މިއަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ޔޫރަޕްގެ ކޮލިފައިންގ ޕްލޭ އޮފްގައި އިންގްލަންޑާއި ގްރީސް ބައްދަލުކުރި ފުރަތަމަ ލެގު އިންގްލަންޑުން ކާމިޔާބު ކޮށްފިއެވެ.
ގްރީސްގައި ކުޅުނު މިމެޗު އިންގްލަންޑްގެ އަންހެން ޓީމު ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު އެއް ލަނޑުންނެވެ. މިމެޗުން އިންގްލަންޑް ދެ ލަނޑުގެ ތަފާތަކުން މޮޅުވި ނަމަވެސް އެޓީމަށް ލިބިގެންދާނެ އެންމެ ބޮޑު މާޔޫސްކަމަކަށް ވެގެންދާނީ މިމެޗުގައި ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފިދިއުމެވެ. އެހެން ނޫންނަމަ މިމެޗުގައި ތަފާތު ބޮޑު ނަތީޖާ އަކުން އިންގްލަންޑަށް ލީޑު ނެގުމުގެ ފުރުސަތު އޮތެވެ. މެޗުގެ ބޮޑުބައި އިންގްލަންޑުން ޑޮމިނޭޓްކުރި މިމެޗުގައި އެޓީމުންވަނީ 26 ހަމަލާ އުފައްދާފައެވެ.
މިމެޗުގައި އިންގްލަންޑުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޯޖިއާ ސްޓެންވޭއެވެ. މިމެޗުގައި އިންގްލަންޑް އިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މާޔާ ލެ ޓިސިއަރއެވެ. އަދި ފަހު ލަނޑު އޭގެ 4 މިނެޓް ފަހުން ކާމިޔާބު ކޮށްދިނީ އެލޭސިއާ ރޫސޯއެވެ. މިމެޗުގައި މީގެ އިތުރުންވެސް އިންގްލަންޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެގެންދިޔައެވެ. މިމެޗުގައި ގްރީސް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަލިސްޓީ ބްރޫކްސައީރެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުގެ ރޭ ލެސްޓަރގެ ކިންގ ޕަވަރ ސްޓޭޑިއަމްގައެވެ. އިންގްލަންޑުން ދެ ލެގަށް ބަލާ ގްރީސްގެ މައްޗަށް ކުރި ހޯދައިފި ނަމަ ދެން އަންނަ ބުރުގައި ބައްދަލުކުރާނީ ޔޫކްރެއިން އާއި ސްލޮވާކިއާގެ މެދުގައި ކުޅޭ ޕްލޭ އޮފް އިން ކުރި ހޯދާ ޓީމަކާއެވެ.
ސްލޮވާކިއާ އާއި ޔޫކްރެއިންގެ މެދުގައި ކުޅެމުންދާ ޕްލޭ އޮފްގައި ސްލޮވާކިއާގައި ކުޅުނު ފުރަތަމަ ލެގު ޔޫކްރެއިން އިންވަނީ 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައެވެ.
ޔޫރަޕްގެ ކޮލިފައިންގ ގައި ރޭ ވަނީ ޕްލޭ އޮފްގެ ފުރަތަމަ ލެގުގެ 16 މެޗު ކުޅެވިފައެވެ. ޕްލޭ އޮފް މިމެޗުތަކަށްފަހު ކުރި ހޯދާ 8 ޓީމުގެ ތެރެއިން ކޮލިފައިންގގައި ލީގު ރޭންކިންގ އަށް ބަލާ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތް ޓީމެއް ސީދާ ވޯލްޑް ކަޕަށް ކޮލިފައިވެގެންދާނެއެވެ. އަދި 8 ވަަނަ ޓީމު ޖެހޭނީ މިއަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ ފީފާ ޕްލޭ އޮފް މުބާރާތެއްގައި ވާދަ ކުރާށެވެ. މިއަންނަ އަހަރުގެ ވޯލްޑް ކަޕުން މިހާތަނަށް ޖާގަހޯދާފައިވަނީ ޔޫރަޕްގެ 4 ޓީމެވެ. އެއީ ޑެންމާކް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ސްޕެއިންއެވެ. މިއަންނަ އަހަރުގެ ޖޫން މަހުގެ 24 އިން ޖުލައި މަހުގެ 25 އަށް ކުރިއަށް ދާ ވިމެންސް ވޯލްޑް ކަޕްގައި 32 ޓީމު ވާދަކުރާނެއެވެ.