އެއަރޕޯޓު އޮންނަ ރަށްރަށުގެ ތެރެއިން އާބާދީގައި 1000 މީހުން ހަމަވާ ކޮންމެ ރަށެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލެބޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މާލެ ނައިސް ރަށްރަށުން ޕާސްޕޯޓާއި އައިޑީކާޑް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޕާސްޕޯޓްގެ ޚިދުމަތް ލިބެނީ ރާއްޖޭގެ އެންމެ 5 ސަރަހައްދަކުން ކަމަށެވެ. ނަމަވެސް މިހާރު އެ ޚިދުމަތް 39 ރަށަކުން ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ތެރެއިން މެލޭޝިއާ އާއި ސްރީލަންކާއިންވެސް އެ ޚިދުމަތް ލިބެމުންދާކަމަށެވެ.
ވަޒީރު އިހުސާން ވިދާޅުވީ ރަށުގައި ދިރިއުޅޭ އާބާދީ 1،000 ހަމަވާ އެއާޕޯޓް އޮންނަ ކޮންމެ ރަށަކުން ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމަވާފައިވާކަމަށެވެ.
"އަންނަ ފެބްރުއަރީ މަހާ ހަމައަށް ދާންވާއިރަށް އެރަށް ރަށުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ފަށާނެ. އެގޮތަށް ބެލި ބެލުމުން އިތުރު ހަތަރު ރަށެއްގައި އެ ހިދުމަތް ފަށަން ޖެހޭ." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވަނީ ރާއްޖެއަށް ޕާސްޕޯޓް ސްޓޮކް ލިބުމަށް ދިމާވި ދަތިތަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ވިޔަނުދިނުމަށްޓަކައި މަސައްކަތްތައް ކުރަމުންދާކަންވެސް ފާހަގަކުރައްވާފައެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައިވެސް ޕާސްޕޯޓުގެ ބުކްލެޓް ފޯރުކޮށްދެނީ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްއިންކަމަށް ވަޒީރު ވިދާޅުވިއެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިންވެސް ރާއްޖެއަކީ އެންމެ ވަރުގަދަ ޕާސްޕޯޓުއޮތް ޤައުމުކަމަށާއި ކޮންމެ ކޮންމެ ބަޔަކާ، އެ މަސައްކަތް ހަވާލުކޮށްގެން ކުރުމުގެ ވިސްނުން ނެތްކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ޕާސްޕޯޓް ބްކްލެޓްގެ ސްޓޮކެއް ޤާއިމްކޮށް ބެހެއްޓުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިކަމަކީ ބްކްލެޓް ވަކި ތަނަކުން ޕްރިންޓް ކޮށްގެން ގެނެސް ކުރެވޭކަމެއްވެސް ނޫން. އެ ފަރާތަކަކީ މިހާތަނަށް އައިރު އެއްވެސް މައްސަލައެއް ޖެހިފައިވާ ބައެއް ނޫން. މަލްޓިޕަލް ސަޕްލަޔާއެއް ގެންގުޅުމުގެ ބަދަލުގައި އަޅުގަނޑުމެން މިފަދަކަންކަމަށް ކޭޓާކުރެވޭވަރުގެ ސްޓޮކެއް ޤާއިމްކުރަން. މިފަދަ ކަމެއް ދިމާވެއްޖެނަމަ ސްމޫތްކޮށް ކުރިއަށްގެންދިޔުމަށް ސްޓޮކެއް ޤާއިމްކުރުމަށް ވަނީ ނިންމާފައި." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ޕާސްޕޯޓު ދޫކުރުމުގައި ދިމާވި މައްސަލައިގެ ސަބަބުން ބެކް ލޮގުގައި 2646 ވަރަކަށް ޕާސްޕޯޓު ރިކުއެސްޓް އޮތްއިރު، އައު ސްޓޮކް ލިބުމާއެކު މި ބެކްލޮގް 5 ވަރަކަށް ދުވަހުގެ ތެރޭގައި ކްލިއަރކުރުމަށް އިމިގްރޭޝަނުން ދަނީ މަސައްކަތްކުރަމުންނެވެ. ދުވާލެއްގެ މައްޗަށް ޕާސްޕޯޓު ހެއްދުމަށް އެވަރެޖްކޮށް 350 ރިކުއެސްޓް އަންނަކަންވެސް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.