ޚަބަރު

ޓޮޓްނަމް އާއި ޔުނައިޓެޑް އެއްވަރުވެ ކެރިކަށް ޕްރެޝަރު ބޮޑުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި 74 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވިއިރިރު ޔުނައިޓެޑަށް 6 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު އޮތީ ތާވަލުގެ 12 ވަނައިގައެވެ. ޓޮޓްނަމް އަށް 6 މެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު އޮތީ ތާވަލުގެ 18 ވަނައިގައެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 73 ވަނަ މިނިޓުގައި ބްރަޔަން އެމްބުއޭމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޔުނައިޓެޑް އިން ލަނޑެއް ޖަހާ ކުރި ހޯދިތާ ފަސްވަނަ މިނިޓުފަހުން ޓޮޓްނަމްގެ ރޮޑްރިގޯ ބެންޓަންކޫ ޔުނައިޓެޑްގެ ލޫކް ޝޯއަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ޓޮޓްނަމުން ކުޅުނު ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ޑޮމިނިކް ސޮލާންކޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި ނަތީޖާއާއެކު މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗަށް ވަނީ އިތުރު ޕްރެޝަރުތަކާއި ކުރިމަތިލާން ޖެހިފައެވެ. އިދިކޮޅު ޓީމުން 10 ކުޅުންތެރިންނާއިއެކު ކުޅުނު ނަމަވެސް މި ސީޒަނުގައި މިއީ ޔުނައިޓެޑަށް އެ ޓީމުތައް ބަލިނުކުރެވުނު ދެވަނަ މެޗެވެ. މީގެ ކުރިން ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުވެސް ނިމިގެން ގޮސްފައިވަނީ މިފަދަ ގޮތަކަށެވެ.

އަދި މި މެޗުގައި ޔުނައިޓެޑުން ދައްކާފައިވާ ދަށް ކުޅުމާޢިއެކު ސަޕޯޓަރުންގެ ނުރުހުންވަނީ ކޯޗު މައިކަލް ކެރިކަށް އަމާޒުވެފައެވެ.