ޚަބަރު

ފަރެސްމާތޮޑާ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް


  • އަލިފާން ރޯވިަކަމަށް ބެލެވެނީ އޭސީއެއްގައި ރޯވެގެން

ގދ. ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަދައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ފަތިހު 04:15 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

މި ރިޕޯޓު ލިބުމާއެކު، ފުލުހުން އެ ސަރަޙައްދަށް ގޮސް އެއަރޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި ރަށު ކައުންސިލާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ފަށިކަމަށާއި، މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވިނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭކަމަށާއި، މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ސޯޝަލް މީޑީއާގައި ދައުރުވާ މިހާދިސާގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަގޮތުން އަލިފާން ރޯވުމުގެ ސަބަބުން އެގެއަށް ބޮޑެތި ގެއްލުންތަކެއްވެ ބޭނުން ނުކުރެވޭވަރަށް ވަނީ ތަންތަނާއި ތަކެތި ހަލާކުވެފައެވެ.