ކުޅިވަރު

އީގަލްސްގެ ކާމިޔާބީގައި ބޯލްބޯއީއާއި ވޯޓަރ ބޯއީގެ ދައުރު


" ކްލަބް އީގަލްސް " ގެ ނަން ކަރުދާހުގައި ލިޔެ ރަޖިސްޓްރީކޮށްގެން، ރަސްމީ ހައިޞިއްޔަތާއެކު ހިންގަމުން އަންނަތާ 27 އަހަރު ނަމަވެސް އެ ޓީމަށް ނުވަތަ ގްރޫޕަށް ތިރީސް އެތައް އަހަރެއް ވެއްޖެއެވެ. ނިމިގެންދިޔަ ނޮވެމްބަރު މަސް އަލްވަދާއު ކިޔަން ކުޑަތަންވެފައި ވަނިކޮށް ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ތަށި ލިބުނީ ކްލަބްގެ ހަޔާތުން ދައުރެއް ފަހަނަ އަޅައި، ދެވަނަ ދައުރެއްގައެވެ.

" ހަސަން އަލީ އަޅައިދެއްވި ބިންގަލުގައި ކުރިއަށްދިއުމުގައި ކްލަބް އީގަލްސްއަށް މިއައީ މައިގަނޑު ދެ ދައުރު. އެއް ދައުރަކީ އަޅުގަނޑު ކްލަބް ހިފައިގެން މިއައި ދައުރު. އަނެއް ދައުރަކީ މުފާ ކްލަބް މިހާ ހިސާބަށް ގެނެސްދިން ދައުރު. ދެން އޭގަ އަޅުގަނޑު ކްލަބް ހިފައިގެން އައިއިރުވެސް އަޅުގަނޑަށްވުރެ ބޮޑަށް ޤުރުބާނީވި ފަރާތްތަކެއް އެބައުޅޭ. އެހެންނަމަވެސް އިސްކޮށް ކޮންމެސް މީހަކު ހުންނަންޖެހޭތީ އަޅުގަނޑު ފެންނަނީ. ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކީގަ އަޅުގަނޑަށް ކްލަބް ގެންދެވުނު ހިސާބަށް ގެންދެވުނީ. އެއަށްފަހު މުފާ މިހާހިސާބަށް މިގެނެސްދިނީ. " ކްލަބް އީގަލްސްގެ ނަން އެންމެ ފުރަތަމަ ކަރުދާހުގައި އަތުން ލިޔުއްވައި، ކްލަބްގައި ދެގޮތެއް ނުވެ ހުންނެވި ވައިސް ޗެއަރމަން މުޙައްމަދު ތައުފީޤް ( ތޯއްޓޭ ) ވިދާޅުވީ މިހެންނެވެ. 

ދެން އޮތީ އެވިދާޅުވާ މުފާއެއްގެ ވާހަކައެވެ. ކުޅިވަރުގެ ޢާންމު ސަޕޯޓަރުންނަށް އެއީ ބީރެއްޓިއްސެކެވެ. ކުޅިވަރުގެ ތެރޭގައި އުޅޭ ނޫސްވެރިންނާއި އެނޫންވެސް ފަރާތްތަކަށް މުފާ އިނގެން ފެށީވެސް އޭނާގެ ޚިދުމަތް ކްލަބް އީގަލްސްއަށް ލިބެމުން އަންނަތާ އަހަރުތަކެއް ފަހުންނޭ ބުނެވިދާނެއެވެ. 

" މުފާއަކީ ވަރަށް ކުޑަކުޑައިރުން ފެށިގެންވެސް އަޅުގަނޑުގެ ފިހާރައަށް އަންނާނެ. ފިހާރަ ކައިރިއަށް ހުރިހާ ކުދިން އެއްވާނީ. އެއްވާއިރުވެސް މުފާ ވާގޮތަކީ، މުފާ އިންނާނެ އެތާ. އިންނައިރު މުފާ އަމިއްލައަށް އިސްވެ ބޯޅަތައް ނަގައިގެން، ވައިޖަހާ ހުރިހާކަމެއްކޮށް، ތޯއްޓޭ ކިހިނެއްހޭ މިހާރު، މެޗު އޮތީ ކިހިނެއްތޯ ބަލާ، ޕްރެކްޓިސް ބަލަން ގޮސް އުޅެންފެށީމަ އަޅުގަނޑަށް އިނގިއްޖެ މިއީ ކްލަބް ދެކެ ލޯބިވާ ކުއްޖެއްކަން." މުފާގެ ކުޅިވަރުގެ ޝައުޤު އުފެދި މުފާގެ ޚިދުމަތް ކްލަބް އީގަލްސްއަށް ލިބެން ފެށި ހިސާބު ތައުފީޤުގެ ހަނދާނުން ފެށެނީ މިހިސާބުންނެވެ. 

