ޔުއޭފާ ޔޫރޮޕާ ލީގުގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ބޯންމަތާއި އޮސްޓްރިއަން ބުންޑެސްލީގާގެ ސްޓަރސް ގްރާޒް ބައްދަލުކުރި މެޗުން މޮޅުވެ ބޯންމަތުން ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ.
ބޯންމަތުގެ ވައިޓާލިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު ސުން ލަނޑުންނެވެ. މިއީ ބޯންމަތުން ޔޫރަޕްގެ މެޗެއް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ފަހަރެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބޯންމަތުންނެވެ. ނަމަވެސް މިމެޗުގެ ކުރީކޮޅު ސްޓަރމް ގްރާޒްއިން ވަރަށް ރަނގަޅަށް ޑިފެންޑް ކުރަމުންދިއުމާއެކު މެޗުގެ ފުރަތަމަ 25 މިނެޓްގައި ބޯންމަތަށް ސްޓަރމް ގްރާޒްގެ ގޯލަށްއަމާޒުކޮށް އެންމެ ހަމަލައެއްވެސް ފޮނުވާލެވޭގޮތެއް ނުވިއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ބޯންމަތުން މެޗުގެ ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުް ނިމެން 2 މިނެޓަށް ވެފައިވަނިކޮށް އެވަނީލްސަން ކާމިޔާބު ކުރި ލަނޑަކުންނެވެ. މިލަނޑާއެކު ބޯންމަތުން މިމެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. މިމެޗުގެ ފުރަތަމަ ހާފްގައި ޑިފެންސަށް ބޮޑަށް އިސްކަންދީގެން ކުޅެމުންދިޔަ ސްޓަރމް ގްރާޒްއިން ދެވަނަ ހާފްގައި ފެނިގެންދިޔައީ ހަމަލާއަށް އިސްކަން ދީގެން ކުޅެންފެށިތަނެވެ. އަދި މިގޮތުން މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ދެ ފުރުސަތެއް އެޓީމުގެ ޔާކޮބް ހޮޑްލް އަށް ލިބިގެންދިޔައެވެ. މިގޮތުން ފުރަތަމަ ހަމަލާ ބޯންމަތުގެ ކީޕަރ ދިފާއު ކުރިއިރު ދެވަނަ ހަމަލާ އަމާޒުވީ ގޯލްގެ ދަނޑި އަށެެވެ.
މިމެޗުގައި ބޯންމަތުން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ރަޔަންއެވެ. އަދި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ އަލްވާރޯ ރޮޑްރިގޭޒްއެެވެ. މިކާމިޔާބީ އާއެކު ބޯންމަތު މިވަނީ ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައެވެ. މިމުބާރާތުގައި ބޯންމަތު ކުޅުނު ފުރަތަމަ މެޗުގައިވަނީ ރެއާލް ސޮސިއެޑާޑް އާއި ބައްދަލުކޮށް ރަށުން ބޭރުގައި މޮޅުވެފައެވެ. އަދި މިއާއެކު ބޯންމަތު ވެފައިވަނި ޔޫރަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން 2005 ވަނަ އަހަރު ބޯލްޓަން ވޮންޑަރަރސް މޮޅުވި ފަހުން އިނގިރޭސިވިލާތުގެ ޓީމެއް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރަށެވެ. މިކާމިޔާބީ އާއެކު ބޯންމަތު މިހާރު އުޅެނީ 6 ޕޮއިންޓާއެކު ޔޫރޮޕާ ލީގުގެ ތާވަލްގެ 5 ވަނައިގައެވެ. އަދި ސްޓަރމް ގްރާޒް އުޅެނީ އެއް ޕޮއިންޓާއެކު ތާވަލްގެ 26 ވަނައިގައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު ބެންފީކާ އާއި ސެލްޓިކް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 4 ލަނޑު އެއް ލަނޑުން ބެންފީކާ ކާމިޔާބު ކޮށްފައިވާއިރު ބެސިކްޓާސް އާއި ހޯފެންހެއިމް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބެސިކްޓާސްއެވެ. އަދި އޮލިމްޕިއާކޯސް އާއި އޮލިމްޕިކް މާސޭ ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން އޮލިމްޕިއާކޯސް ކާމިޔާބު ކޮށްފައިވާއިރު ޑީނަމޯ ޒަގްރެބްއާއި އެންޑަރލެކްޓް ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޑީނަމޯއެވެ.