ޚަބަރު

ހުޅަނގު އައްސޭރިން ގެދޮރު ގެއްލުނު މީހުން އެނބުރި އައުމަށް ހުރަސްއަޅަނީ


ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އުތުރުގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން އެނބުރި އެ މީހުންގެ ވަޒަނަށް އައުމުގެ ފުރުޞަތު ނުދޭނެ ކަމަށް ބުނެ، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަމާ ދެކޮޅު ހަދައިފިއެވެ.

އަދި އެ ސަރަހައްދުގައި އިސްރާއީލުގެ އަސްކަރިއްޔާ ދާއިމީ ގޮތެއްގައި ބާރުވެރިކަން ދަމަހައްޓާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ނަތަންޔާހޫގެ އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ފެންނަ ގޮތުގައި، އޭނާ މި މޭރުމުން ވާހަކަދެއްކީ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒާއި ސިފައިންގެ އިސް ކޮމާންޑަރުންނާއެކު ތުލްކަރަމް ރެފިއުޖީ ކޭމްޕު ކައިރިއަށް ކުރި ޒިޔާރަތެއްގައެވެ. ގެދޮރު ގެއްލިފައިވާ އާބާދީތަކާ ގުޅޭގޮތުން ޔަހޫދީންގެ ސުޕްރީމް ކޯޓުން ދާދިފަހުން ނެރުނު އަމުރަށް ސީދާ ގޮންޖަހައި، ފަލަސްޠީނުގެ ނިކަމެތި ރައްޔިތުން ސިފަކުރަމުން ނަތަންޔާހޫ ބުނީ، މިއީ އާންމު ރައްޔިތުން ނޫން ކަމަށާއި އެއީ "ޓެރަރިސްޓުން" ކަމަށެވެ.

މީގެއިތުރުން، އުރުދުން ކޯރުގެ ހުޅަނގަށް ޢަރަބި އެއްވެސް އަސްކަރީ ބާރަކަށް ޖާގަ ނުދޭނެ ކަމަށް ބުނެ، މުޅި ސަރަޙައްދުގެ ފުރިހަމަ ކޮންޓްރޯލް ދަމަހައްޓާނީ ޔަހޫދީންގެ އަސްކަރިއްޔާއިން ކަމުގައި އޭނާ އަލުން ތަކުރާރުކުރިއެވެ.

ނަތަންޔާހޫ މިފަދައިން ބުނެފައިވާއިރު، ޖިނީން، ތުލްކަރްމް އަދި ނޫރު ޝަމްސް ރެފިއުޖީ ކޭމްޕުތަކުން ގެދޮރު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތުން އެނބުރި ގެނައުމަށް އެކަށީގެންވާ ތާވަލެއް އެކުލަވާލައި، އެ އިންތިޒާމުތައް އަވަސްކުރުމަށް ޔަހޫދީންގެ ސުޕްރީމް ކޯޓުން ވަނީ ޔަހޫދީ ދައުލަތް ހިންގާ ސަރުކާރަށް އަމުރުކޮށްފައެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން، ގެދޮރު ގެއްލިފައިވާ އެތައް ހާސް ރައްޔިތުންނަކަށް އެނބުރި އައުމުގެ ޙައްޤު ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ހަނިކޮށްފައެވެ.

ހަމައެއާއެކު، ކުރިއަށް އޮތް އިންތިޚާބުތަކުގެ ކުރިން ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) ގެ ސަލާމަތީ ބާރުތަކުން ޔަހޫދީ ދައުލަތާ ދެކޮޅަށް ހަތިޔާރު ނަގާނެކަމަށް ތުހުމަތުކޮށް، ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމުގެ އިންޒާރުވެސް ނަތަންޔާހޫ ދިނެވެ. އަދި އެފަދަ ޙާލަތަކަށް އަސްކަރިއްޔާއިން ތައްޔާރުވެފައިވާ ކަމަށް ބުނެ، ޔަހޫދީންގެ ބާރާ ކުރިމަތިލާން މަސައްކަތް ނުކުރުމަށް ގޮވާލައި އޭނާ ވަނީ ބިރުދެއްކުމުގެ ބަސްތައް ރައްދުކޮށްފައެވެ.

މިދަނޑިވަޅުގައި، ފަލަސްޠީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ހާމަކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޔަހޫދީ ސިފައިން ހިންގި އަނިޔާވެރި އަމަލުތަކުގައި ފަލަސްތީނުގެ 4 މީހަކު ވަނީ ޒަޚަމްވެފައެވެ. އެގޮތުން ރަމަﷲ ގެ ހުޅަނގުގައި އޮންނަ ދެ އަވަށަކަށް ޔަހޫދީ ސިފައިން ދިން ހަމަލާތަކެއްގައި، ރަބަރު ވަޒަނެއް ބޮލަށް އަރައިގެން ފަލަސްޠީނުގެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ހަސްފަތާލަށް ގެންދަން ޖެހުނެވެ. އަދި ޖިނިންގެ ހުޅަނގު އުތުރުގައި އޮންނަ އަލް-ޔާމޫންގައި، ޔަހޫދީންގެ އަސްކަރީ ޖީޕަކުން ގަސްދުގައި ޖައްސައި ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތިން މީހަކު ޒަޚަމްވެ، ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

ފަލަސްޠީނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަހޫދީ ސިފައިން ވަނީ ޖިނިންގެ އިރުމައްޗަށް ވަދެގަނެ، އެ ސަރަހައްދުގެ ބޭކަރީއެއްގެ ތެރޭގައި ތިބި އެތައް ޒުވާނުންނަކަށް އަނިޔާކޮށް، ސުވާލުކުރުމުގެ ނަމުގައި އާންމުންގެ ބަޔަކު ހިފަހައްޓަައިފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން، ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނަށާއި އެ މީހުންގެ ގެދޮރާއި މުދަލަށް އަމާޒުކޮށް، ޔަހޫދީންގެ އިސްތިޢުމާރީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ޢުދުވާނުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރަށް ވަރުގަދަކުރަމުންނެވެ.