ޚަބަރު

"ނަފުސާނީ ބަލިތަކުގެ ތަސައްވުރު ބަދަލުކޮށް، އެހީތެރި މާހައުލެއް ޤާއިމުކުރަންޖެހޭ"


  • އެހީތެރިކަން ފޯރުކޮށްދޭ ގޮތުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އާދޭ

  • އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ

ނަފުސާނީ ބަލިތަކާ ގުޅުވައިގެން ގެންގުޅޭ ނުބައި ތަސައްވުރުތައް ނައްތާލައި، އެންމެންގެ އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެންނަށް ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމައުތަކާއި، އަޅުގަނޑުމެންގެ ވަށައިގެންވާ މީހުންގެ ސަބަބުން ބައްޓަންވަމުންދާ ކަމެއްކަމަށެވެ. އެއީ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ގޭބިސީތަކާއި، މަދަރުސާތަކާއި، މަސައްކަތުގެ މާހައުލުގެ އިތުރުން މުޅި މުޖުތަމައުގެ ތެރެއިން ބައްޓަންވަމުން އަންނަ ކަމެއްކަމަށް ވިދާޅުވިއެވެ. އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައި، އެހީތެރިކަން ފޯރުކޮށްދޭ ގޮތުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަތުވެދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، ނަފްސާނީ ދަތިތަކާ ކުރިމަތިލަމުންދާ ފަރާތްތަކަކީ، ހަގީގީ އެހީތެރިކަމަކީ ކޮބައިކަން އެންމެ ފުރިހަމައަށް ބުނެދެވޭނެ ފަރާތްތައްކަން ބަލައިގަންނަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، ނަފުސާނީ ދުޅަހެޔޮކަމާ މެދު މުޖްތަމައު ގެންގުޅޭ ވިސްނުމާއި ބަސްމަގު ބަދަލުކޮށް، އެހީތެރިކަން ހޯދުމަށް ހިތްވަރުދީ، ބޭނުންވާ ކޮންމެ މީހަކަށްމެ އެހީތެރިކަން ލިބެންހުރިކަމުގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.


ނަފުސާނީ ބަލިތަކާ ގުޅުވައިގެން ގެންގުޅޭ ނުބައި ތަސައްވުރުތައް ނައްތާލައި، އެންމެންގެ އަޑުވެސް އަހާ، އަދި އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ގޮވާލައްވާފައެވެ.

ނަފްސާނީ ދުޅާހެޔޮކަމަކީ އިންސާނާގެ ވިސްނުމާއި، އިހުސާސްތަކާއި، އަދި އުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިގެންވުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް %13 މީހުން ވަނީ ނަފްސާނީ ނުވަތަ ނިއުރޯލޮޖިކަލް ޙާލަތަކަށް ހުށަހެޅިފައެވެ. މި ޙާލަތްތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރުތައް ކުރެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ " ލިވްޑް އެކްސްޕީރިއަންސަސް ހާރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މިއެވެ.