img:http://s3.psmnews.mv/images/660x400/14813684150494.jpg|މުފާ ( އިށިއިނދެގެން ) ޓީމްގެ ބައެއް ސަޕޯޓަރުންނާއެކު ޕްރެޒިޑެންޓްކަޕްގެ ތަށި ހިފައިގެން

މުފާގެ އެޝައުޤުވެރިކަމާއި، ކްލަބްދެކެ އޮތް ލޯބި ފެނި އެއީ ކޮންމެވެސް ދުވަހަކުން އެކްލަބް ކޮޅަށް ޖަހައިދޭނެ ޒުވާނެއްކަން ތައުފީޤް އޭރުވެސް ޤަބޫލުކުރިއެވެ. އެޤަބޫލުކުރުންމަތީ މުފާ ކުލްބާ ބޮޑަށް ކައިރިކޮށް، ލޯބި ޖައްސަމުންވެސް ދިޔައެވެ.

" މުފާ ވަރަށް ކުޑައިރުގަވެސް އަޅުގަނޑު ކޮމިޓީ ތެރޭގަވެސް މުފާ ބައިންދަން. ނަމަވެސް ކޮމިޓީ މެމްބަރެއްނޫން. އަޅުގަނޑު އޭރުވެސް މުފާ ގެންގޮސް ބައިންދަން ކޮމިޓީގަ. މުފާއަށް އިނގޭނެ އަޅުގަނޑުމެން ކުރާ ހުރިހާ މަޝްވަރާތައް އޭރުވެސް. އެހެންވީމަ މުފާ ޓީމާ ހަވާލުވިއިރު މުފާއަށް ވަރަށް ރަނގަޅަށް ކްލަބް އިނގޭނެ." ހަޤީޤަތުގައި މުފާއަކީ ފުރަތަމަ ދައުރުގައިވެސް ކްލަބްގެ މުޙިންމު މެމްބަރެކެވެ. ހައިޞިއްޔަތެއްނެތި މުފާ ކޮމިޓީގައި ބޭންދި ނަމަވެސް އޭރުވެސް އޭނާ ކްލަބާ މެދު ވިސްނައެވެ. ކްލަބްގެ ހާލަތާ މެދު ކަންބޮޑުވިއެވެ. ވާހަކަ ދައްކާ މަޝްވަރާގައި ބައިވެރިވުމުގެ ފުރުޞަތު ނެތް އިރުވެސް އަޑު އަހަން އިނުމުގެ ފުރުޞަތު ލިބުމުންވެސް ބަސް ބުންޏެވެ.

" އަޅުގަނޑު ބައިންދައިގެން ކޮމިޓީތައް ބޭއްވިއިރުވެސް އަޅުގަނޑު ބުނަން ލާރި ހޯދަން ގޮތްތަކެއް އެބަ ހަދަން ޖެހެއޭ ކުޅުންތެރިން ހިފަހައްޓަން. " ކްލަބްގެ އީގަލްސްގެ ޖެނެރަލް ސެކެޓްރީ މުފާވިޒު ހާޝިމް އެދުވަސް ހަނދާންކުރަމުން ވިދާޅުވީ މިހެންނެވެ.

img:http://s3.psmnews.mv/images/660x400/14813678226851.jpg|މުފާ ޓީވީއެމްގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަދައްކަނީ

ކްލަބް ހިންގުމުގައި ބޮޑު މީހެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށީ 2006 ވަނަ އަހަރުއެވެ. ކުރިން މިކެދެވުނީ މުޅިންވެސް އޭގެ މާ ކުރީގެ ވާހަކަތަކެވެ. 2006 ވަނަ އަހަރު އޭނާ ކްލަބްގެ ކަންކަމުގައި އުޅެ، ކްލަބް ކޮޅަށް ޖަހަން މަސައްކަތް ފެށިއިރުވެސް އޭނާއަކީ ކުރިންވެސް ކޮމިޓީގައި އިންފަދަ މެމްބަރެކެވެ. ރަސްމީ އެއްވެސް ހައިޞިއްޔަތެއް، ބާރެއް ނުވަތަ ނަމެއް ނެތެވެ. އެއީ އޭނާގެ ޝައުޤެވެ. ކްލަބް ދެކެ އޮތް ލޯތްބެވެ.

