ޑަބްލިއުބީސީ (ވޯލްޑް ބޮކްސިން ކައުންސިލް) މުއޭ ތާއި ސްރީލަންކާ އެމެޗަރ 2026 ގައި ވާދަކޮށް އަހްމަދު އީލާފް ނަދީމްއާއި މުހައްމަދު ޝިފްނީ ރަން މެޑަލް ހޯދައިފިއެވެ.
މޯލްޑިވްސް މުއޭ ތާއި އެކަޑަމީގެ ފަރާތުން ލަންކާ މުބާރާތުގައި 9 އެތުލީޓަކުވަނީ ރާއްޖޭގެ ފައިޓް ސޯލް ކްލަބު ތަމްސީލުކޮށްފައެވެ. މީގެ ތެރެއިން އީލާފް ރަން މެޑަލް ހާސިލްކުރީ 71 ކިލޯ ކެޓަގަރީގައި ވާދަކޮށްގެންނެވެ. އަދި ޝިފްނީ ވާދަކުރީ 57 ކިލޯ ސީނިއާ ކެޓަގަރީގައެވެ.
މިމުބާރާތުން ރާއްޖޭގެ ޓީމަށް ޖުމްލަ 5 މެޑައްޔެއް ލިބިފަވެއެވެ. އެއީ އީލާފް އަދި ޝިފްނީ ހޯދި ދެ ރަން މެޑަލްގެ އިތުރުން ފާތިމަތު ނައުމާ ނަސީރާއި ވެޓެރަން އެތުލީޓު ހޯދި ދެ ރިހި މެޑަލްއާއި ސައިފް ޝާނަށް ލިބުނު ލޯ މެޑައްޔެވެ.
މުއޭ ތާއި ސްރީލަންކާ އެމެޗަރ 2026 އިން ނައުމާ އަށް ރިހި މެޑަލް ލިބުނީ 63.5 ކިލޯ ކެޓަގަރީގައި ވާދަކޮށްގެންނެވެ. ނައުމީ މިމުބާރާތުގައި ވާދަކުރީ އޭނާގެ ވެއިޓް ކްލާހަށްވުރެ ދެ ޑިވިޝަން މަތިންނެވެ. އޭނާ ރިހި މެޑަލް ހޯދީ ރަޝިއާގެ އެލީޓް މުއޭ ތާއި ފައިޓަރަކާ ވާދަކޮށްގެންނެވެ. މިއީ މިހާތަނަށް ރާއްޖޭގެ އަންހެން ފައިޓަރެއް ރަޝިއާގެ ފައިޓަރަކާ ވާދަކުރި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ސައިފް ޝާނަށް ލޯ މެޑަލް ލިބުނީ، 57 ކިލޯ ޔޫތު ކެޓަގަރީގައި ވާދަކޮށްގެންނެވެ. ރާއްޖޭ ޓީމު މުބާރާތަށް ތައްޔާރުވެފައިވަނީ ކޯޗް މުހައްމަދު ޝަނާޒްގެ އިރުޝާދުގެ ދަށުންނެވެ.
ސްރީލަންކާ، ޕާކިސްތާން ފަދަ ޤައުމުތަކުން މިމުބާރާތުގައި 400 އެއްހާ އެތުލީޓުން ވާދަކުރިއިރު، މިއީ މުއޭ ތައިގެ މުހިންމު ބޮޑު މުބާރާތެއްކަމަށާ މިމުބާރާތުގެ ސަބަބުން ރާއްޖޭގެ މުއޭ ތާއި އެތުލީޓުންނަށް ބޮޑު ކުރިއެރުމެއް އައިސްފިކަމަށް ގަބޫލުކުރާކަމަށް ކޯޗްވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ.
މުއޭ ތާއި ސްރީލަންކާ އެމެޗަރ 2026 އިން ހޯދި ރަން މެޑައްޔާއެކު އީލާފްމިވަނީ މިކުޅިވަރުން އޭނާގެ ތިންވަނަ ރަން މެޑަލް ހާސިލްކޮށްފައެވެ.
އީލާފްގެ ފުރަތަމަ ރަން މެޑައްޔަކީ މި އަހަރުގެ ފެބްރުވަރީމަހު ލަންކާގައި ކުރިއަށްދިޔަ ސްރީލަންކާ ނެޝަނަލް ޗެމްޕިއަންޝިޕުގައި ލަންކާގެ އެއްވަނަ އެތުލީޓު ބަލިކޮށް އޭނާ ހޯދި ރަން މެޑައްޔެވެ. އަދި މިއަހަރުގެ އޮގަސްޓްމަހު ލަންކާގައި ކުރިއަށްދިޔަ، ޕްރޯ މުއާއި ތައި ޗެމްޕިއަންޝިޕުގައި މިޑްލްވެއިޓް 76 ކިލޯ ކެޓެގެރީންވެސް އީލާފްވަނީ ރަން މެޑަލް ޤައުމަށް ގެނެސްދީފައެވެ.