ބަންގްލަދޭޝް ސިފައިން މިޔަންމާ ބޯޑަރު ކައިރި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރޮހިންޔާ ރެފިއުޖީންތަކެއް ސަލާމަތްކޮށްފިއެވެ.
ބަންގްލަދޭޝާއި މިޔަންމާ ގުޅޭ ބޯޑަރު ސަރަހައްދުގައި އިންސާނީ ވަގު ވިޔަފާރިކުރާ ހަތިޔާރުއެޅި ގްރޫޕަކާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ނުރައްކާތެރި ކުރިމަތިލުންތަކަކަށްފަހު، ރޮހިންޔާ ރެފިއުޖީން ހިމެނޭހެން މަދުވެގެން 57 މީހުން ސަލާމަތްކޮށްފިއެވެ.
ބަންގްލަދޭޝް އަސްކަރިއްޔާގެ އިންޓަރ-ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައި.އެސް.ޕީ.އާރު) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މިޔަންމާ ބޯޑަރު ކައިރީގައި އޮންނަ ޓެކްނަފްގެ ރޮންގިޚާލީ ފަރުބަދަމަތީ ސަރަހައްދުގައެވެ. މި އޮޕަރޭޝަން ހިންގަން މަޖުބޫރުވީ، ހަތިޔާރުއެޅި ގްރޫޕަކުން 120 އަށްވުރެ ގިނަ ރޮހިންޔާ ރެފިއުޖީންނާއި ބަންގްލަދޭޝްގެ ރައްޔިތުން ރަހީނުކޮށްފައިވާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބުމާ ގުޅިގެންނެވެ.
މި ކުރިމަތިލުމުގައި ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކުގައި ސިފައިންގެ ސާޖަންޓެއް ކަމަށްވާ އެމްޑީ ޓިޓާޝް ޝޭޚްގެ ވާތު ކޮނޑަށް ވަޒަން އަރައި ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ. ބަންގްލަދޭޝްގެ ކޮކްސް ބަޒާރު ކައިރީގައި ޤާއިމުކޮށްފައިވާ ވަގުތީ ކޭމްޕުތަކުގައި 1.2 މިލިޔަނަށްވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ދިރިއުޅެމުންދެއެވެ. މިއީ 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާއި ޤަތުލުއާންމުތަކުން ސަލާމަތްވުމަށް އެ ޤައުމު ދޫކޮށް ހިޖުރަކުރި މީހުންނެވެ.
މި އަނިޔާވެރި އަމަލުތަކާ ގުޅިގެން މިޔަންމާއާ ދެކޮޅަށް ހުށަހެޅިފައިވާ ނަސްލު ނައްތާލުމުގެ މައްސަލަ އދ. ގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ކުރިއަށްދާއިރު، މި މައްސަލައިގެ މުހިންމު ހުކުމެއް މި މަހުގެ 19 ވަނަ ދުވަހު އިއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.