ޚަބަރު

8 ދާއިރާއަކުން އައު އިޝާރާތްތައް އުފައްދަން ބައްދަލުވުމެއް


  • ޚިދުމަތް ދިނުމުގައި ސައިން ލެންގުއޭޖް ބޭނުންކުރެވޭނެ އިންތިޒާމު ސަރުކާރުންދަނީ ހަމަޖައްސަމުން

  • "އެމްޕަވަރމަންޓް ހަބް" ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދޭ

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު މަޢުލޫމާތާއި ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން، 8 ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމަށް ބާއްވާ "މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ "ސްޓްރޯންގް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ސައިން ލެންގުއޭޖް ތަރުޖަމާނުންނާއި، ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބައިވެރިވެއެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢާލީ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން އޮންލައިން ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހުޅުވާލާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް ސައިން ލެންގުއޭޖް ތަމްރީނުތައް ދެމުންދާކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް "އެމްޕަވަރމަންޓް ހަބް" އެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޤީލާ އިތުރަށް ވިދާޅުވީ، ދައުލަތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސައިން ލެންގުއޭޖް ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މަސައްކަތްތަކުގައި އޮސްޓްރޭލިއަން ހައިކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެދެއްވާ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ، ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. ސަރުކާރުގެ އަމާޒަކީ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދީ، އެ ބަހުން މުއާމަލާތުކުރުމަކީ އާންމު ކަމަކަށް ހެދުމެވެ.