ކުޅިވަރު

ސްޕޯރޓްސް ކޮމްޕްލެކްސްގެ ފްރޭމް ވޯރކް އެގްރިމަންޓްގައި ސޮއިކޮށްފި


ހުޅުމާލޭގައި އެޅުއްވުމަށް ހަމަޖެހިފައިވާ ސްޕޯރޓްސް ކޮމްޕްލެކްސްގެ ފްރޭމް ވޯރކް އެގްރިމަންޓްގައި ޔޫތް މިނިސްޓަރީއާއެކު އެޗް.ޑީ.ސީން މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވެވި މިކަމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމްއެވެ. ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޔޫތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ މި ކޮމްޕްލެކްސްއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެގޮތް ހައްދަވައިދެއްވުމުގެ ގޮތުން ހިންގަވާ ބިޔަ މަޝްރޫޢެއް ކަމަށާއި މި މަޝްރޫޢަކީ ހުޅުމާލެ ޔޫތް ސިޓީއަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫޢުކަމަށެވެ. މި ސްޕޯރޓްސް ކޮމްޕްލެކްސްގެ ސަބަބުން ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ ވަޞީލަތްތަކުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސްޕޯރޓްސް ކޮމްޕްލެކްސް މުޅިން ނިމޭއިރު ބައިނަލްއަޤްވާމި ފެންވަރުގައި ގިނަ ކުޅިވަރު ކުޅެވޭނެ ކޯޓްތަކެއް ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބިޔަ މަޝްރޫޢު މުޅިން ނިމޭއިރު ޖުމްލަ 40 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ މި ސްޕޯރޓްސް ކޮމްޕްލެކްސްއަކީ ގިނަ ކުޅިވަރުތަކެއް އެއްތަނަކުން ކުޅެވިގެންދާނެ ބޮޑު ކޮމްޕްލެކްސްއެއް ކަމަށާއި ހުޅުމާލޭގައި ހުރި ހުސްބިންތަކުގައި ހެދިގެންދާ މި ކަހަލަ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.