ޚަބަރު

ޖަލު އޮފިސަރުންގެ އަސާސީ ތަމްރީނުތައް 32 ބައިވެރިން ފުރިހަމަކޮށްފި


  • އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ހަމްނާ ނައީމް

  • މި ތަމްރީނުގައި 33 ދަރިވަރުން ބައިވެރިވި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށްގެންދާ "ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ" ޕްރޮގްރާމްގެ ތިންވަނަ ބެޗުގައި 32 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

މާފުށީ ޖަލުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި ދާޚިލީ ވުޒާރާ އާއި ކަރެކްޝަންސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަރެކްޝަންސް އިން މައުލޫމާތު ދެއްވާ ގޮތުގައި ޖަލު އޮފިސަރުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގެ 3 ވަނަ ބެޗުގައި ބައިވެރިވި 33 ބައިވެރިންގެ ތެރެއިން 32 ބައިވެރިން ވަނީ ތަމްރީން ފުރިހަމަކޮށްފައެވެ.
މީގެ ތެރޭގައި އިންޑަކްޝަން ޓްރޭނިންގ ހަދާފައިވާ ތިން އޮފިސަރުން ހިމެނޭ ކަމަށްވެސް އެ ޚިދުމަތުން މައުލޫމާތު ދެއްވައެވެ.

މި ތަމްރީނު ކޯހަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ. މިއީ ކަރެކްޝަންސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

ކަރެކްޝަންސްއިން ވިދާޅުވާގޮތުގައި ޤައިދީން އިސްލާޙުކޮށް، ކުރިއަށްދާންވީމަގު ހޯދުމަށް އެހީތެރިވުމުގައި ޖަލު އޮފިސަރުން އަދާކުރާ ރޯލުގެ މުޙިންމުކަން ދޭހަކޮށްދިނުމުގެ ގޮތުން، ފުރަތަމަ ފަހަރަށް މި ކޯހުގައި "އިންޓްރޮޑަކްޝަން ޓު ރިހެބިލިޓޭޝަން" މޮޑިއުލެއް ވަނީ އެކުލަވާލާފައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިންނާ މުޙާތަބުކުރައްވައި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ އޮފިސަރުންގެ ޔުނީފޯމަކީ ޤައުމީ ވާޖިބާއި ޖިހާދުގެ މަތިވެރި އަހުދުކަމަށާއި، ބެޖުގައިވާ ދިދައަކީ ދިވެހި ރައްޔިތުން އޮފިސަރުންނަށް ކުރައްވާފައިވާ އިތުބާރުކަމަށެވެ. އަދި އެ އޮފިސަރުން ކުރާ ހުވައަކީ ކިޔާލާ ލަފުޒުތަކެއް ނެހެދުމަށާއި އެއީ ޤައުމަށާއި ރައްޔިތުންގެ ހިމާޔަތާއި ޚިދުމަތަށް، ޤާނޫނު ނެގެހެއްޓުމަށާއި ދެމެހެއްޓުމަށް ވެވުނު ވަޢުދެއްކަން ހަނދުމަކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ޖަލު އޮފިސަރިންގެ ހުވައަކީ ކަރެކްޝަންސްގެ ޚިދުމަތްތައް ހިތްތިރިކަމާއި ހިތްހެޔޮކަމާއި ނަޒާހަތްތެރިކަމާއެކު ދަމަހައްޓާނެ ކަމުގެ ވަޢުދެއް ކަމަށާއި ޤާނޫނާ ޚިލާފުކަންކަމަށް ހަރުއަޑުން ނޫނެކޭ ބުނުމަށާއި ޤައިދީންނަށް އިންސާނިއްޔަތްތެރިކަމާއެކު ޢަމަލުކުރާ އަދި މައިންބަފައިންގެ ކަރާމާތް ދަމަހައްޓާ ވަޢުދެއްކަަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި ޤައިދުކުރެވިފައިވާ ފަރާތްތަކަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައްކަން ފާހަގަކުރައްވައި އެ ފަރާތްތަކުގެ އިންސާނީ ކަރާމާތް ގެއްލުވާނުލައި، އަސާސީ ޚިދުމަތްތައް ފޯރިކޮށްދީ، އެ ގައިދީންނަށް ހިތްވަރުދީ، އުއްމީދުތައް އާލާކޮށްދޭނެ ބަޔަކަށް އޮފިސަރުންވާންޖެހޭ ކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓާއި ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑައްޔާއި ޕްލާކް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މި ތަމްރީނުގައި އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ހަމްނާ ނައީމްއެވެ. އަދި ޕްރޮގްރާމްގެ ފިޓަސްޓް ފިރިހެން އަދި އަންހެން އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް މުޙައްމަދު ދާނިޝް ފަޠުހުﷲ އާއި ޕްރިޒަން ޕްރައިވެޓް ޒުމްރާ އަޙްމަދެވެ.

މި ތަމްރީނުގައި ޗާލީ ޕްލެޓޫނުން އެންމެ މޮޅު އޮފިސަރަކަށް ޕްރިޒަން ޕްރައިވެޓް މުޙައްމަދު އައިހަމް ޙަސަން ހޮވިފައިވާއިރު، އައިވަރީ ޕްލެޓޫނުން ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ލޫޠު އިބްރާހިމެވެ. އަދި އެންމެ މޮޅު ޕްލެޓޫނަށް ހޮވިފައިވަނީ ޗާލީ ޕްލެޓޫނެވެ.