މިދިޔަ ސީޒަނުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ޝަރަފު ހޯދި ހއ. އުތީމަށް އުފަން އަހުމަދު އައިހަމް އަށް އެ ރަށުންނާއި، ހއ. ދިއްދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ޓްރޮފީއާއެކު، އައިހަމް އުތީމަށް ދިޔައީ ހުކުރު ދުވަހުގެ ހެނދުނުއެވެ. އުތީމު ބަނދަރު ސަރަހައްދުން އައިހަމް އަށް ހޫނު މަރުހަބާއެއް އެ ރަށު ރައްޔިތުން ކިޔާފައިވާއިރު، އެ ރަށު ކައުންސިލުން ވަނީ އައިހަމްގެ ޝަރަފުގައި އޭނާ ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފުލާގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން ހއ. ދިއްދޫން ވެސް ވަނީ އައިހަމް ހޯދި ކާމިޔާބީ ފާހަގަކޮށް ހޫނު މަރުހަބާއެއް އޭނާއަށް ކިޔައިފައެވެ. އެގޮތުން ހުކުރު ދުވަހު ހަވީރު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ކުރިން އައިހަމްގެ ޝަރަފުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި އައިހަމް ވަނީ އެންމެ މޮޅު ކުޅުންތެރިޔާއަށް އެފްއޭއެމް އިން ދިން އެވޯޑް ދައްކާލައިފައެވެ.
އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޚުންތެރިޔާގެ އެވޯޑު ހޯދި އައިހަމް ވަނީ ފާއިތުވީ ސީޒަނުގައި މާޒިޔާގެ ޖާޒީގައި 17 މެޗު ކުޅެ، 8 ލަނޑު ޖަހައިދީފައެވެ. އައިހަމް އަކީ ޤައުމީ ޓީމުގައިވެސް މިހާރު މުހިއްމު ދައުރެއް އަދާކުރަމުންދާ ސީނިއަރ ކުޅުންތެރިއެކެވެ.
އައިހަމް ވަނީ މާޒިޔާއާއިއެކު ދިވެހި ލީގު، ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އައިހަމް ހޯދީ މިދިޔަ ސީޒަނުގައި އޭނާއާ އެއް ކުލަބަކަށް ކުޅުނު ހަމްޒާ މުހައްމަދާއި، ނިއުރޭޑިއަންޓްގެ ފޯވާޑް އަލީ ފާސިރުއާ ވާދަކޮށެވެ. މިއީ އައިހަމް މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ.