިހެން ބޭފުޅެއްކަމަށް ވާތީ، ދެން އެ މަޤާމަށް އަންހެން ބޭފުޅަކު އިސްކުރުމަށް ގޮވާލައްވާފައެވެ.
ނައިބު ރައީސްގެ ތަޤުރީރު ނިންމަވާލައްވަމުން 2027 އިން 2029 ގެ ދައުރަށް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގައި ރާއްޖެއިން ގޮނޑިއެއް ފުރާނެކަމަށާއި 2028 އިން 2030 ގެ ދައުރަށް އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށް އިންތިޚާބުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި 2033 އިން 2034 ގެ ދައުރަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް މެމްބަރު ޤައުމުތަކުގެ ތާއީދަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.