ޚަބަރު

ފޭދޫގަ ޔޫތް ސިޓީއެއް ތަރައްޤީކުރުން - ރައްޔިތުންގެ އުންމީދެއް


އައްޑޫ ސިޓީގެ ފޭދޫގައި ސަރުކާރުން ހިއްކަވައި ނިންނަވާފައިވާ ބިން، ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރެއްވުމަކީ އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އުންމީދުކަމުގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

އައްޑޫ މީޑިއާ ސެންޓަރު ހުޅުވުމަށްފަހު އެސިޓީން ވަގުތުން ގެނެސްދިން ފުރަތަމަ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، ރާއްޖޭގެ އެހެން އަތޮޅުތަކޭ އެއްފަދައިން އައްޑޫ ސިޓީގައިވެސް ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފަށްޓަވައިގެން ކުރިއަށްގެންދަވާކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދަވާ ބިންހިއްކެވުމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނުއްވައިގެން 168 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން އައްޑޫސިޓީ ފޭދޫގައި 50 ހެކްޓަރުގެ ބިން ހިއްކަވާ ނިމިފައިވާއިރު، އިބްރާހިމް ދީދީ ވިދާޅުވީ، އެބިމުގެ ލޭންޑުޔޫސް ޕްލޭނަށްގައިވަނީ، ހުޅުމާލެއެކޭ އެއްފަދައިން ޒުވާނުންނާއި ގުޅުންހުރި މަޝްރޫޢުތަށް ކަމަށާއި، ފޭދޫ ޔޫތު ސިޓީއަކަށް ތަރައްގީ ކުރައްވާނެކަމުގެ ވިސްނުންފުޅެއް ސަރުކާރުން ގެންގުޅުއްވާކަން އެކަމުން ދޭހަވާކަމަށެވެ.

img:http://s4.psmnews.mv/images/660x400/14630328134801.jpg|އައްޑޫ ސިޓީ ފޭދޫ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އަންނަ އަހަރަށް ލަފާކުރައްވައި ސަރުކާރުން ހުށައަޅުއްވާފައިވާ ބަޖެޓުގައި އައްޑޫ ސިޓީގެ ތައްރައްޤީއަށް 265 މިލިޔަން ރުފިޔާގެ ހޭދަކުރެއްވުމަށްވަނީ ލަފާކުރައްވާފައެވެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ލަފާކުރައްވާފައިވާ ބަޖެޓާ ގުޅޭގޮތުން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރގެ ނާއިބުޢަބްދުލް ޙަލީމް އަބްދުލްޤަފޫރު ވިދާޅުވީ، ސިއްޙީ ޚިދުމަތްތައް މުޅި ރާއްޖޭގައި ފުޅާވަމުންދާއިރު، އައްޑޫ ސިޓީގެ އެކި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދެއްވާ ތަންތަނުގެ ފެންވަރު ރަނގަޅު  ކުރެއްވުމަށް ބަޖެޓުތެރެއިން ގިނަ ސަޕޯޓްތަކެއް ދޭން ކަނޑައެޅިފައިވާކަމަށެވެ.

އަދި އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތަށް ބަޖެޓުން ބޭރުންވެސް އެހީ ހޯއްދެވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމުގައި ޢަބްދުލް ޙަލީމް ޢަބްދުލްޤަފޫރު ވިދާޅުވިއެވެ.

ޞިއްޚީ ދާއިރާގެ އިތުރުން އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދަވާ ހައުސިންގެ މަޝްރޫޢުތަކާއި، ފެނާއި، ނަރުދަމާގެ މަޝްރޫޢުތަށް ނިމެމުންދާ ހަލުވިމިނަށް ރައްޔިތުން ވަރަށް ހިންހަމަޖެހިވަޑައިގެން ތިއްބިވިކަމުގައި ފޭދޫ ރާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވިއެވެ.