ޚަބަރު

އިހުސާން، އާރިފް އަދި އިފްރާހަށް ޕްރެޒިޑެންޓްސް އެވޯޑް އަރުވައިފި


  • އިހުސާނަކީ ދިވެހި ކުޅުންތެރިންގެ މެދުގައި އެންމެ މަގުބޫލު ކޯޗު

  • އާރިފަކީ ރާއްޖޭ ދުށް އެންމެ މޮޅު އެއް ޑިފެންސިވް މިޑްފިލްޑަރު

  • އިފްރާހަކީ ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކުން ފެނިފައިވާ ތަފާތު މޮޅު ކީޕަރެއް

ދިވެހި ފުޓުބޯޅައަށް އިހުސާން އަބްދުލް ޣަނީ (ސާންތީ)، މުހައްމަދު އާރިފް (ބަކާ) އަދި އިބްރާހީމް އިފްރާހް އަރީފް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް ޕްރެޒިޑެންޓްސް އެވޯޑް އަރުވައިފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވޯޑްސް ނައިޓު ބުރާސްފަތި ދުވަހުގެރޭ ކުރިއަށްދިޔައިރު، މި އެވޯޑް ނައިޓުގައި ވަނީ ދިވެހި ފުޓުބޯޅައަށް އަގު ނުކުރެވޭ ހިދުމަތްތަކެއްކޮށްދީފައިވާ ކޯޗު އިހުސާންއާ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފިލްޑަރު އާރިފްގެ އިތުރުން ހުނަރުވެރި ކީޕަރު އިފްރާހްގެ ހަނދާން އާކޮށް، ހިދުމަތުގެ އަގު ވަޒަންކޮށްފައެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އިހުސާން ނިޔާވީ މިދިޔަ އަހަރުގެ ތެރޭގައެވެ. އިހުސާން ފާހަގަވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ އަމިއްލަ ޖީބުން ހަރަދުކުރި ކޯޗެއްގެ ގޮތުގައެވެ. މިހާރުގެ ސީނިއާ ގައުމީ ޓީމުގައި ސްކޮޑުގައި އިހުސާންގެ އިރުޝާދުގެ ދަށުން ކުޅެން ފެށި ކުޅުންތެރިން ގިނައެވެ.

އިހުސާން ވަނީ ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައެވެ. އަދި 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓަންޓް ކޯޗަކީ ވެސް އިހުސާންއެވެ.

ކޯޗިންގެ އިތުރުން އިހުސާން ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުވެސް ފުރައިފައެވެ. މީގެ އިތުރުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގެ ޝެފް ޑި މިޝަންގެ ޒިންމާވެސް އަދާކޮށްފައިވެއެވެ.

މުހައްމަދު އާރިފް (ބަކާ) ނިޔާވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އާރިފް ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައިސް ވަރަށް ބޮޑަށް ބަލިވެ، އޭޑީކޭގައި ފަރުވާދެމުން ދަނިކޮށެވެ.

ގައުމީ ފުޓުބޯޅަ ޓީމާއެކު، 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އާރިފް އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންސިވް މިޑްފިލްޑަރެވެ. އާރިފް ވަނީ ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ގިނަ ކުލަބްތަކަކަށް ކުލެފައެވެ. އޭގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ވިކްޓްރީ ސްޕޯޓްސް ކުލަބް، ކުލަބް އީގަލްސް، ވީބީ އައްޑޫ އެފްސީ ހިމެނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިފްރާހް ނިޔާވީ ސްޓްރޯކެއް ޖެހި ފަރުވާދެމުން ދަނިކޮށެވެ.

ޒުވާން ގައުމީ ޓީމުތަކުގެ ގޯލު ބެލެހެއްޓި އިފްރާހް ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ. މީގެ އިތުރުން ގައުމީ ސީނިއާ ޓީމުގެ ސްކޮޑުން ވެސް އިފްރާހް ފެނިގެންދިޔައެވެ. އެންމެ ފަހުން އިފްރާހް ގައުމީ ސީނިއާ ސްކޮޑުގައި ހިމެނުނީ 2018 ވަނަ އަހަރުގައެވެ.