ތަރައްްޤީ

މާމެންދުއާއި ދާންދުއަށް ސަރުކާރުން ޖަނަރޭޓަރ ދެއްވައިފި


ރާއްޖޭގައި އާބާދުވެފައިވާ ހުރިހާ ރަށަކަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ދެއްވުމަށް ސަރުކާރުން ހިންގަވާ ޚާއްޞަ ޕްރޮގްރާމްގެ ދަށުން އިތުރު ދެރަށަކަށް ސަރުކާރުން ޖަނަރޭޓަރ ދެއްވައިފިއެވެ. ސަރުކާރުން ޖަނަރޭޓަރ ދެއްވީ ހައްދުއްމަތީ މާމެންދުއާއި ހުވަދުއަތޮޅު އުތުރުބުރީ ދާންދުއަށެވެ. މިއިން ކޮންމެ ރަށަކަށްވެސް ދެއްވީ ހަތަރުސަތޭކަ ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.

ރާއްޖޭގެ އަތޮތަކުގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ދެއްވުން ޙަވާލުކުރައްވައިފައިވާ އެއް ކުންފުނި، ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރައްވައިގެން މި ދެރަށަށް ދެއްވާ ޖަނަރޭޓަރ އެ ދެރަށަށް ގެންދިއުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ލ.މާމެންދުއަށާއި ގއ. ދާންދުއަށް ޖަނަރޭޓަރ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. މިދެރަށަށް ދެއްވި ދެ ޖަނަރޭޓަރުގެ ޖުމްލަ އަގަށް އެކެއް ޕޮއިންޓް އެކެއް މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހޭދަކުރައްވާފައެވެ.  

ރާއްޖޭގައި އާބާދުވެފައިވާ ހުރިހާ ރަށަކަށް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކަރަންޓްގެ ޚިދުމަތް ދެއްވުމަށް ސަރުކާރުން ހިންގަވާ ޚާއްޞަ ޕްރޮގްރާމްގެ ދަށުން މި ދެރަށަށް ގެންދިއުމުގެ މަސައްކަތް ޙަވާލުކުރީ ޕްލެންކްޓަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ ދެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފެވެ. ޕްލެންކްޓަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮންޕެނީގެ އެސިސްޓެންޓް މެނޭޖަރ، ސޭލްސް އެނޑް މާރކެޓިން މަރިޔަމް ޔައުފާއެވެ.

img:http://s1.psmnews.mv/images/660x400/14790524052969.jpg|މާމެންދުއާއި ދާންދުއަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މިޖަނަރޭޓަރުތައް ފޮނުވުން ވީހާ އަވަސްކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

" މި ދެ ޖަނަރޭޓަރު މާލޭގައި ހުރުމާއެކު އަޅުގަނޑުމެން މަސައްކަތް ކުރަނީ މި ހަފްތާގެ ތެރޭގައި، ބުރާސްފަތި ދުވަހުގެ ކުރިން ރަށްރަށައް މި ޖަނަރޭޓަރު ފޯރުކޮށްދީ، ހަފްތާއެންހާ ދުވަހުގެ ތެރޭގައި މި ޖަނަރޭޓަރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް " ޝަރީފް ވިދާޅުވިއެވެ. 

ރާއްޖޭގައި އާބާދުވެފައިވާ ހުރިހާ ރަށަކަށް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ކަރަންޓްގެ ޚިދުމަތް ދެއްވުމަށް ސަރުކާރުން ހިންގަވާ ޚާއްޞަ ޕްރޮގްރާމްގެ ދަށުން ދެން އެންމެ އަވަހަށް ޖަނަރޭޓަރު ޙަވާލުކުރައްވަން ސަރުކާރުން ކަނޑައަޅުއްވާފައިވާ ދެރަށްވެސް ފެނަކަ ކޯޕަރޭޝަނުން މި ރަސްމިއްޔާތުގައި ވަނީ ހާމަކޮށްފައެވެ. އެއީ، މ. އަތޮޅު ދިއްގަރާއި، ހަމަ އެއަތޮޅު މަޑުއްވަރީއެވެ.