ޚަބަރު

އިސްކަންދެނީ ނުނިމިހުރި ޕާސްޕޯޓުތައް ނިންމައި ހަވާލުކުރަން: އިމިގްރޭޝަން


  • މައްސަލަ ދިމާވުމާގުޅިގެން ބެކްލޮގުގައި 2600 އަށްވުރެ ގިނަ ރިކުއެސްޓް

  • ޕެންޑިންގ ކްލިއަރ ކުރަން އޮފީސް ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރި

ޕާސްޕޯޓް ހެއްދުމުގައި ހުރި ދަތިތައް ޙައްލުވެފައިވާކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދަނީ ބެކްލޮގްގައި ހުރި ޕާސްޕޯޓްތައް ނިންމައި ދޫކުރުމަށްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އޮގަސްޓްމަހުގެ 27ވަނަ ދުވަހުން ފެށިގެން، ޕާސްޕޯޓް ދޫކުރާ އާއްމު އުސޫލަށް ބައެއް ބަދަލު ގެނައީ، ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ފާއިތުވެދިޔަ 10 އަހަރުވެސް ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދެމުން ދިޔައީ އެ ކުންފުނިންނެވެ.

އޭރު ގެނައި ބަދަލުތަކުގެ ތެރޭގައި އެމަޖެންސީ ޙާލަތްތަކަށް އިސްކަންދިނުމާއި، އަދި ދޫކޮށްފައި ހުރި ޕާސްޕޯޓްތަކުގެތެރެއިން މުއްދަތު ހަމަވާން ކައިރިވެފައިވާ ޕާސްޕޯޓްގެ މުއްދަތު އިތުރުކޮށްދިނުންވެސް ހިމެނެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓް ބުކްލެޓް ލިބުމަށް ދިމާވި މައްސަލަ ހައްލުވެ، ޕާސްޕޯޓް ބުކްލެޓްތައް ލިބުމުގައި އެއްވެސް ދަށްޗެއްނެތްކަމަށެވެ. މިއާއެކު، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ މިދިޔަ މުއްދަތުގައި ހުށަހަޅައި، ނުނިމި ޕެންޑިންގައި ހުރި ޕާސްޕޯސްޓްތައް ނިންމުމުގެ މަސައްކަތްކަމަށެވެ.

ވޭތުވެދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާ މަސައްކަތްތެރިކަމާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ޕާސްޕޯޓު ދޫކުރުމުގައި ދިމާވި މައްސަލައިގެ ސަބަބުން ބެކްލޮގުގައި 2646 ވަރަކަށް ޕާސްޕޯޓު ރިކުއެސްޓް އޮތްކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ އެ ޕާސްޕޯޓުތައް ހައްދައި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. ހަފްތާ ބަންދާއެކު މަސައްކަތްކޮށް، ވީހާވެސް އަވަހަށް މި ޕާސްޕޯޓްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އޮފީސް ހުޅުވާފައި ހުންނަ ވަގުތާއި ޕްރިންޓިންގ ކެޕޭސިޓީ އިތުރުކޮށް ބެކްލޮގް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ބެކްލޮގްގައި ހުރި ޕާސްޕޯޓްތައް ނިންމާލެވުމާއެކު، ދެން އާއްމު އުސޫލުން ޚިދުމަތް ދެމުންދާނެކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތުދެއްވާފައެވެ.

ޕާސްޕޯޓް ދޫކުރުމުގައި އެ ޙަލަތާ ގުޅިގެން ބައެއް ބަދަލުތައް ގެނެވުނު ނަމަވެސް އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތި ނުވާނެހެން އިންތިޒާމުތައް ހަމަޖައްސާފައެވެ. ދުވާލެއްގެ މައްޗަށް ޕާސްޕޯޓު ހެއްދުމަށް އެވަރެޖްކޮށް 350 ރިކުއެސްޓް އަންނަމުންދެއެވެ.

މައްސަލަ ޙައްލުވުމާއެކު މާލެއާއި އަދި އަތޮޅުތަކުގައި ޕާސްޕޯޓުގެ ޚިދުމަތްދޭ 39 މަރުކަޒުންވެސް އާއްމު އުސޫލުން ޚިދުމަތް ލިބެމުންދާނެއެވެ. ރާއްޖޭގައި އާއްމު އުސޫލުން ޕާސްޕޯޓް ދޫކުރާއިރު، ހުށައަޅާތާ 24 ގަޑިއިރުގެތެރޭގައި ޕާސްޕޯޓް ދޫކުރެއެވެ.