ޚަބަރު

"ޢަމާޒަކީ އެކަށައަޅާފައިވާ ބާވަތްތައް ރާއްޖޭގައި ހައްދައި، ބާޒާރަށް ނެރެވޭނެ މަގުފަހިކުރުން"


  • ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް

  • ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށައިދޭނެ

ސަރުކާރުގެ ޢަމާޒަކީ އެކަށައަޅާފައިވާ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގައި ހައްދައި، ބާޒާރަށް ނެރެވޭނެ މަގުފަހިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެސެޖުގައި ވަނީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި ޢާއިލާތައް އަދި އެ ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާ ހެޔޮ އެދުން ފޮނުއްވާފައެވެ.

ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން، ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި، ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންވެ، ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެގެން ދިޔުމަކީ، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް، އިމްޕޯޓްކުރުމާނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށެވެ. މި މަގުސަދު ހާސިލް ކުރެއްވުމުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށައިދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ ޢަޒުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ޤައުމީ ދަނޑުވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، މިއަހަރު މި ފާހަގަކުރަނީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރަކީ "އީޖާދުން، މާދަމާގެ ދިރުން" މި ޝިޔާރެވެ.