ޚަބަރު

ބާކޯލާގެ ހެޓްރިކާއެކު ލިވަޕޫލަށް ފަސޭހަ މޮޅެއް


  • ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 2 މެޗުން މޮޅުވެފައި

  • ލިވަޕޫލްގެ ބްރޭޑްލީ ބާކޯލާ ވަނީ މެޗުގައި ހެޓްރިކް ހަދާފައި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އޮސްޓްރިއާގެ ލާސްކް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ބްރޭޑްލީ ބާކޯލާ ހެދި ހެޓްރިކާއެކު 6-3 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

އޮސްޓްރިއާގައި ކުޅުނު މި މެޗުގައި ލިވަޕޫލުން ވަނީ މެޗު ކޮންޓްރޯލްކޮށްގެން ކުޅެ ލާސްކްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ.

މި މެޗުގައި ލިވަޕޫލުން ލާސްކްގެ ގޯލު ހުޅުވާލަފައިވަނީ މެޗުގެ 22 ވަނަ މިނިޓުގައި ރޮނަލްޑް އަރައުހޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި އޭގެ 2 މިނިޓު ފަހުން މެޗުގެ 24 ވަނަ މިނިޓުގައި ބްރޭޑްލީ ބާކޯލާ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މިއީ 123 މިލިއަން ޕައުންޑުގެ ފީއަކަށް ޕީއެސްޖީން ބާކޯލާ ލިވަޕޫލް އާއި ގުޅުނު ފަހުން އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ލިވަޕޫލުން މި މެޗުގައި ޖެހި ތިންވަނަ ލަނޑުވެސް 37 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބާކޯލާއެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮތްއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 6 ވަނަ މިނިޓުގައި ޖެރެމީ ފްރިމްޕޮންގް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ލާސްކުން ލިވަޕޫލުގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ރޮބަޓް ލުބިސިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ 3 މިނިޓު ފަހުން ބާކޯލާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފައެވެ.

ލިވަޕޫލުން މި މެޗުގައި ޖެހި ހަވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެވިސް ކޯމަސްއެވެ.

ލާސްކް ކޮޅަށް ގިނަ ލަނޑުތަކެއް ވަން ނަމަވެސް މެޗުގެ ފަހު ވަގުތާ ހަމައަށް އެ ޓީމުން މަސައްކަތް ކޮށްފައިވަނީ އިތުރު ލަނޑުތަކެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނިޓާއި 77 ވަނަ މިނިޓުގައި ފްލޯރިއަން ފްލެކާ ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 6-3 އަށް ބަދަލުކޮށްފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި ކުޅުނު 2 މެޗުންވެސް މޮޅުވެފައިވާއިރު ލާސްކް ވަނީ ދެ މެޗުންވެސް ބަލިވެފައެވެ.