ތަރައްްޤީ

"ފަސިންޖަރުންގެ އަދަދު 20 އަހަރުތެރޭ ވަރަށް ބޮޑަށް އިތުރުވާނެ"


ރާއްޖެ ހިމެނޭ ސަރަޙައްދުގައި ވައިގެ ދަތުރުފަތުރުކުރާ ފަސިންޖަރުންގެ އަދަދު ކުރިޔަށް އޮތް ވިއްސަކަށް އަހަރުގެ ތެރޭގައި، ބޮޑެތި ބައެއް ބައްރުތަކަށްވުރެ އިތުރުވާނެކަމަށް ވައިގެ ދަތުރުފަތުރާބެހޭ ދާއިރާގެ މިނިސްޓަރ، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ބައިނަލްއަޤުވާމި ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބުތައި ދެއްވި ޚިޠަބުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަކީ ކުރިމަގު އޮތް މަންފާ ބޮޑު ސިނާޢަތެއް ކަމަށާއި ރާއްޖޭގެ އޭވިއޭޝަން ދާއިރާ މިދަނީ ކޮންމެ އަހަރަކުވެސް ތަރައްޤީވެ ކުރިއަރަމުން ކަމަށެވެ. މި ސިނާޢަތް ކުރިއަރަމުންމިދާ ނިސްބަތުގައި ހިފެހެއްޓިއްޖެނަމަ ދެހާސް ތީރީސް ފަސްވަނަ އަހަރު، ޔޫރަޕާއި އުތުރު އެމެރިކާ ސަރަޙައްދުގައި ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އެއްކޮށްލުމުން ޖުމްލަ ޖެހޭ އަދަދަށްވުރެ މި ސަރަޙައްދުގައި ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުޅި ސަރަޙައްދުގެ ޖީ.ޑީ.ޕީ ދުއިސައްތަ ފަނަރަ އިންސައްތަ ކުރިއަރާނެ ކަމަށް އަޔާޓާއިން ހާމަކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ޚިތާބުގައި މި ދާއިރާއިން ލިބެން ހުރި މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ވަޒީފާތައް އިތުރުވަމުންދާކަން ފާހަގަކުރައްވާފައިވެއެވެ. އަދި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ގިނަ ސިނާޢަތަކަށްވެފައި، މިދާއިރާއިން ރާއްޖޭގެ އޮޕަރޭޝަންތައް ހިންގާ ހުރިހާ ފަރާތްތަކުން ޙަރަކާތްތައް ގިނަކޮށް، އިތުރަށް ފުޅާކުރުމުގެ ޕްލޭންތައް އެކުލަވާލާ ތަންފީޒުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/5034.jpg|އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް-

ސަރުކާރުގެ ސިޔާސަތަކީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ކުރިއަރަމުންދާ ދުވެލި ހަލުވިކުރުން ކަމަށާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މަންފާ އިތުރުކުރުމަށް ރެކްރިއޭޝަނަލް ޙަރަކާތްތައް ފަދަ ޖެނެރަލް އޭވިއޭޝަން އޮޕަރޭޝަންތަކާއި ރޯޓަރީވިންގ އެއަރ ކްރާފްޓްތަކަށް ހުއްދަ ދެވޭނެ ގޮތަށް އޮޕަރޭޝަންސް ޤަވާއިދުތައް މިހާރު އެކުލަވާލެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ކައިރި މުސްތަޤްބަލެއްގައި ވައިގެ ދަތުރުފަތުރާ ގުޅޭ އިތުރު ވައްތަރުތަކުގެ ޚިދުމަތްތައް ރާއްޖޭގައި ފެށިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި، މިދާއިރާއާއި ގުޅޭ އިތުރު ވައްތަރުތަކުގެ ޙަރަކާތްތައް ފެށުމަށް ޕްރޮޕޯސަލްތައް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ލިބެމުން އަންނަކަން މިނިސްޓަރގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް އެ އޮތޯރިޓީން މިހާރު އެންމެ ބޮޑަށް އަމާޒުކުރައްވާ ދާއިރާއަކީ ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް އެކުލަވާލައި ޤާއިމްކުރެއްވުމުގެ މަސައްކަތް ކަމަށާއި މިހާރު ހިނގަމުންދާ އެންމެ ބޮޑު މަޝްރޫޢަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް އެކުލަވާލާފައިވާ ފްލައިޓް އޮޕަރޭޝަނާ ބެހޭ ޤަވާއިދުތަކާއި މަތިންދާބޯޓުގެ ފަޅުވެރިންނަށް ލައިސެންސް ދިނުމާ ބެހޭ ހުރިހާ ޤަވާއިދުތަކެއް މުރާޖަޢާ ކުރައްވާ، ހުރިހާ ޙަރަކާތެއް ހިމެނޭގޮތަށް ރެގިއުލޭޝަން ސެޓެއް ތަޢާރަފް ކުރެއްވުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭރޯޑްރޯމްސް އަދި އެއަރ ނެވިގޭޝަން ދާއިރާއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަމީރުވަނީ ރާއްޖޭގެ މައި ދޮރާށި ކަމަށްވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް އަހަރަކު ހަތެއް ޕޮއިންޓް ފަހެއް މިލިޔަން ފަސިންޖަރުންނަށް ޙިދުމަތް ދިނުމުގެ އަމާޒަށް އިޝާރަތް ކުރައްވާފައެވެ. އަދި ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އެއަރޕޯޓްކަމުގައިވާ، ގޭން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބައިނަލްއަޤްވާމީ ދަތުރުތައް ފެށިފައިވާ ކަމަށާއި ރާއްޖޭގައި އިތުރު އެއަރޕޯޓްތައް ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.