ލުބުނާނުގެ ދިފާޢީ އަދި ސަލާމަތީ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި، ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކުރިއަށް އޮތް 3 އަހަރުގެ މުއްދަތަށް އެހީ ދިނުމުގެ މަސައްކަތެއް އިޢުލާނުކޮށްފިއެވެ.
މިއީ ލުބުނާނުގެ މިނިވަންކަމާއި، ސިޔާދަތާއި، އަދި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް އީޔޫއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެކެވެ.
އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރަކާ އެއްގޮތްވާ ގޮތުގެ މަތިން، ލުބުނާނުގެ ޞުލްޙަމަސަލަސްކަމާއި ހަމަޖެހުމަށް ވާގިވެރިވުމުގެ ގޮތުން "އީޔޫ ސަޕޯޓް މިޝަން އިން ލެބަނަން" (އީޔޫއެސްއެމް ލެބަނަން) ޤާއިމުކުރުމަށް އީޔޫ ކައުންސިލުން ފާސްކުރީ ހޯމަ ދުވަހުއެވެ. މި މިޝަންގެ މައިގަނޑު އަމާޒަކީ ލުބްނާނުގެ އަސްކަރިއްޔާއާއި މަދަނީ ސަލާމަތީ ފައުޖުތަކުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.
އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޔާ ކާލަސް ވިދާޅުވީ، މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ މި މަސައްކަތް ފެށުމަށް އިއްތިފާޤުވެވަޑައިގެންފައެވެ. އަދި މި މަސައްކަތުގެ ސަބަބުން ލުބުނާނުގެ ސަރަޙައްދީ ކޮންޓްރޯލް ވަރުގަދަކުރުމަށާއި، ސަރަޙައްދީ ރޮނގުތައް ހިމާޔަތްކުރުމުގެ އިތުރުން، އެތެރޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް ލުބްނާނުގެ ސަލާމަތީ ބާރުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާ ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ސަލާމަތީ ގުޅުންތަކަށް މި އައި ކުރިއެރުމާއެކު، ލުބުނާނުގެ ރައްޔިތުންނަށް ފުރިހަމަ ސިޔާދަތު އަލުން ހޯދައިދިނުމަށާއި ދެމެހެއްޓެނިވި ހަމަޖެހުމެއް ޤާއިމުކުރުމަށްޓަކައި އެ ޤައުމުގެ މުއައްސަސާތަކަށް ދެމުންގެންދާ އެއްބާރުލުން އިތުރަށް ވަރުގަދަކުރާނަން،" ކާލަސް ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަސްކަރީ އަދި މަދަނީ ދާއިރާ ގުޅިލާމެހޭ ގޮތަށް، އެއް ސިޔާސީ އޮނިގަނޑެއްގެ ދަށުންނެވެ. އަސްކަރީ ދާއިރާއިން އިސްކަންދޭނީ ސިފައިންނަށް ބޭނުންވާ ތަމްރީނާއި ފަންނީ ލަފާ ފޯރުކޮށްދިނުމަށެވެ. މީގެ ތެރޭގައި އެއްގަމާއި ކަނޑުގެ ސަރަޙައްދީ ރޮނގުތައް ބެލެހެއްޓުމާއި، ޖާސޫސީ މަޢުލޫމާތު ހޯދައި، ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ވަގަށް މުދާ އެތެރެކުރުން ހުއްޓުވުމުގެ އިތުރުން، މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުން ވަރުގަދަކުރުން ހިމެނެއެވެ. މަދަނީ ދާއިރާއިން ސަލާމަތީ ފައުޖުތަކަށް ޚާއްސަ ތަމްރީނުތައް ފޯރުކޮށްދީ، ދެމެހެއްޓެނިވި ތަމްރީނު ނިޒާމުތަކެއް އެކުލަވާލުމަށް އެހީތެރިކަން ދޭނެއެވެ.
އީޔޫ ކައުންސިލްގެ މި ނިންމުމާއެކު، މިޝަން ޢަމަލީ ގޮތުން ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތަކާއި ރޭވުންތައް މިހާރު ވަނީ ފަށައިފައެވެ.
ލުބުނާނުގެ ރައީސް ޖޯސެފް ޢަޔޫން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ ލުބުނާނުގެ ސަލާމަތާއި ހަމަޖެހުމަށް ވިލާތުގެ ޤައުމުތަކުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ޤާނޫނީ މުއައްސަސާތައް ހަރުދަނާކޮށް، މުޅި ޤައުމަށް ދައުލަތުގެ ބާރު ހިންގުމަށާއި، ސަރަޙައްދީ ރޮނގުތައް ރައްކާތެރިކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނު މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ. މީގެއިތުރުން، މި ފިޔަވަޅަކީ ހަތިޔާރު ގެންގުޅުން ހަމައެކަނި ޤާނޫނީ ބާރުތަކަށް ޚާއްސަކުރުމަށް ލުބްނާނު ސަރުކާރުން ގެންގުޅޭ ރަސްމީ ސިޔާސަތާ ފުރިހަމައަށް އެއްގޮތްވާ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މިއީ ޤައުމާއި ރައްޔިތުންގެ ސަލާމަތް ރައްކާތެރިކުރުމުގެ ޒިންމާ އުފުލާ ސިފައިންނާއި މަދަނީ ފައުޖުތަކަށް އޮތް އިތުބާރުގެ ހެއްކެއް ކަމަށް ވިދާޅުވެ، އީޔޫއަށާއި އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލުބުނާނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުން، މިއީ ޤައުމުގެ ހަމަޖެހުމާއި ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ލިބުނު ވަރަށް މުހިންމު ބާރެއް ކަމުގައިވެސް ވިދާޅުވިއެވެ.