ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް އެކެއްގައި ބެލްޖިއަމް އިން އިޓަލީވިލާތް ބަލިކޮށް މާކް ވެން ބޮމެލްގެ ކޯޗު ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.
އިޓަލީވިލާތުގެ ވެރިރަށް ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗު ބެލްޖިއަމް އިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީވިލާތުންނެވެ. ނަމަވެސް މިމެޗުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފިތަން ފެނިގެންދިޔައީ ބެލްޖިއަމް އިންނެވެ.
ދެޓީމުގެ ފަރާތުން ވަރަށް ހަލުވި އަދި ހަމަލާއަށް އިސްކަން ދީގެން ކުޅުނު ތަން ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނުތަން ފެނިގެންދިޔައީ ބެލްޖިއަމްއެވެ. މިގޮތުން މިހާފްގައި ބެލްޖިއަމް އިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިތަން ފެނިގެންދިޔައެވެ. މިގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އިޓަލީވިލާތުން މެދުތެރެއިން ގެއްލުވާލި ބޯޅައެއްގައި އުފެއްދި ކައުންޓަރ އެޓޭކެއްގައި ބެލްޖިއަމްއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މީކާ ގޮޓްސްއެވެ. މިއީ އޭނާ ބެލްޖިއަމް ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މިހާފްގައި ދެން ފެނިގެންދިޔައީ ބެލްޖިއަމް އިން ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުން ދިޔަ ތަނެވެ. އަދި ބެލްޖިއަމްއަށް މިހާފުގައި އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިދިޔައީ އިޓަލީވިލާތުގެ ކެޕްޓަން އަދި ކީޕަރ ޖިއާންލުއިޖީ ޑޮނަރޫމާގެ ހުށިޔާރު ކަމުންނެވެ. އޭނާވަނީ މިހާފްގައި ބެލްޖިއަމްގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.
މިމެޗުގެ ދެވަނަ ހާފުގައި އިޓަލީވިލާތް ފެނިގެންދިޔައީ މުޅިން ތަފާތު ޓީމެއްގެ ގޮތުގައެވެ. މިގޮތުން މިހާފުގެ ފުރަތަމަ ކަށިގަނޑާއެކު އެޓީމުން ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކުރަން ފެށިތަން ފެނިގެންދިޔައެވެ. މިހާފުގައި އިޓަލީވިލާތަށް ލަނޑެއް ކާމިޔާބު ނުކުރެވި ދިޔައީ ބެލްޖިއަމްގެ ކީޕަރ ސެނޭ ލެމެންސްގެ ހުށިޔާރު ކަމުންނެވެ. މިހާފުގައި އިޓަލީވިލާތުން އުފެއްދި ނުރައްކާތެރި ގިނަ ހަމަލާތަކެއް އޭނާވަނީ ދިފާއު ކޮށްފައެވެ. މިމެޗުގައި ބެލްޖިއަމް އިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ކާމިޔާބު ކޮށްފައިވަނީ ބަދަލު ކުޅުންތެރިޔާ ޑޯޑީ ލުކެބާކިއޯއެވެ.
މިކާމިޔާބީ އާއެކު ބެލްޖިއަމް އިން ނޭޝަންސް ލީގުގެ ފެށުން ރަނގަޅު ކުރިއިރު އިޓަލީވިލާތަށް ކުރިމަތިވެފައިވާ މައްސަލަ ތަކަށް ހައްލެއް އަންނަ ތަނެއް ނުފެނުނެވެ. ރޮބާޓޯ މަންޗީނީ އަލުން ޤައުމީ ޓީމަށް ގެނެސް ކުޅުނު ފުރަތަމަ މެޗު އެޓީމުން ފެށިތަން ފެނިގެން މިދިޔައީ އެމަގާމް އެންމެ ފަހުން އަދާކުރި ގެނާރޯ ގަޓޫސޯގެ ކޯޗު ކަމުގެ ދަށުން އެންމެ ފަހު މެޗު ނިންމާލި ހިސާބު ކަމަށްވާ ނާކާމިޔާބީ އަކާއެކުއެވެ. އިޓަލީވިލާތްވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުންވެސް ޖާގަހޯދޭގޮތް ނުވެފައެވެ.
އިޓަލީވިލާތުގެ ފުޓްބޯޅައިގައި ހުރި މައްސަލަތައް އެޓީމަށް އާކޯޗެއް ހޯދުމަށް މިފަހަރު ކުރި މަސައްކަތާއި އެކަމުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުންވެސް ހާމަވެގެންދިޔައެވެ. އަދި އިޓަލީވިލާތުގެ ޤައުމީ ޓީމަށް އެޤައުމުގެ ރައްޔިތުންގެ ތާއީދު އޮތް ވަރު ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗަށް ވަން މީހުންގެ އަދަދުންވެސް ހާމަވެގެންދެއެވެ. 70 ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމްއަށް ކުޅިބަލަން ވަން މީހުންގެ އަދަދަކީ 47 ހާސް 155 އެކެވެ. މަަންޗީނީއަށް މަގާމުގައި ދެމި ހުރެވެނީ ކިހާ ދުވަހެއް ވަންދެންތޯ މިއީ މިނަތީޖާ އާއެކު އުފެދިގެންދާނެ ސުވާލެކެވެ. އެއީ ނޭޝަންސް ލީގުގައި އިޓަލީވިލާތް ދެން ކުޅޭ ދެމެޗަކީ ރަށުން ބޭރުގައި ތުރުކީޔޭ އާއި ފަރަންސޭސިވިލާތާއި ދެކޮޅަށް ކުޅޭ ދެމެޗު ކަމުންނެވެ. އެދެމެޗުން ނަތީޖާއެއް ނުނެރެވިއްޖެނަމަ މަންޗީނީ ޕްރެޝަރަށް ވެއްޓިގެންދާނެކަމަށް ބެލެވެއެވެ.