ގެދޮރު އެޅުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހަމަޖެއްސުމުގައި އެހީތެރިވެދިނުމަށް ތަޢާރަފްކުރާ ސްކީމުގެ ސަބަބުން ގޯތި ހެދެންނެތް ފަރާތްތަކަށް ލުޔެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ވަކިވަކި ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އެމަނިކުފާނާ ޙިއްސާކުރުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި އެޕިސޯޑުގައި ބައިވެރިވި މީހަކު ވަނީ ހުޅުމާލެ ފޭސް 2 އިން ލިބިފައިވާ ބިމެއްގައި ތަނެއް އެޅުމަށް ބޭންކު ލޯނެއް ހޯދުމުގައި ދިމާވި ދަތިތައް ރައީސްއާ ހިއްސާކޮށްފައެވެ. އެ ފަރާތުން ފާހަގަކުރި ގޮތުގައި، ބޭންކުތަކުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަނުވުމުގެ ސަބަބުން މިހާތަނަށްވެސް އެ ބިމުގައި ޢިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.
މި މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް ބޭންކުތަކުން ލުއިފަސޭހަކަމާއެކު އެހީތެރިކަން ލިބޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ބޭންކަށް ދައްކަންޖެހޭ %5 ގެ އިކުއިޓީ ކޮމްޕޮނެންޓަށް ލުޔެއް ހޯދައިދިނުމަށް ޚާއްޞަ ސްކީމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސްކީމަށް ބޭނުންވާ ފައިސާ މިހާރުވެސް ޓްރަސްޓް ފަންޑުގައި ބަހައްޓާފައި އެބަހުރި ކަމަށެވެ. އަދި މި ސްކީމުގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޭ މާލީ އެހީތެރިކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސްކީމުގެ ދަށުން 2 ލައްކަ ރުފިޔާވަރު ދިނުމަށް ރާވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިން ލިބިފައިވާ ފަރާތްތައް އެއްކޮށްލައިގެން މަސައްކަތްކުރާނަމަ، 5 މީހުން ތިބި ނަމަ އެއް މިލިޔަން ރުފިޔާއާ ހަމައަށް، ނުވަތަ 3 މީހުން ތިބި ނަމަ އެ މީހުންނަށްވެސް ބޮޑު ޢަދަދެއްގެ ފައިސާ ލިބިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ބޭންކަށް ދައްކަންޖެހޭ %5 ގެ އިކުއިޓީގެ ވަރަށް ބޮޑު ބައެއް ހަމަޖެއްސިގެންދާނެ ކަމަށާއި، ބޭންކު ލޯނު ހަމަޖެހުމުން ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ޓާމްސްތައް ލުއިކޮށް މިކަންކުރަންވެގެން މަސައްކަތްކުރަމުން މިދަނީ. ވަރަށް މުހިންމުކަމެއް މިއީ އެކަމު ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓެއް ލިބިފައިނެތް ފަރާތްތަކަށް އިސްކަން ދިނުން. އެއްވެސް ވަރަކަށް ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް އިސްކަންދިނުން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ސްކީމްގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި ޢާންމުކޮށް ހުޅުވާލުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުގެ މައި ބޯހިޔާވަހިކަމުގެ ސްކީމަށްވެސް ބޮޑެތި ތައްޔާރީތަކެއް ވަމުންދާ ކަމަށާއި، މި ސްކީމްތައް ހުޅުވާލުމުން ގެދޮރު އެޅުމަށް ބޭނުންވެފައި ތިބި ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.