އަހަރުގެ މިހާތަނަށް ރިސޯޓު ކުލީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. ރިސޯޓު ކުލީގެ ގޮތުގައި 1.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުން އަހަރަށް ބަލާއިރު ރިސޯޓު ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ދަނީ އިތުރުވަމުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ރިސޯޓު ކުލީގެ ގޮތުގައި ދައުލަތައް 1.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.4 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %10.8 އިތުރުވުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ރާއްޖޭގައި މިވަގުތު 184 ރިސޯޓު ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެތެރެއިން 180 ރިސޯޓަކުން ފަތުރުވެރިންނަށް ދަނީ ޚިދުމަތް ދެމުންނެވެ. ޚިދުމަތް ދެމުން އަންނަ ރިސޯޓުތަކުގެ އެނދުގެ އަދަދަކީ 45،171 އެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %73.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 1.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ރިސޯޓު ތަރައްޤީ ނުކުރެވި ގިނަ ދުވަސްވެސް ވެފައި އެބަހުއްޓެވެ. މިއީ ދައުލަތާއި ރައްޔިތުންނަށް މީގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދާ ކަމެއްކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވެފައިވަނީ ނުހުޅުވި ހުޅި ފަޅުތަކާއި، ރަށްތަކުގެ އަދަދު 161 އަށް އަރާކަމަށެވެ. މި ތަންތަނުގެ ތެރޭގައި 25 އަހަރާއި 20 އަހަރު ވެފައިވާ ތަންތަންވެސް އެބަހުރިކަމަށެވެ. އަދި މި ތަންތަނުން ދައުލަތައް ދައްކަންޖެހޭ ލޭންޑް ރެންޓްގެ އަދަދުތައް 500 މިލިޔަން ޑޮލަރަށްވުރެ އިތުރުކަމަށެވެ. އެހެންކަމުން މިގޮތަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތައް ތަރައްޤީކުރުން ލަސްވެގެން ދިގުދެމިގެންދާ ތަންތަނާއިމެދު އަމަލުކުރާނެ ގޮތުގެ ގަވައިދެއް މިހާރު ވަނީ އެކުލަވާލާފައެވެ. މި ގަވައިދުގައި އެ ތަންތަނުގެ އެއްބަސްވުން ބާތިލު ކުރެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ.