"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތް ފޯރިއާއެކު މާފުށީގައި ފަށައިފިއެވެ.
ފުރޮޅުފިލާ ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި މާލެއާއި މާފުށީގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުންވެސް ސްކޭޓްބޯޑަރުން ވަނީ ބައިވެރިވެފައެވެ.
ހުކުރުދުވަހުގެ ހަވީރު މާފުށީ ސްކޭޓް ޕާކުގައި ފެށި މިމުބާރާތުގައި އެކި އުމުރުފުރާތަކުން ދެ ޖިންސުގެ އެތުލީޓުން ވާދަކުރަމުން އަންނައިރު، މިއީ ފުރޮޅުފިލާ ކުލަބުން މިމުބާރާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ އަހަރެވެ.
މިދިޔަ އަހަރުވެސް މުބާރާތް ބާއްވާފައިވާއިރު، މިއަހަރުގެ މުބާރާތަށް ލިބުނު ތަރުޙީބު މާބޮޑުކަމަށް ފުރޮޅުފިލާ ކުލަބުގެ ފަރާތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކުލަބުގެ އެއް ފައުންޑަރ ކަމަށްވާ އާއިޝަތު ޝަފަގްވަނީ ބުނެފައެވެ.
"މިފަހަރު އަޅުގަނޑުމެން ހީނުކުރާހާ ވަރުގެ ބޮޑު ތަރުޙީބެއް ލިބުނު. ކުދިންގެ އަދަދަށް ބަލާއިރު 90 އަށްވުރެ ގިނަ ކުދިން ބައިވެރިވި. އާއިލާތަކުގެވެސް ވަރަށް ގިނަ ބޭފުޅުން ކުދިންނާއެކު މިތަނަށް ވަޑައިގެން. މިތަނަށް ބަލާލީމަވެސް އެބަފެނޭ މިދިޔަ އަހަރާ ބަލާއިރު ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފި" ޝަގާ ބުންޏެވެ.
މިމުބާރާތުގައި ބ. ގޮއިދޫއިން 13 ކުއްޖަކު ބައިވެރިވިއިރު، މ. މުލިންވެސް 3 ކުއްޖަކު ބައިވެރިވިކަމަށް ޝަގާ ބުންޏެވެ. އެހެންނަމަވެސް މިދުވަސްވަރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މުލިން މާފުއްޓަށް އާދެވުނީ 11 ކުއްޖަކަށްކަމަށް ޝަގާ ބުންޏެވެ.
"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތުގައި ވާދަކުރަމުންދާ ކުދިންގެ ތެރެއިން ބައެއްކުދިން ވަނީ ޕީއެސްއެމް ނިއުސްއާ އެކުދިންގެ ޝުޢޫރާއި އިހްސާސްތައް ހިއްސާކޮށްފައެވެ.
ކޮންމެ ކުއްޖަކުވެސް ފާހަގަކުރިގޮތުގައި މިފަދަ މުބާރާތްތަކުގެ ސަބަބުން އެކުދިންގެ ހުނަރުތައް ދައްކާލާ، ވާދަވެރި މެޗު ތަޖުރިބާތައް ލިބިގެންދެއެވެ. އަދި މިފަދަ މުބާރާތެއް ފުރޮޅުފިލާ ކުލަބުން ބޭއްވީތީ އެކުދިން ވަރަށް އުފާވާކަމަށާއި، އުންމީދަކީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްލުމުގެ ފުރުޞަތު ފަހިވުންކަމަށް އެކުދިން ބުނެފަވެއެވެ.
ބައިނަލްއަޤްވާމީ ޖަޖުންނާއެކު ކުރިއަށްގެންދާ މިމުބާރާތް މިހާ ފޯރިއާއެކު ކުރިއަށް ގެންދިއުމުގައި އެތައް ބައެއްގެ އެހީތެރިކަން ލިބެމުންދާކަން ޝަގާ ފާހަގަކުރިއެވެ. އަދި މުބާރާތުގެ އިންތިޒާމުތައް ފުރިހަމަކަމާއެކު ހަމަޖެހިގެންދަނީ އެފަރާތްތަކުގެ އެއްބާރުލުމާއެކުކަން ފާހަގަކޮށް އެފަރާތްތަކަށް ޝަގާ ވަނީ ޝުކުރު އަދާކޮށްފައެވެ.
"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތް ކުރިއަށްދާނީ 26 ވަނަ ދުވަހާހަމައަށެވެ. މި މުބާރާތުގައި އަތޮޅުތަކުން ވާދަކުރާ ފަރާތްތަކަށް ދަތުރުފަތުރާއި، ތިބުމުގެ ކަންކަން ހިލޭ ހަމަޖެހިފަވާއިރު، މާލެއިން މުބާރާތަށްދާ ފަރާތްތަކަށްވެސް ފެރީގެ ޚިދުމަތް ވަނީ ހިލޭ ހަމަޖެހިފައެވެ.