ޚަބަރު

އުރުބާނީ ފާހަގަކުރީ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގެ ސަބަބުން ނެތްކަން


  • އަނިޔާގެ ސަބަބުން މި މުބާރާތް ގެއްލުނީ އިލާންއާއި ހައިޝަމްއަށް

  • ފޯކަސް އޮތީ ޕާކިސްތާން މެޗަށް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2026 އަށް ގައުމީ ފުޓުބޯޅަ ޓީމުން ބަންގްލަދޭޝްއަށް އައިރު، މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން މި މުބާރާތުގައި ނުކުޅެވޭނެ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ބުނެފިއެވެ.

އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ ސްކޮޑުގައި މި ފަހަރު ނުހިމެނޭ މުހިންމު ދެ ކުޅުންތެރިންނަކީ މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އާއި ޑިފެންޑަރު ހައިޝަމް ހަސަންއެވެ.

ބަންގްލަދޭޝްގައި ހުކުރު ދުވަހު ހަވީރު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ކޯޗު އުރުބާނީ ބުނީ އިލާންއާ ހައިޝަމްއަކީ އޭނާގެ ޕްލޭނުގައި މުހިންމު ދެ ކުޅުންތެރިން ކަމަށެވެ. އެކަމަކު ކަން ދިމާކުރި ގޮތުން އެ ދެ ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން މި މުބާރާތް ނުކުޅެވޭކަން އުރުބާނީ ވަނީ ފާހަގަކޮށްފައެވެ.

އުރުބާނީ ބުނީ ބަންގްލަދޭޝްގައި ރާއްޖެއިން މީގެ ކުރިން ސާފް ކާމިޔާބުކޮށްފައިވުން އެއީ ކުޅުންތެރިންނަށް އޮތް ޕްރެޝަރެއް ކަމަށެވެ. އެކަމަކު އެ ޕްރެޝަރަށް ކުޅުންތެރިން ފަރިތަވާނެކަން އުރުބާނީ ވަނީ ފާހަގަކޮށްފައެވެ.

ބަންގްލަދޭޝްގައި މީގެ ކުރިން ބޭއްވި ދެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެއިން ވަނީ ފައިނަލު ކުޅެފައެވެ. އެއީ 2009 ވަނަ އަހަރު އަދި 2018 ވަނަ އަހަރުއެވެ. އޭގެ ތެރެއިން 2018 ވަނަ އަހަރުގެ ސާފުގެ ތަށި އިންޑިއާ ބަލިކޮށް ރާއްޖެއިން ވަނީ ހޯދައިފައެވެ. އޭގެ ތެރެއިން 2009 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި އުރުބާނީ ވަނީ މަސައްކަތް ކޮށްފައެވެ.

އުރުބާނީ ބުނީ އެ ފަހަރުގެ މުބާރާތައް ނުކުތް ޓީމާ މިހާރުގެ ޓީމާ ވަރަށް ތަފާތު ކަމަށެވެ. އަދި މިވަގުތު އޭނާގެ ފޯކަސް ހުރީ ކުރިއަށް އޮތް ޕާކިސްތާން މެޗަށް ކަމަށް އުރުބާނީ ބުނިއެވެ.

ރާއްޖެއިން މި މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ އަށްވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.