ޚަބަރު

ނޭޕާލުގެ ފެންބޮޑުވުން: 100 އަށްވުރެ ގިނަ ފަތުރުވެރިން ތާށިވެފައި!


ނޭޕާލުގެ މެދުތެރޭ ސަރަޙައްދުގައި ކޯރެއް ބަންދުވެ، ކުއްލިއަކަށް އައި ފެންބޮޑުވުމެއްގެ ސަބަބުން ޓްރެކިންގ ހަދަމުންދިޔަ ބޭރުގެ 100 އަށްވުރެ ގިނަ ފަތުރުވެރިން އެކި ހިސާބުތަކުގައި ތާށިވެއްޖެއެވެ.

މި ހާދިސާ ދިމާވީ ނޭޕާލުގެ ގޯރްޚާ އަވަށުގައި "ބޫޑީ ގަންޑަކީ" ކޯރު ބަންދުވެ، އުފެދުނު ފެންބޮޑުވުމާ ގުޅިގެން ކަމަށް، މަނާސްލޫ ޓްރެކިންގ ސަރަޙައްދުގައި ފަތުރުވެރިން ތާށިވެފައިވާ ކަމަށް މަނާސްލޫ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ، ބުވަން ރާޖް އޮޖްހާ މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ބައެއް މަގުތައް ހަލާކުވެފައިވާއިރު، އެނބުރި ދާން ބޭނުންވާ ފަތުރުވެރިން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ދަތުރު ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ސަރަޙައްދުތަކުން އެ ފުރުސަތު އެބައޮތް ކަމަށާއި، މަގުމަތީގައި ހުރި ރެސްޓޯރެންޓުތަކާއި ކެފޭތައް އަދިވެސް ރައްކާތެރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ކަތުމަންޑޫއާ ހުޅަނގުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި އޮންނަ ގޯރްޚާ އަވަށުގައި ވޭތުވެދިޔަ އާދީއްތަ ދުވަހުއެވެ. އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، ހޯމަ ދުވަހު އަސްކަރިއްޔާއިން ވަނީ 12 ބިދޭސީން ހިމެނޭހެން 321 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި ކޯރުގެ ފެންގަނޑު ދަށްވަމުން ދިޔަ ނަމަވެސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އަންގާރަ ދުވަހުވެސް ކުރިއަށްދާނެ ކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މި ކޯރަކީ ވޭތުވެދިޔަ އޮގަސްޓު މަހު 1,457 މީހުން މަރުވެ އެތައް ބަޔަކު ގެއްލުނު ގްލޭސިއާ ކާރިސާ ހިނގި ސަރަޙައްދާ ގުޅިފައިވާ ކޯރުގެ ގޮތްޕެކެވެ.

މި ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އޮއިވަރާއެކު އައި ކިސަޑާއި ކުނިބުނީގެ ސަބަބުން 200 އަށްވުރެ ގިނަ ގެދޮރާއި، ތިން ހައިޑްރޯއެލެކްޓްރިކް ޕްލާންޓް ހިމެނޭހެން މުހިންމު އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން ފަސް އަވަށަކުން މުވާސަލާތީ ޚިދުމަތްތައް ކެނޑި، ވަނީ އެކަހެރިވެފައިވެއެވެ. ޖަގަތު އަވަށުގައި ތާށިވެފައިވާ ބަންގްލަދޭޝްގެ ފަތުރުވެރިއެއް ކަމަށްވާ އެމް.ޑީ ޝަހާދަތު ހުސައިން ބުނެފައިވަނީ، އޭނާއާއެކު ތިބި ބަންގްލަދޭޝްގެ 9 މީހުން ހެލިކޮޕްޓަރެއްގެ އެހީގައި ސަލާމަތްވާނެ އިރަކަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ. އަދި އެ ސަރަޙައްދުން ކަރަންޓާއި މުވާސަލާތީ ޚިދުމަތް ކެނޑި، ކާބޯތަކެތި ހުސްވަމުންދާ ކަމުގެ ކަންބޮޑުވުންވެސް އޭނާ ފާޅުކުރިއެވެ.

މި ކާރިސާއާ ގުޅިގެން ގޯރްޚާ އަވަށުގެ އިތުރުން ތަނަހޫން، ޗިތުވާން އަދި އިރުމައްޗާއި ހުޅަނގު ނަވަލްޕަރާސީގެ ކޯރު އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.