ޚަބަރު

3 މީހުން އެއް ސައިކަލެއްގައި، ދުއްވީ ވަންވޭއާ ޚިލާފަށް


  • އެކްސިޑެންޓުގައި 5 މީހަކަށް ހާނިކަވެފައިވޭ

  • 4 މީހުންގެ ހާލު ސީރިއަސް

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވީ 3 މީހުން އަރައިގެން ކަމަށާއި އެ ސައިކަލު ދުއްވީ ވަންވޭއާ ޚިލާފަށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2:55 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ދެ ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި 5 މީހުންނަށް އަނިޔާވިއިރު އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލެއްގައި ދަތުރުކުރި 3 މީހުންނާއި އަނެއް ސައިކަލުގައި ތިބި 2 މީހުންނެވެ.

ފުލުހުން ވިދާޅުވިގޮތުގައި އެކްސިޑެންޓުގައި ހާނިކަވި މީހުންގެ ތެރެއިން 4 މީހުންގެ ހާލު ސީރިއަސްއެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެއް ކަމަށާއި އެ ސައިކަލަށް 3 މީހުން އަރައިގެން ދުއްވި ވަންވޭއާ ޚިލާފަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެ ސައިކަލު ދުއްވަން އިން މީހާއަކީ އެ ެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.