ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ޤައުމުތަކަށް އެކަނި ބޭސްފަރުވާއަށްދޭ 1000 ޑޮލަރު ދޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހަމަޖައްސައިފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ، މިގޮތަށް އަމިއްލަ ޚަރަރުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހީންނަށްދޭ 1000 ޑޮލަރު ދޭނީ 6 ޤައުމަކަށްކަމަށެވެ. އެ ޤައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫ.އޭ.އީއެވެ.
މިގޮތަށް ހަމަޖެއްސީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ އަދަދުތަކެއްކަން ޔަޤީންކުރުމަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
2026 ވަނަ އަހަރު ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިޔަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރު މި މުއްދަތާ އަދަދާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރުފައިސާއެވެ.
2025 ވަނަ އަހަރު އޮގަސްޓް މަހުން ފެށިގެން، އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް 1000 އެމެރިކާ ޑޮލަރު ވިއްކަން ފެށުމާއެކު، ބޭސްފަރުވާއަށް ޑޮލަރު ވިއްކި ޖުމުލަ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައިކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް 29.2 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ.
އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކުތައް މެދުވެރިކޮށެވެ. އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށްދޭ 2000 ޑޮލަރު ކުރިއެކޭ އެއްގޮތަށް ލިބޭނެކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.