ފީފާ ކައުންސިލްގެ ރުހުން ނެތުމުން މި އަހަރަށް ފަހު އެ ޖަމާއަތުގެ ސުލްހައިގެ އިނާމު ދިނުން ހުއްޓާލާނެ ކަމަށް ގާތްގަނޑަކަށް ޔަގީން ވެއްޖެއެވެ.
ފީފާ ސުލްހައިގެ އިނާމު ތައާރަފް ކުރީ މިދިޔަ އަހަރުއެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދުނިޔޭގެ ސުލްހައިގެ އިނާމް ނުލިބުމުން އޭނާ ރުއްސަން ފީފާ ކައުންސިލާ މަޝްވަރާ ނުކޮށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަމިއްލަ އަށް ނިންމެވި ނިންމުމެކެވެ. މިއީ އެންމެ ފަހުގެ ވޯލްޑް ކަޕް ބާއްވަން އޮތީ އެމެރިކާގައި ކަމަށްވުމުން ޓްރަމްޕް ރުއްސުމަށް އިންފަންޓީނޯ ކުރެއްވި ކަމެއް ކަމަށް އޭރު ވެސް ގިނަ ބަޔަކު ތުހުމަތު ކުރި ކަމެކެވެ.
ނަމަވެސް ސްވިޒަލޭންޑުގައި ބުރާސްފަތި ދުވަހު ބޭއްވި ފީފާގެ އެންމެ އިސްވެރިންގެ ބައްދަލުވުން ނުވަތަ ކައުންސިލް ބައްދަލުވުމުގައި ގިނަ މެމްބަރުން ވަނީ މި އިނާމާ ދެކޮޅު ހައްދަވައިފައެވެ. މިހެންވެ މި އަހަރަށްފަހު އިނާމް އުވާލޭނެ ކަމަށް ދުނިޔޭގެ ގިނަ މީޑިޔާތަކުން ވަނީ ބުނަން ފަށައިފައެވެ.
ފީފާގެ ގިނަ މެމްބަރުން ބުނަނީ މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދޭން ތައާރަފްކުރި އިނާމަކީ ފީފާ ފަދަ ޖަމާއަތަކުން ދީގެންވާނެ އިނާމެއް ނޫން ކަމަށާއި މީގެ ސަބަބުން ފީފާއާ މެދު ގިނަ ބައެއްގެ ނަފްރަތު އިތުރުވަމުންދާ ކަމަށެވެ.
ނަމަވެސް މިއިނާމު ތައާރަފް ކުރެއްވުމަށްފަހު އިންފަންޓީނޯ މިދިޔަ އަހަރު ވިދާޅުވީ އެކި ސަބަބުތަކާހުރެ ބައިބައިވެފައިވާ ކަންކަން ހައްލުކޮށް، މުޅި ދުނިޔެ އެކަތިގަނޑަކަށް ހަދައި ހަމަޖެހުން ގެނުވުމަށް ފުޓުބޯޅައިގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ފީފާ އަށް ކުރެވިދާނެ ކަމެއް ކަމަށެވެ.
ނަމަވެސް މި އިނާމަކީ ދުނިޔޭގެ ސުލްހައިގެ ކަންކަމުގައި މި ފަހުން ފީފާއަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި ކަންތަކެވެ. އެއީ ފަލަސްތީނުގެ ޢައްޒާއަށް އިޒްރޭލުން ދެމުންދިޔަ ހަމަލާތަކާ ގުޅިގެން އެ ގައުމު ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގޮވާލުމުން އެކަމަށް ފީފާއިން އިޖާބަ ނުދިނުމުންނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދިޔައީ ރަޝިޔާއިން ޔުކްރޭނަށް އަރައިގަތުމުން ރަޝިޔާ ސަސްޕެންޑްކޮށްފައި ފީފާއަށް އިޒްރޭލް ސަސްޕެންޑް ކުރަން ނުކެރުނީ ވެސް ޓްރަމްޕް ކޯފާވެދާތީ ކަމަށެވެ.
އިންފަންޓީނޯ ކައުންސިލާ މަޝްވަރާ ނުކޮށް ނިންމެވި މިފަދަ ނިންމުންތަކާހުރެ އޭނާ އިސްތިއުފާ ދެއްވުމަށް އޭޝިޔާ އާއި ޔޫރަޕާއި ކޮންކާކަފުން ދަނީ ގޮވާލަމުންނެވެ.