ރާއްޖޭގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިއާގެ މަގާމް 4 ވަނަ ފަހަރަށް ފާތުފަތު ޝާލިޔާ ހޯދައިފިއެވެ.
ޝާލިޔާ ވަނީ މީގެކުރިން 3 ފަހަރު އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދުމަށްފަހު ފުޓުބޯޅަ އާއި ދުރަށްޖެހިލުމަށްފަހު ފުޓްސަލްއަށް ބޮޑަށް ސަމާލުކަން ދީފައެވެ. ޝާލިޔާ އަލުން ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއި ގުޅުނީ 2025 ވަނަ އަހަރުއެވެ.
ޝާލިޔާ މީގެކުރިން އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާގެ މަގާމް ހޯދީ 2009، 2010 އަދި 2012 ވަނަ އަހަރެވެ.
ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަންގެ ގޮތުގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ޝާލިޔާ މޮޅު ކުޅުމެއްދެއްކި އިރު އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި އެފްއޭއެމް ވިމެންސް ލީގުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
ޝާލިޔާ މިވަގުތު ދަނީ ހަންގަރީގެ ބުދަޕެސްޓުގައި ހުންނަ ހަންގޭރިއަން ޔުނިވާސިޓީ އޮފް ސްޕޯޓްސް ސައިންސްގައި އިންޓަރނޭޝަނަލް ކޯޗިން ކޯސް ފުރިހަމަ ކުރަމުންނެވެ.
ޝާލިޔާގެ އިތުރުން މިއެވޯޑް ނޮމިނޭޓްވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އައިމިނަތު ލީޒާ އާއި ޝަޙްފާ ޝިއުތު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ މަރިޔަމް ނޫރާ އަދި ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަން މައީޝާ އަބްދުލް ހަންނާނެވެ.
ރާއްޖޭގައި އަންހެނުންގެ ފުޓުބޯޅަ، ކުލަބު ފެންވަރުގައި މެދުކެނޑިފައި އޮންނަތާ އަހަރުތަކެއް ފަހުން މިދިޔަ އަހަރު އެފްއޭއެމް އިން ވަނީ އެފްއޭއެމް ވިމެންސް ލީގުގެ ނަމުގައި އަންހެނުންގެ ފުޓުބޯޅައަށް އައު ދިރުމެއް ގެނެސްދީފައެވެ. އަދި މިއަހަރު އެފްއޭއެމުން ވަނީ ވިމެންސް ލީގުގެ އިތުރުން ޤައުމީ މުބާރާތްވެސް ބާއްވަން ތާވަލުކޮށްފައެވެ.