ޚަބަރު

އާސެނަލް އާއި ބަޔާން މިއުނިކް އެއްވަރުވެއްޖެ


  • އާސެނަލްއަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ރައިސް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި 75 ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު އާސެނަލް އިން ލީޑު ނަގާފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި އެބެރެޗީ އެޒޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެޒޭ މި މެޗު ބެންޗުން ފެށި ނަމަވެސް 10 ވަނަ މިނިޓުގައި ބުކަޔޯ ސަކާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ނަމަވެސް އޭގެ 10 މިނިޓު ފަހުން ބަޔާން މިއުނިކްގެ ހެރީ ކޭން ދިން ޕާހަކުން އަލްފޮންސޯ ޑޭވީސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ހެރީ ކޭންއަށް މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާއަށް އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭގޮތްވަނީ ނުވެފައެވެ. ނަމަވެސް މެޗުގެ 61 ވަނަ މިނިޓުގައި ބަޔާން މިއުނިކަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ ލަނޑެއް ޖަހާ ބަޔާން މިއުނިކަށް ކުރި ހޯދަދީފައެވެ.

އާސެނަލްއިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނިޓަށް ވެފައިވަނިކޮށް ވިކްޓާރ ޔޯކޭރެސް ދިން ޕާހަކުން ޑެކްލަން ރައިސްއެވެ.

މި ނަތީޖާ އާއިއެކު އާސެނަލްއަށް ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 7 ވަނައިގައެވެ. ބަޔާން މިއުނިކަށް ލިބިފައިވާ 5 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 14 ވަނައިގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމޭއިރު ގަދަ 8 ގައި ހިމެނޭ ޓީމުތަކަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާއިރު 9 އިން 24 ވަނައަށް ދާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް އިތުރު މެޗުތަކެއް ކުޅުމަށެވެ.