އިންޑިޔާގެ ގައުމީ އަންހެން ކްރިކެޓް ޓީމްގެ ކެޕްޓަން ހެރްމަންޕްރީތް ކޯރ, ކެޕްޓަންކަން ދޫކޮށްލައިފި އެވެ. 37 އަހަރުގައި ކޯރ ކެޕްޓަންކަން ދޫކޮށްލި ނަމަވެސް, ގައުމީ ޓީމަށް ކުޅުން ހުއްޓައެއް ނުލައެވެ.
ހެރްމަންޕްރީތް ބުނީ ކެޕްޓަންކަން ދޫކޮށްލިނަމަވެސް, ކުޅުން ކުރިއަށް ގެންދާނެ ކަމަށެވެ. ހެރްމަންޕްރީތް ކޯރ އަކީ މިދިޔަ އަހަރު އިންޑިޔާއަށް ކްރިކެޓް ވޯލްޑްކަޕް ހޯދައިދިން ކެޕްޓަނެވެ. ކޯރ ވަނީ ހުރިހާ ފޯމެޓެއްގެ ކްރިކެޓް ޓީމެއްގެ ކެޕްޓަންކަންވެސް ދޫކޮށްލާފައެވެ. އައި.ސީ.ސީ ވިމެންސް ކްރިކެޓް ވޯލްޑް ކަޕް ހެރްމަންޕްރީތް ކޯރގެ ކެޕްޓަންކަމުގެ ދަށުން އިންޑިޔާ ހޯދީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 52 ލަނޑުން ސައުތް އެފްރިކާ ބަލިކޮށްގެންނެވެ.
ކޯރގެ ކެޕްޓަންކަމުގެ ދަށުން އިންޑިޔާ އިން ވަނީ ޓީ20 އޭޝިޔާ ކަޕްވެސް ކާމިޔާބުކޮށްފައެވެ. އޭޝިޔަން ގޭމްސްގެ ދެ ރަން މެޑަލްވެސް ހޯދިއެވެ. އެންމެ ފަހުން ނިމުނު އޭޝިޔަން ގޭމްސްގައި މިދިޔަ މަހު ޖަޕާނުގައި ރަން މެޑަލް ހޯދީވެސް އިންޑިޔާއެވެ.
ހުރިހާ ފޯމެޓެއްގެ ކްރިކެޓް ގައުމީ ޓީމެއްގެ ކެޕްޓަންކަން ދޫކޮށްލަން ނިންމިކަން ހާމަކުރަމުން އޭނާ ބުނީ މިއީ ފަސޭހަ ނިންމުމެއް ނޫންކަމަށެވެ. މިއީ އަހަރުތަކެއްގެ ހަނދާންތައް ކަމަށާއި, އެތައް ޤުރުބާނީ އަކާއި އިމޯޝަންސް ތަކެއް ހިމެނޭ ކަމަށް ކާމިޔާބު ކެޕްޓަން ބުންޏެވެ. އުމުރުގެ ބާކީބައިގަ އެހުރިހާ ހަނދާންތަކެއް ދެމިހުންނާނެ ކަމަށް އޭނާ ބުންޏެވެ.
އިންޑިޔާގެ މީޑިޔާއިން ބުނެފައިވަނީ ކޯރ ގައުމީ ޓީމްގެ ކެޕްޓަންކަން ދޫކޮށްލަން ނިންމިކަން އިއުލާނުކޮށްފައި ވަނީ އިންޑިއަން ކްރިކެޓް ބޯޑްގެ ސެކެރެޓަރީ ޑެވާޖީތް ސައިކިއާއާ އެކު ބޭއްވި ބައްދަލުވުމަކަށްފަހު ކަމަށެވެ. އެބައްދަލުވުމުގައި އިންޑިޔާގެ އަންހެން ކްރިކެޓް ޓީމްގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ރިޕޯރޓްތައް ބުނެއެވެ.
ކޯރ އަކީ މިއަހަރު ބައިނަލްއަޤްވާމީ އަންހެން ކްރިކެޓްގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއެވެ. އޭނާ ބުނީ އޭނާގެ ހުރިހާ އެއްޗެއް ގައުމީ ޓީމަށް ދިން ކަމަށެވެ.
ކެޕްޓަނެއް ޒިންމާތައް އުފުލީ ފަޚުރުވެރިކަމާއެކު. އިންޑިޔާގެ ގައުމީ އަންހެން ކްރިކެޓް ޓީމް ލީޑްކުރަން ލިބުމަކީ އަބަދުމެ ފަޚުރުވެރިވާނެ ކަމެއް. އަހަރެން އަދިވެސް މިހުރީ އެންމެ ލޯބިވާ ކުޅިވަރުގައި ކުރިއަށްދާން. ނިމުނީ ކެޕްޓަންކަމުގެ ދައުރު. ކުޅުންތެރިއެއްގެ ގޮތުގައި ދަތުރު އަދިވެސް އޮތީ.
ހެރްމަންޕްރީތް އިންޑިޔާ ގައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ.