ހަނގުރާމަ ފެށުނީއްސުރެ އީރާނާއި އެ ޤައުމުން ވާގިވެރި ހަތިޔާރު އެޅި ޖަމާޢަތްތަކުން، ގަލްފުގެ ޤައުމުތަކުގެ އިޤްތިޞާދީ އަދި ސިނާއީ މައި އުމްރާނީ ވަޞީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީ، މުޅި ސަރަޙައްދަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ރޮއިޓަރސް ނޫހުން ކުރި ޚާއްސަ ތަޙުޤީޤަކުން ހާމަވެއްޖެއެވެ.
ރޭވުންތެރިކަމާއެކު ދެމުންދާ މި ހަމަލާތަކުގެ ސަބަބުން ގަލްފުގެ މުހިންމު ވަޞީލަތްތައް ހަލާކުވެ، މުޅި ގަލްފު ސަރަޙައްދުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރައި، ފޫނުބެއްދޭ ފަދަ މާލީ އަދި އިޤްތިޞާދީ ގެއްލުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މިއީ އަސްކަރީ ގޮތުން ބާރުގަދަ އެމެރިކާއާ ދެކޮޅަށް އީރާނުން ދައްކަމުންދާ އަސްކަރީ ޤާބިލުކަން ހާމަކޮށްދޭ ފުޅާ ކެމްޕޭނެކެވެ.
މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތް ގުޅިގެން އީރާނަށް ވައިގެ ހަމަލާތައް ދޭން ފެށި ފަހުން، ގަލްފުގެ ޢަރަބި ޤައުމުތައް ކަމަށްވާ ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، އިރާޤު، ޤަތަރު، ކުވައިތު، އޮމާން އަދި ބަޙްރޭންގެ މަދުވެގެން 84 އުމްރާނީ މަރުކަޒަކަށް އަމާޒުކޮށް، އީރާނުން 135 އަށް ވުރެ ގިނަ ޑްރޯން އަދި މިސައިލް ހަމަލާ ދީފައިވާ ކަމަށް ރޮއިޓަރސް އިން ބުނެފައިވެއެވެ.
އީރާނާއި އެ ޤައުމުގެ މަދަދު ލިބޭ ހަނގުރާމަވެރިންގެ މައިގަނޑު އަމާޒަކަށްވީ، ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އޮންނަ އެންމެ މުހިންމު އެއް ބަނދަރު ކަމަށްވާ ޔޫއޭއީގެ ފުޖައިރާ ބަނދަރެވެ. އެ ބަނދަރުގެ ތެޔޮ ދައުރުކުރާ މައި ނިޒާމުތަކަށް އަމާޒުވި މި ހަމަލާތަކާ ގުޅިގެން މަސައްކަތްތައް އެތައް ހަފުތާއަކަށް މެދުކަނޑާލަން ޖެހުނުއިރު، ހަނގުރާމަ ފެށުނު ފަހުން އެކަނިވެސް އެ ބަނދަރަށް މަދުވެގެން 19 ފަހަރަކު ވަނީ ހަމަލާދީފައެވެ.
މީގެ އިތުރުން ޤަތަރުގެ މައި ގޭސް އުފައްދާ ކާރުޚާނާއަށް ހަމަލާދީ، ގޭސް ދިޔާކުރުމަށް ބޭނުންކުރާ ދެ ފިނިކުރާ ނިޒާމު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލައިފައެވެ. މިއީ ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ އުފައްދާ ކާރުޚާނާއެވެ. ޤަތަރުން ލަފާކުރާ ގޮތުގައި، އެ ތަން އަލުން މަރާމާތުކޮށް އާންމު ޙާލަތަކަށް ގެނައުމަށް 3 ނުވަތަ 5 އަހަރުގެ މުއްދަތެއް ހޭދަވާނެއެވެ. ހަމައެއާއެކު، ސަޢުދީގެ އީސްޓް-ވެސްޓް ޕައިޕްލައިންގެ ޕަންޕިން ސްޓޭޝަނަކަށް ދިން ހަމަލާއާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅީގެ ބަދަލުގައި ތެޔޮ ބޭރުކުރުމަށް ބޭނުންކުރެވެން އޮތް މައިގަނޑު އަނެއް މަގުވެސް މިވަނީ ބަންދުވެފައެވެ.
