ޚަބަރު

އާޖެންޓީނާއާއެކު މެސީ ހޯދާފައިވާ ކާމިޔާބީތަކަށް ރޮނާލްޑޯގެ ތައުރީފް


  • ރޮނާލްޑޯ އާއި މެސީ ވަނީ ބެލޮން ޑިއޯ 13 ފަހަރު ކާމިޔާބު ކޮށްފަ

އާޖެންޓީނާ ޤައުމީ ޓީމާއެކު އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ހޯދާފައިވާ ކާމިޔާބީތަކަށް ޕޯޗުގަލްގެ ކެޕްޓަން އަދި މެސީގެ ދުވަސްވީ ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ތައުރީފް ކޮށްފިއެވެ.

މެސީއަށް ތައުރީފްކޮށް ރޮނާލްޑޯ ވާހަކަ ދައްކާފައިވަނީ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަ ކުރުމުގެ ގޮތުން އާޖެންޓީނާ އާއި ބެނިންގެ މެދުގައި ކުޅުނު ރަހްމަތްތެރި ކަމުގެ މެޗަށްފަހު ސޯޝަލް މީޑިއާގައި މެސީ އާންމުކުރި ޕޯސްޓަކަށް ޖަވާބުދީ ލިޔުނު މެސެޖެއްގައެވެ. ރޮނާލްޑޯގެ މެސެޖުގައި އޭނާ ވަނީ އާޖެންޓީނާ ދިފާއު ކުރުމުގައި މެސީ ވޭތުވެދިޔަ ގިނަ އަހަރު ތަކުގައި ކޮށްފައިވާ ބުރަ މަސައްކަތާއި އެކު އޭނާ ތާރީހްގެ ތެރެއިން ޖާގަހޯދާފައިވާކަން ފާހަގަކޮށް އަދި އެކަން މުޅި އުމުރަށް ދެމި ހުންނާނެ ކަމަށް ބުނެފައެވެ. އަދި އާޖެންޓީނާ އާއެކު މެސީ ހޯދާފައިވާ ގިނަ ގުނަ ކާމިޔާބީތަކަށް ރޮނާލްޑޯ ފުރިހަމައަށް އިހްތިރާމް ކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ރޮނާލްޑޯ އާއި މެސީގެ ކެރިއަރ ގޮސްފައިވަނީ ގާތްގަނޑަކަށް އެެއް މިސްރާބަކަަށެވެ. މިގޮތުން މިދެ ކުޅުންތެރިންވަނީ ކްލަބް ލެލެވްގެ އިތުރުން ބައިނަލްއަޤްވާމީ ފުޓްބޯޅައިގާވެސް ގިނަ ފަހަރުތަކެއް މަތިން ބައްދަލުކޮށް ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން މިދެކުޅުންތެރިންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދި މިވާދަވެރިކަން ގިނަ އަހަރު ތަކަކަށް ދެމިގެން ގޮސްފައެވެ. އަދި މިވާދަވެރިކަން އަދިވެސް މިދެ ކުޅުންތެރިންނާއި މިދެ ކުޅުންތެރިންނަށް ތާއީދު ކުރާ ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑަށް އޮވެއެވެ.

މިގޮތުން މިދިޔަ 15 އަހަރަށް ވުރެ ގިނަ ދުވަހު، އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮން ޑިއޯ އެވޯޑްވަނީ މިދެކުޅުންތެރިންނަށް 13 ފަހަރު ލިބިގެން ގޮސްފައެވެ. އަދި މިދެކުޅުންތެރިންގެ ވާދަވެރިކަން އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ ސްޕެނިޝް ލަލީގާގެ އެންމެ ވާދަވެރި ދެކްލަބް ކަމަށްވާ ރެއާލް މެޑްރިޑާއި އެފްސީ ބާސެލޯނާއަށް މިދެ ކުޅުންތެރިން ކުޅުނު ދުވަސްވަރުއެވެ. މިގޮތުން 9 ސީޒަންގައި ރެއާލް އަށް ކުޅެމުންދިޔަ ރޮނާލްޑޯ އާއި ބާސާއެކު ކުޅެމުންދިޔަ މެސީގެ މެދުގައި ފެނިގެންގޮސްފައެވެ.

އުމުރުން 39 އަހަރުގެ މެސީ އާޖެންޓީނާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާކަން ހާމަކޮށްފައިވަނީ މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވިތާ ދުވަސްކޮޅެއް ފަހުންނެވެ. އަދި އޭނާ ޤައުމީ ޓީމަށް ކުޅުނު ފަހު މެޗަކަށް ވެގެންދިޔައީ ބެނިން އާއި ކުޅެ 3 ލަނޑު ސުން ލަނޑުން މޮޅުވިމެެޗެވެ. 85 ހާސް ކުޅިބެލުންތެރިން ކުރިމަތީ އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި މެސީވަނީ އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން ފަހު ލަނޑު ޖަހައިދީފައެވެ. އަދި އެމެޗުގައި އޭނާވަނީ އިތުރު ދެ އެސިސްޓްވެސް ކޮށްފައެވެ.

މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އިތުރުން 2021 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބު ކޮށް އަދި 2022 ވަނަ އަހަރު ދެކުނު އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު ފިނާލިސީމާ ކާމިޔާބު ކޮށްފައެވެ.

މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަވެސް އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ ވިސްނުމުގައި ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް މިވަގުތު ނެތެވެ. މިދެ ކުޅުންތެރިން އެންމެ ފަހުން ދަނޑުމަތިން އެއްކޮށް ފެނިގެން ގޮސްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ސައުދީ އަރަބިއާގައި ކުޅުނު އެގްޒިބިޝަން މެޗެއްގައެވެ. މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައަށް އަލްވަދާއުކީ ނަމަވެސް ކްލަބް ފުޓްބޯޅައިގާ އަދި ދެމި ހުންނާނެއެވެ. މިގޮތުން އޭނާ މިހާރު ކުޅެމުންދަނީ މޭޖަރ ލީގު ސޮކަރގެ އިންޓަރ މައާމީ އާށެވެ.