ޚަބަރު

ޝެންހާއީ މާސްޓަރސްގެ ޗެމްޕިއަންކަން ފޮކީނާ ހޯދައިފި


  • ފޮކީނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހޯޑާ 2 ސެޓް 1 ސެޓުން ބަލިކޮށްގެން

ޗައިނާގައި ކުރިއަށްދިޔަ ޝެންހާއީ މާސްޓަރސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން މިމުބާރާތުގައި 25 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ އަލެހަންޑްރޯ ޑެވިޑޮވިޗް ފޮކީނާ ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ޑެވިޑޮވިޗް ފޮކީނާ ހޯދީ ފައިނަލްގައި ސްޕެއިންގެ އަރަމުން އަންނަ ތަރި، 12 ވަނައަށް ސީޑު ކުރެވިފައިވާ ރަފައެލް ހޯޑާ އާއި ބައްދަލު ކުރި މެޗު ދެ ސެޓް އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ވަރަށް ފަސޭހަ ކަމާއެކު އެކެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ހޯޑާއެވެ. ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުންދާ ހޯޑާ ހޯދި މިކާމިޔާބީ އާއެކު މިމެޗު އޭނާ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފާނެ ކަމަށް ހީވި ނަމަވެސް ޑެވިޑޮވިޗް ފޮކީނާވަނީ ޖެހިގެން އައި ދެވަނަ ސެޓުގައި އޭނާގެ ކުޅުން ރަނގަޅުކޮށް ހޯޑާއަށް ބާރު ބޮޑުކޮށްފައެވެ. އަދި މިސެޓު ޓައި ބްރޭކަކަށް ގެންގޮސް ޑެވިޑޮވިޗް ފޮކީނާ އެސެޓް ކާމިޔާބު ކުރީ ހަތެއް ފަހަކުންނެވެ. މިއާއެކު ނަތީޖާ ނެރުމަށްޓަކައި ކުޅުނު ތިންވަނަ ސެޓު ޑެވިޑޮވިޗް ފޮކީނާ ކާމިޔާބު ކުރީ ހައެއް ހަތަރަކުންނެވެ.

މިކާމިޔާބީއާއެކު ޑެވިޑޮވިޗް ފޮކީނާ މިވަނީ އޭޓީޕީ މާސްޓަރސް ވަންތައުޒަންޑްގެ މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްފައެވެ. އަދި މިއީ އޭނާ މިސީޒަންގައި ކާމިޔާބު ކުރި ތިންވަނަ މުބާރާތެވެ. ޑެވިޑޮވިޗް ފޮކީނާ ވަނީ މީގެ ކުރިން ސްޕެއިންގެ މަޔޯކާގައި ބޭއްވި މުބާރާތެއްގެ އިތުރުން ޗެންޑޫގާ ދާދި ފަހުން ބޭއްވި މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ. އަދި މިއަދު ދުނިޔޭގެ އައު ރޭންކިންގ އިއުލާން ކުރާއިރު ޑެވިޑޮވިޗް ފޮކީނާ 25 ވަނައިން 13 ވަނައަށް ކުރިއަށް ޖެހިލާނެ ކަމަށްވަނީ ބެލެވިފައެވެ. އުތުރު އެމެރިކާގައި ބޭއްވި ހާޑް ކޯޓު މުބާރާތްތަކުގައި އަނިޔާގެ ސަބަބުން ބައިވެރިނުވެވުނު ޑެވިޑޮވިޗް ފޮކިނާ މިހާރު މިވަނީ ޗައިނާގައި ކުރިއަށްދިޔަ މުބާރާތް ތަކުގައި ޖެހިޖެހިގެން 10 މެޗު ކާމިޔާބު ކޮށްފައެވެ.

ހޯޑާއަށް ބަލާއިރު އޭނާ ވެފައިވަނީ މިމުބާރާތުގެ ފައިނަލްގައި މިހާތަނަށް ވާދަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އުމުރުން 20 އަހަރުގެ ހޯޑާ ވަނީ މިސީޒަންގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކާ ގިނަ ބަޔަކު ސިއްސުވާލާފައެވެ.