" ވަރަށް ކުޑައިރުންސުރެ އަޅުގަނޑު މިއުޅެނީ ކްލަބްގަ. އޭރުދެން ބޯލް ބޯއީއަކަށް، ވޯޓަރ ބޯއީއަކަށް މިއުޅުނީ. ދެން ކުޅެ ނިންމާފަ އައިސް ތޯއްޓޭ ފިހާރައިން ލިބޭނެ ފުޅިއެއް ބޯލަން ކޮންމެ ދުވަހަކު. " މުފާގެ ހިތުގައި ކްލަބް ލޯބި އޮތް މިންވަރަކީ އަދި އެލޯބި އުފެދުނު ހިސާބަކީވެސް މިއީއެވެ.

ދެން އޮތީ ކަންތައްތައް ބަދަލުވެގެން ދިޔަ ހިސާބެވެ. މުފާގެ ހިތުގައި ކްލަބަށް އޮތް ލޯބި ހަޤީޤަތުގައި ރަނގަޅަށް ހާމަވަގެން ދިޔަ ހިސާބެވެ. 2006 ވަނަ އަހަރުން ފެށިގެން ކްލަބް ހިންގުމުގައި އުޅުމަށްފަހު 2008 ވަނަ އަހަރު އޭނާ ތައުލީމް ހާޞިލްކުރަން ސްރީލަންކާއަށް ދިޔައެވެ. އޭރުވެސް ކްލަބް އޮތީ ދެވަނަ ޑިވިޝަންގައެވެ.

" ކިޔަވަން ހުރެފަ ޗުއްޓީއަކަށް އައިސް ހުރި ދުވަހެއްގައި އެހެން ޓީމަކުން އީގަލްސް ކޮޅަށް މިޖަހަނީ ހަ އެތި. އޭތި ބަލާކަށް އަޅުގަނޑަށް ކެތެއް ނުވި. އެއީ އަދި އަލަށް ސެކަންޑަށް އެރި ބައެއް ހަ އެތި ޖެހީމަ ކެތެއްނުވި. އެހިސާބުން އަޅުގަނޑު ބުނިން އަންނަ އަހަރު މަށޭ ޓީމް ނެރޭނީ." އެހިސާބުން ކްލަބް ކާމިޔާބީއާ ހަމައަށް ގެންދިއުމުގެ އަޒުމް އޭނާގެ ހިތުގައި ވަރުގަދަވެ، މަސައްކަތް މެކުހަށްޖެހިއެވެ. ކްލަބަށް ލާރި ހޯދަން ފޮތް ހިފައިގެން ހިނގަން ފެށިއެވެ. 

img:http://s3.psmnews.mv/images/660x400/14813685047642.jpg|އީގަލްސް ކުޅުންތެރިންނާ އޮފިޝަލުން ތައްޓާއެކު: ފޮޓޯ- ޕީއެސްއެމް

" ދެހާސް ނުވަވަނަ އަހަރުވެސް އަޅުގަނޑުމެން ރެލިގޭޝަނާ ހިސާބަށް ދިޔަ. އެއަހަރު އަޅުގަނޑު ހަނދާންވަނީ ފޯޓީ ސިކްސް ތައުޒަނޭ ހަނދާންވަނީ އެއަހަރު މަސައްކަތްކޮށްގެން ޓީމް ނެރެން ސްޕޮންސަރއަށް ލިބުނީ. ސްޕޮންސަރ ހޯދުމަކީ ފަސޭހަކަމެއްނޫން. ފޮތް ހިފައިގެން މިދުވަނީ، ގޮސް މީހުނާ ބައްދަލުކޮށް ތިންހާހުން، ފަސްހާހޭ ބުނަނީ. ތިންމަސްވާއިރުވެސް އެތިންހާސްވެސް ގިނަ ފަހަރުނުލިބޭނެ." ކްލަބް އީގަލްސްގެ ފުރަތަމަ ތަށި ފުރަތަމަ ޑިވިޝަންގައި އުފުލާލިއިރު މިފަދަ ދަތި އުނދަގޫ ދުވަސްތައް ވަނީ ކަޑައްތުކޮށްފައެވެ.

އީގަލްސްގެ އަދި މުފާގެވެސް ނަސީބު އަތުގައި ހިފީ މިފަދަ ގޮތަކަށް ފޮތް ހިފައިގެން ލާރި ކޮޅެއް ހޯދަން ހިނގުމުގެ ތެރޭގައެވެ.

