ޚަބަރު

ޖަޕާން އޯޕަންގެ ޗެމްޕިއަންކަން އަލްކަރާޒް ކާމިޔާބު ކޮށްފި


  • މިމުބާރާތް އަލްކަރާޒް ކާމިޔާބު ކުރީ ފައިނަލްގައި ލެހެޗްކާ ސީދާ 2 ސެޓުން ބަލިކޮށްގެންނެވެ

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި ޖަޕާން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ކާމިޔާބު ކޮށް ތަށި ދިފާއު ކޮށްފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ޗެކިއާގެ ޔީރީ ލެހެޗްކާ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ. ޓައިބްރޭކްގައި އަލްކަރާޒް ކުރި ހޯދީ ހަތެއް ހަތަރަކުންނެވެ. އަދި ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަލްކަރާޒް ބުނީ މިސީޒަންގައި އަނެއްކާވެސް ތަށްޓެއް ކާމިޔާބު ކުރެވުމުން އުފާވާކަމަށެވެ. އަދި އަނިޔާގައި ގިނަ ދުވަސް ތަކެއް ހޭދަ ކުރުމަށްފަހު އެނބުރި އައިސް ހޯދުުނު ފުރަތަމަ ތަށި ކަމުން އެކާމިޔާބީ އިތުރަށް ހާއްސަ ވެގެންދާކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އަލްކަރާޒް ބުނީ އޭނާ އަދިވެސް އެންމެ ރަނގަޅު ފޯމަށް ނޭޅޭ ކަމަށާއި ނަމަވެސް މިމުބާރާތުގައި ކުޅުނު ކޮންމެ މެޗެއްގަައިވެސް ދިމާވި މައްސަލަ ތަކަށް ހައްލު ހޯދޭވަރުވީ ކަމަށެވެ.

ޖަޕާން އޯޕަން އަކީ އަލްކަރާޒްއަށް މިސީޒަންގައި ކާމިޔާބު ކުރެވުނު ތިންވަނަ މުބާރާތެވެ. އަލްކަރާޒްވަނީ މިސީޒަންގައި އޭނާއަށް އަނިޔާވުމުގެ ކުރިން އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަން ކަމުގެ އިތުރުން ޤަތަރު އޯޕަންގެ ޗެމްޕިއަންކަން ހޯދައިފައެވެ. އަދި އަނިޔާގެ ސަބަބުން ފަސް މަސް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ މުބާރާތަކަށް ވެގެންދިޔައީ އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންއެވެ. އެމުބާރާތުގެ ކުއާޓަރ ފައިނަލުން އަލްކަރާޒްވަނީ މުބާރާތަށް އަލްވަދާއު ކިޔާފައެވެ. އަދި އޭގެ ފަހުން ބޭއްވި ލެވަރ ކަޕްގައި އަލްކަރާޒް ވަނީ ޓީމް ޔޫރަޕް ތަމްސީލްކޮށް ރަނގަޅު ކުޅުމެއް ދައްކާ އެމުބާރާތުގެ ތަށި ޓީމް ޔޫރަޕަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.