މުދައްރިސުންނަކީ ޝަރަފާއި، އިއްޒަތާއެކު ޤައުމީ ބޮޑު ވާޖިބެއް އަދާކުރާ ބައެއްކަމަށާއި، ފަންނުވެރި ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން އަދާކުރާ ގުރުބާނީގެ އަގުވަޒަންކުރުމަކީ މުހިންމު ކަމެއްކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެއެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ވަޒީރު ވަނީ މުދައްރިސްކަމުގެ ފަންނު ކުރިއެރުވުމަށް ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މުދައްރިސުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ކޮންމެ މީހެއްގެ ޢަޒުމަކަށް ވާންވާނީ، މުދައްރިސުކަމުގެ ފަންނު ހިމާޔަތްކުރުމާއި، އެ ފަންނުގެ ގަދަރު ހިފެހެއްޓުމަށް މުދައްރިސުންނާއެކު ސާބިތުވެ ތިބުމަށްކަމަށެވެ. އަދި އެ ސާބިތުކަމުގެ މަތީގައިތިބެ، ސްކޫލުތަކުގައި ދެވޭ ތަޢުލީމާއި ތަރުބިއްޔަތު އިތުރަށް ހަރުދަނާކުރުމުގެ އަޒުމު އާކޮށް، އެންމެން ގުޅިގެން އެ މަގުގައި ކުރާ މަސައްކަތް އިތުރުކުރުމަށްވެސް ވަޒިރު އެދިވަޑައިގެންނެވިއެވެ.
ވަޒީރުގެ ޚިޠާބުގައި ވިދާޅުވީ ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރަމުން ދާއިރު، ޢިލްމީ، ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން އަދާކުރާ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން، މުޖުތަމައުގައި މުދައްރިސުންނަށް ލިބިދޭން ޖެހޭ ގަދަރާއި އިހްތިރާމު މަތިކޮށް، މުދައްރިސްކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މުދައްރިސުންނަށް ބޭނުންވާ ޒަމާނީ އަދި ފަންނީ ތަމްރީނުތައް ފޯރުކޮށްދީ، މުދައްރިސުންނާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުތަކުގެ މާޙައުލަކީ ރައްކާތެރި، އުފާވެރި ތަނަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި މި މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ގެންދިއުމުގައި މިނިސްޓްރީއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން." ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މުދައްރިސުންނަކީ ޝަރަފާއި، އިއްޒަތާއިއެކު ޤައުމީ ވަރަށް ބޮޑު ވާޖިބެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވާ ތަޢުލީމީ ވަޒީރު ވިދާޅުވީ، ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލާ ފަރާތަކީ މުދައްރިސުންކަމަށެވެ. އެހެންކަމުން މުދައްރިސުންނަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގައި ޚާއްސަ ޝަރަފަކާއި ޤަދަރެއް ދެވިފައިވާ ބަޔަކަށް ހެދުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
މުދައްރިސްކަމަކީ މާތް މަތިވެރި މަސައްކަތެއްކަމުގައި ބަލައިގަނެ، އެފަންނަށް ދޭންވާ ހައްޤު ޝަރަފު ދިނުމަށްޓަކައި މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް ބެލެނިވެރިންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
"ދަރިވަރުންގެ އުނގެނުމުގެ ހައްގު ހިމާޔަތްކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ މުދައްރިސުން ކަމާމެދު ޝައްކެއް ނެތް. އެހެންކަމުން މުދައްރިސުންނަކީ އެބޭފުޅުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއި، ހުނަރާއި މަސައްކަތުގެ އަޚުލާގު ލިބިފައިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއް." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކޮންމެ މުދައްރިސެއްގެ ވެސް އަޒުމަކަށްވާންވާނީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން، ދަރިވަރުންގެ ހިތްތަކުގައި އުނގެނުމަށް ލޯބިޖައްސުވާ، ދިރުއުޅުމަށް ތައްޔާރުވެފައިވާ، ޒިންމާދާރު، އަހުލާގު ރަނގަޅު ދަރިވަރުންތަކެއް ބިނާ ކުރުމަށް މަސައްކަތްކުރުމަށްކަމަށެވެ.
އެކަމަށްޓަކައިި އަމިއްލަ ފަންނީ ކުރިއެރުމަށް މަސައްކަތްކުރާ، ޓެކްނޮލޮޖީ އާއި ޒަމާނީ ބަދަލުތަކަށް އަހުލުވެރި އަދި އުނގަންނައި ދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަބަދުވެސް ތައްޔާރަށް ހުންނަ މުދައްރިސަކަށް ވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ވަޒީރުގެ މެސެޖް ނިންމަވާލެއްވީ، ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއާ އެދެމުން މުދައްރިސްކަމުގެ ފަންނު ޙިމާޔަތްކުރެވި، މުދައްރިސުންގެ ޤަދަރު އުފުލިގެންދާ މާޙައުލެއްގައި، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލު އުޖާލާވެގެން ދިއުމަށް ދުޢާދަންނަވަމުންނެވެ.