ސަޢުދީގެ މައިގަނޑު 9 ތެޔޮ ސާފުކުރާ ކާރުޚާނާގެ ތެރެއިން 5 ކާރުޚާނާއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އެ ޤައުމުން ދުވާލަކު އުފައްދާ ތެލުގެ ޢަދަދު 10 މިލިއަން ފީފާއިން 7 މިލިއަނަށް ދަށަށް ގޮސް، 50 ބިލިއަން ޑޮލަރަށް ވުރެ ބޮޑު މާލީ ގެއްލުމަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ތެލާއި ގޭސް އުފައްދާ ވަޞީލަތްތަކުގެ އިތުރުން، ބަޙްރޭން، ކުވައިތު، ޔޫއޭއީ އަދި ސަޢުދީގެ މައި ވައިގެ ބަނދަރުތަކަށް ވެސް ވަނީ ތަކުރާރުކޮށް ހަމަލާތައް އަމާޒުވެފައެވެ. ސަޢުދީގެ ކިންގް ޚާލިދު ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ދިން ހަމަލާއެއްގައި 12 މީހަކު މަރުވެފައިވާއިރު، ކުވައިތުގެ މައި ވައިގެ ބަނދަރަށް އެކަނިވެސް 8 ފަހަރަކު ވަނީ ހަމަލާދީފައެވެ. މީގެ އިތުރުން، އަބޫދާބީގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އެއް އެލުމިނިއަމް އުފައްދާ ކާރުޚާނާގެ މަސައްކަތް މުޅިން ހުއްޓި، ޔޫއޭއީއާއި ބަޙްރޭންގައި ޤާއިމުކޮށްފައިވާ އެމެޒޯންގެ ޑޭޓާ ސެންޓަރުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޚާއްސަ ގޮތެއްގައި، ބޯފެނުގެ 90 އިންސައްތަ ކަނޑުގެ ލޮނުފެނުން އުފައްދާ ކާރުޚާނާތަކަށް ބަރޯސާވާ ކުވޭތުގެ، ކަރަންޓާއި ފެން އުފައްދާ މައި މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކުގެ ސަބަބުން، އެ ޤައުމުގެ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ވަނީ އިންތިހާއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.
ގަލްފުގެ ސަރުކާރުތަކުގެ ރަސްމީ ބަޔާންތަކުގައި ބުނަމުންދަނީ، ލިބިފައިވާ ގެއްލުންތަކަކީ ވައިގެ ދިފާޢީ ނިޒާމުތަކުން މިސައިލާއި ޑްރޯންތައް ހުއްޓުވުމުގެ ތެރޭގައި ވެއްޓުނު ބައިތަކުން ލިބުނު ކުދިކުދި ގެއްލުންތަކެއް ކަމަށެވެ. އަދި ގެއްލުން ލިބުނު ސަރަޙައްދުތަކުގެ ފޮޓޯއާއި ވީޑިއޯ ނެގުމާއި، ސޯޝަލް މީޑިއާގައި އެފަދަ މަޢުލޫމާތު ފެތުރުން އެ ޤައުމުތަކުގައި ވަނީ ޤާނޫނީ ގޮތުން މަނާކޮށްފައެވެ.
ނަމަވެސް، ރޮއިޓަރސަށް މަޢުލޫމާތު ދިން އަސްކަރީ އަދި ސިނާއީ ދާއިރާގެ 14 ތަޖުރިބާކާރަކު ކަށަވަރުކޮށްދޭ ގޮތުގައި، ގިނަ މަރުކަޒުތަކެއްގެ އެންމެ ނާޒުކު އަދި މުހިންމު ސާމާނުތަކަށް އެހާ ސީދާކޮށް ގެއްލުން ލިބިފައިވަނީ ހަމައެކަނި ވެއްޓުނު ބައިތަކަކުން ނޫނެވެ. މިއީ ވަރަށް ފުރިހަމައަށް ޖާސޫސީ މަޢުލޫމާތު އެއްކޮށް، ސީދާ އަމާޒަށް ބާރުގަދަ ގޮވާތަކެތި ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކެކެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމުގެ އިތުރުން، ސަރަޙައްދުގެ މުހިންމު އުމްރާނީ ވަޞީލަތްތައް ސުންނާފަތިކޮށްލުމުގެ ފުރިހަމަ ޤާބިލުކަން ދައްކުވައިދީގެން، ދުނިޔޭގެ އިޤްތިޞާދުގެ މައްޗަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާއާއެކު ކުރެވޭ ސިޔާސީ އަދި ޚާރިޖީ މަޝްވަރާތަކުގެ މައްޗަށް ކުރި ހޯދުމަށް އީރާނުން ދަނީ މި ކަންކަން ވަރުގަދަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ.