ކުޅިވަރު

ރެފްރީން އަހަންނާމެދު ކަންތައްކުރަނީ ބޭއިންސާފުން: ވިނީޝިއުސް


ސްޕޭނުގެ ރެފްރީން ތިބެނީ އޭނާއާ ވަރަށް ބޮޑަށް ޖައްސާލާފައި ކަމަށާއި މޮޅު އެހެން ކުޅުންތެރިންނަށްދޭ ފަދަ ރައްކާތެރިކަމެއް އޭނާ އަށް ދޭންޖެހޭ ކަމަށް ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނީޝިއުސް ޖޫނިއާ ބުނެފިއެވެ.

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި އިއްޔެ ރޭ ރޯމާ އަތުން ރެއާލް މެޑްރިޑް މޮޅުވި މެޗަށް ފަހު ވިނީޝިއުސް މިހެން ބުނީ ސްޕެނިޝް ލީގުން އޭނާ ހަތަރު މެޗަށް ސަސްޕެންޑް ކުރުމުންނެވެ. އެއީ ސްޕެނިޝް ލީގުގައި ވިޔަރެއާލް ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިއެއްގެ އިސްތަށިގަނޑަށް ފަހަތުން ދަމައިގަތުމާއި އެކަމާ ގުޅިގެން ރެފްރީއާ ދިމާކޮށްލުމުން ދިން އަދަބެކެވެ.

"އަހަރެން ހަނދާނެއް ނުވޭ އެހެން އެއްވެސް ކުޅުންތެރިއަކަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް ދިންހެން. އަހަރެން (އެ މެޗުގައި) އުޅުނީ އަހަރެންގެ ކުރިމަތީގައި ހުރި ކުޅުންތެރިޔާ ދުރުކޮށްލަން. އެކަނަ މި ނިމުނީ އޭނާގެ އިސްތަށިގަނޑަށް އަނިޔާވެގެން،" ވިނީޝިއުސް ބުންޏެވެ.

އޭނާ ބުނީ އެ ކުށަށް ރަތްކާޑު ދެއްކުމުން ހައިރާންވި ކަމަށާއި އަދި އެކަމާހެދި ހަތަރުގެ މެޗަށް ސަސްޕެންޑް ކުރީ ރެފްރީއާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނެ ހުއްޓައި ކަމަށެވެ.

"އެހެން ޓީމުތަކަށް އަބަދުވެސް ކަންކަން ސާފު ކޮށްދެވޭ. އެކަމަކު ވިނީޝިއުސްއާ ޖެހުނީމާ (އަދަބު ދިނުން) ވަރަށް ފަސޭހަ. އެހެން ނަމަވެސް އަހަރެން މިތާ (ރެއާލްގައި) މިހުރީ އިތުރަށް ކުރިއަރައި ޓީމު މޮޅުކޮށްދޭން. ކޮންމެ ކަމެއް ކުރިޔަސް އަހަރެންނަށް ހީވޭ އަހަރެންދާ ކޮންމެ ތަނެއްގައި ވެސް ބޯޅަ ކުޅެގެން އަހަރެން ކާމިޔާބު ހޯދާނެކަން. އިދިކޮޅު ސަޕޯޓަރުން އަހަރެންނާ ދިމާ ކުރަނީ ވެސް އަހަރެން ގޯލު ޖަހާތީވެ،" ވިނީޝިއުސް ބުންޏެވެ.

އޭނާ ބުނީ ސްޕެނިޝް ލީގުގައި މިހާތަނަށް އޭނާ އަށް 500އެއްހާ ފައުލް ކޮށްފި ކަމަށާއި ނަމަވެސް އޭނާ އަށް ފައުލް ކޮށްގެން ދައްކާފައިވަނީ އެންމެ ފަސް ރަތްކާޑު ކަމަށެވެ.

"އަބަދުވެސް ވިނީއާ ޖެހުނީމާ ފެނިގެންދަނީ ރީނދޫ ކާޑު. އެކަމަކު އަހަރެންނަށް ހީވަނީ އަހަރެންނާއި (ބާސެލޯނާގެ ލަމީން) ޔަމާލް އާއި (އެތްލެޓިކޯގެ ހޫލިއަން) އަލްވަރޭޒް ފަދަ ތަފާތު ދައްކާ ކުޅުންތެރިންނަށް އިތުރު ރައްކާތެރިކަމެއް ބޭނުންވާހެން. ދޭން ޖެހޭ. ޑިފެންޑަރުންނަށް ފުރިހަމަ އިހްތިޔާރު އެބައޮތް އަހަރެންނށް ފައުލް ކުރަން. އެކަމަކު އަބަދުވެސް ކާޑު ދައްކަނީ އަހަރެންނަށް،" ވިނީޝިއުސް ބުންޏެވެ.

ސްޕެނިޝް ލީގުން ވިނީޝިއުސް ސަސްޕެންޑް ކުރިކަން އިއުލާނު ކުރީ ރޯމާ މެޗު ކުޑަތަން ވެފައިވަނިކޮށެވެ. ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ މުހިންމު މެޗެއްގެ ކުޑަވަގުތު ކޮޅެއް ކުރިން މިފަދަ ސަސްޕެންޝަނެއް ދިންކަން އިއުލާނު ކުރުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި ރެއާލް މެޑްރިޑުން މިހާރު ދަނީ މި ސަސްޕެންޝަން އިސްތިއުނާފު ކުރުމަށް ނިންމައިފަ އެވެ.

މި ސަސްޕެންޝަނާ ގުޅިގެން ވާދަވެރި ބާސެލޯނާ މެޗުގެ އިތުރުން ސެވިއްޔާ މެޗާއި ވެލެންސިއާ މެޗާއި ރޭސިން ސަންޑެންޓާ މެޗު ވެސް ވިނީޝިއުސް އަށް ގެއްލޭނެ އެވެ.