ޚަބަރު

ނޯވޭގައި ކުޑަކުދިންނަށް މީސްމީޑިއާ މަނާކުރަނީ


ނޯވޭގައި ކުޑަކުދިންނަށް މީސްމީޑިއާ މަނާ ކުރުމަށް ނިންމާފައިވާ ނިންމުމަކީ ކުޑަކުދިންނަށް ގެއްލުންހުރި ކަމަށް ކަނޑައަޅާފައިވާ ބައެއް މަންސަތަކަށް އަމާޒުކޮށްފައިވާ ނިންމުމެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޮސްޓްރޭލިއާއިން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް މީސްމީޑިއާ ބޭނުންކުރުން މަނާކުރުމުން ވިލާތުގެ ގިނަ ޤައުމުތަކަކުން ވަނީ އެ ގޮތަށް ޢަމަލުކުރުމަށް ޝައުޤުވެރިވެފައެވެ. އެ ގޮތުން މިދިޔަ އޭޕްރިލް މަހު ނޯވޭއިން ބުނީ އުމުރުން 16 އަހަރު ފުރެންދެން ކުޑަކުދިންނަށް މީސްމީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް މި އަހަރު ނިމުމުގެ ކުުރިން ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އެ ބިލުގައި މީސްމީޑިއާ ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރުކުރުމަކީ މީސްމީޑިއާގެ ޚިދުމަތްދޭ ކުންފުނީގެ ޒިންމާއެއް ކަމަށް ބަޔާންކުރާނެ ކަމަަށް ވެސް ބުނެފައިވެއެވެ. އެ ޤައުމުގެ ސަރުކާރުން އޭރު އެއްވެސް މަންސައެއްގެ ނަން ބަޔާންކޮށްފައެއް ނުވެއެވެ.

ނޯވޭގެ ސަރުކާރުން ބުނީ އެ ބިލުގެ މަޤްޞަދަކީ މީސްމީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ހުރިހާ ބާވަތެއްގެ ނުރައްކާތަކާއި ހިރާސްތައް ނައްތައިލުން ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން ގިނަ ޢަދަދެއްގެ މަންސަތަކަކަށް އަސަރުކުރާނެ ކަމަށެވެ. އެ ޤައުމުގެ ކުޑަކުދިންނާއި ޢާއިލާތަކާބެހޭ ވަޒީރު ލީން ވާސްގްލިޑް ވިދާޅުވީ ކުޑަކުދިންނާ މަންޒަރުތަކާއި އަޑުތައް ހިމެނޭ މަންސަތަކާއި، ކުދިން އެއަށް ދެވިހިފާ ޒާތުގެ މަންސަތަކާއި، ހަޤީޤަތް އޮޅޭގޮތަށް ހަދާފައިވާ ހުންނަ އިޝްތިހާރުތައް ޝާޢިއުކުރާ މަންސަތަކާއި، ނުދަންނަ މީހުން ކުޑަކުދިންނާ މުއާމަލާތުކުރުމަށް ފުރުޞަތު ދޭ މަންސަތައް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް ނުރައްކާވާ ގޮތަށް މަންސަތަކުގައި ހުންނަ ކަންކަން އެ މަންސައެއް ހިންގާ ކުންފުނިތަކުން ފުހެލުމަށް ހިތްވަރުދޭ ކަންކަން ވެސް ބިލުގައި ހިމަނާފައިވާ ކަމަށެވެ.

ނޯވޭގެ ކުޑަކުދިންނާއި ޢާއިލާތަކާ ބެހޭ ވުޒާރާއިން ބުނީ ގެއްލުންހުރި މަންސަތަކުގެ ގޮތުގައި ބަލާނީ އެ މަންސަތަކުގެ ފަރުމާއާއި ޚިދުމަތްތަކާއި ކޮންޓެންޓުގައި ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ތަރައްޤީއާއި ރައްކާތެރިކަމަށް ނުރައްކާވާ ކަންކަން ހިމެނޭ ނަމަ ކަމަށެވެ. ނުރައްކާތެރި މަންސަތަކުގެ ގޮތުގައި އެ ޤާނޫނުގެ ދަށުން ޓިކްޓޮކްއާއި ރޯބްލޮކްސްއާއި ސްނެޕްޗެޓު ބެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ނުރައްކާތެރި ކަމުގައި ނުބެލެވޭ މެސެޖު ކުރާ މަންސަތަކާއި ގޭމުތައް 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުންކުރެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.