ޚަބަރު

ޕެންޝަން ފަންޑު 60 ބިލިޔަނަށް އިތުރު ކުރަން މަސައްކަތްތަކެއް


  • ޕެންޝަން ފަންޑުގެ މިހާރުގެ އަދަދަކީ 30 ބިލިޔަން ރުފިޔާ

  • ޕެންޝަން އޮފީހަށް ނުލިބިވާ 90 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދާނެ

ކުރިއަށް އޮތް ފަސް އަހަރު ތެރޭ ޕެންޝަން ފަންޑު، 60 ބިލިޔަނަށް އިތުރު ކުރުމަކީ އަމާޒެއްކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ޔަޒްމީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ހދ. ހަނިމާދޫގައި ޕެންޝަން އޮފީހުން ކުރިއަށްގެންދިޔަ "ތްރީ ޖެން" ވޯކް ނިންމާލުމަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ޔަޒްމީދު ވިދާޅުވީ، ހަނިމާދޫގައި ބޭއްވި ޕެންޝަން އޮފީހުގެ ހަރަކާތަކީ ރަށްރަށުގެ ރައްޔިތުން ޕެންޝަނަށް ހޭލުންތެރި ކުރުވުމަށް، ކުރެވޭ މަސައްކަތުގެ ފެށުމެއް ކަމަށެވެ. މިހަރަކާތުގެ ތެރެއިން ޕެންޝަނާއި ބެހޭ މައުލޫމާތު ރައްޔިތުންނަށް ދީފައިވާއިރު، ޕެންޝަން ދެއްކުމުގެ މުހިންމުކަމާ ގުޅޭ ގޮތުންވެސް މަޢުލޫމާތު ދީފައިވާކަމަށް ސީއީއޯ ޔަޒްމީދު ވިދާޅުވިއެވެ.

ޕެންޝަން ފަންޑު ފުޅާކުރުމުގެ ވިސްނުންތަކެއްވެސް ގެންގުޅޭކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ. އެގޮތުން އިތުރު އިންވެސްޓްމެންޓްތައް ހޯދައި ޕެންޝަން ފަންޑު 60 ބިލިޔަނަށް އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވިސްނުމަކީ އިންވެސްޓްކުރެވެން ހުރި ފުރުސަތުތަކުގެ އިތުރަށް، އަޅުގަނޑުމެން އިންވެސްޓްމެންޓް އޮޕޮޗުނިޓީސް އަމިއްލައަށް ހޯދުން. ފާއިތުވި 17 އަހަރު ފަންޑުގެ އަދަދަކީ 30 ބިލިޔަން. މާތްﷲ އިރާދަކުރެއްވިއްޔާ މިއަދަދު ދެގުނަ ކުރާނެ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި. އަޅުގަނޑަށް ވަރަށް ޔަގީން މިކަން ކުރެވޭނެކަން. އަޅުގަނޑުމެންގެ ވިސްނުންތަކެއް އެބަހުރި. އެއަމާޒަށް އަޅުގަނޑުމެންނަށް ގެންދެވޭނެ." ސީއީއޯ ޔަޒްމީދު ވިދާޅުވިއެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ވިދާޅުވީ، ޕެންޝަން ފައިސާ ނުދައްކާ ގިނަ ފަރާތްތައް ތިބިކަމަށެވެ. ނަމަވެސް މިއީ ވަރަށް މުހިންމު ބޭނުމެއްގައި އެއްކުރެވޭ ފައިސާއެއް ކަމުން މިފައިސާ ޕެންޝަން އޮފީހަށް ޖަމާކުރެވެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އޭގެ އިތުރަށް މިހާތަނަށް ފައިސާ ނުދައްކާ އެބައުޅޭ 90 މިލިޔަނަށް ވުރެ ގިނަ ރުފިޔާ. މި ރިކަވަރ ކުރުމުގައިވެސް 1 އަހަރު ތެރޭގައި ވިސްނުންތަކެއް ގެންގުޅެ ރިކަވަރ ކުރާނަން." ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު ވިދާޅުވިއެވެ.

ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ ފަރާތެއްވެސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކޮށް އެފައިސާ ޖަމާކުރަން ލާޒިމް ކުރެއެވެ. މި ޤާނޫނުގެ ދަށުން ފާސްކޮށްފައިވާ ގަވާއިދާ އެއްގޮތަށް، ވަޒީފާ އަދާކުރާ ފަރާތުގެ އަސާސީ މުސާރައިގެ މަދުވެގެން 7 އިންސައްތަ ވަޒީފާ އަދާކުރާ ފަރާތުން، އަދި މަދުވެގެން 7 އިންސައްތަ ވަޒީފާ ދޭ ފަރާތުން، ކޮންމެ މަހަކުވެސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރަން ޖެހެއެވެ.