" އަޅުގަނޑުމެންގެ ނަސީބު އެއީ 2010 ވަނަ އަހަރު އަޅުގަނޑު އެހެން މަސައްކަތްކުރަނިކޮށް ދިމާވީ ސަރަނގު އާދަމް މަނިކާ. ސަރަނގު އާދަމް މަނިކު ހަމަ 10 މިނިޓް ތެރޭ ބުނެފި ކްލަބް ނަގާފާނަމޭ މަ. އަހަރެން ޚަރަދުކޮށްދީފާނަމޭ. ދެން އަޅުގަނޑު ބަޖެޓެއް ހަދައިގެން ދިޔައީ ފަސްޓަށް އަރާށާ އެއްކޮށް، އޭރު އެންމެ އަގުބޮޑު ކުޅުންތެރިއަކަށްވެސް ޖަހާފަ އިންނާނީ 35 ހާސް ރުފިޔާ. އެއްލައްކަ ތިރީސް ހާހޭ އަޅުގަނޑު ހަނދާންވަނީ ބަޖެޓްގައި ޖަހައިގެން ދިޔައީ. ދިޔާމަ ބަޖެޓް ބަލާފަ ބުނީ ހާދަ ކުޑައޭމި. މިއަށްވުރެ ބޮޑުކޮށްލާށޭ." އޭރު އޭނާއަކަށް ބަޖެޓް ހަދާކަށް، ފައިސާ ހޯދާކަށް ނުވަތަ ކްލަބް ހިންގާކަށްވެް ހަޤީޤަތުގައި ނޭންގެއެވެ. އެކަންކަންވެސް ދަސްވެގެން ދިޔައީ އާދަމް މަނިކުގެ ފަރާތުންކަމަށް މުފާ ޤަބޫލުކުރެއެވެ. ފައިސާ ހޯދާނެ ގޮތާއި، ކްލަބް ހިންގާނެގޮތް އާދަމް މަނިކު ދަސްކޮށްދެއްވިކަމަށް މުފާ ވިދާޅުވިއެވެ. 

އޭރުވެސް އޭނާއަކީ ކްލަބްގެ އެއްވެސް މަޤާމެއް އޮތް މީހެއް ނޫނެވެ. މަޤާމެއް ބޭނުން ނެތީއެވެ. ކްލަބްގެ މަޤާމަކާ ހަވާލުވާންވެސް އޭނާއަށް މަޖުބޫރުކުރުވީ އާދަމް މަނިކެވެ. 2010 ވަނަ އަހަރު އާދަމް މަނިކުގެ ޗެއަރމަންކަމުގައި އާ ބޯޑް އެކުލަވާލިއިރު ޖެނެރަލް ސެކެޓްރީގެ މަޤާމްގައި ހުންނަން އާދަމް މަނިކު ބޭނުންވީ މުފާއެވެ. އެދުވަހުގެ ފަހުން އެމަޤާމްގައި ހުންނެވިނަމަވެސް ހަޤީޤަތުގައި މިއަދުވެސް އޭނާ މަޤާމެއް ބޭނުމެއް ނޫނެވެ. 

ދެން އޮތީ ތައުފީޤްވެސް ފާހަގަކުރައްވާ އީގަލްސްގެ ދެވަނަ ދައުރުގެ ކާމިޔާބީއެވެ. އެއީވެސް ހަމަހުރެފަ ލިބުނު ކާމިޔާބީއެއް ނޫނެވެ. ޕްލޭނެއްގެ ދަށުން ކުރި މަސައްކަތްތަކެއް ނަތީޖާއެވެ.

" 2013 ވަނަ އަހަރު އަޅުގަނޑާ ސާންތިއާ އިށިއިނދެފަ ވިސްނީ ފަސް އަހަރުގެ ޕްލޭނެއް ހަދަން. ފަސް އަހަރުގެ ޕްލޭނެއް ހަދާފަ ޅަ ކުޅުންތެރިންތަކެއް ގެންނަން. އެގޮތުން އެއަހަރު ހެދިން 35 ޓްރާންސަފރވެސް. 2017 ވަނަ އަހަރު ތައްޓަކާ ހިސާބަށްދާން މަސައްކަތްކުރަން ފެއްޓީ. ދެން އިރާދަކުރެއްވީތީ އޭގެކުރިން އެކަން މިވީ. 2014ވަނަ އަހަރުވެސް ވަރަށް ގާތަށް ދެވުނު. " ޕްރެޒިޑެންޓްކަޕްގެ ތައްޓާ ހަމައަށް ވާޞިލްވުމަށް ކުރި މަސައްކަތުގެ އަޞްލަކީ މިއީއެވެ. 

img:http://s2.psmnews.mv/images/660x400/14813686134287.jpg|މުފާ ކޯޗު ސާންތިއާއެކު ޕްރެކްޓިސްގައި

މިމުއްދަތުގެ ތެރޭގައި އީގަލްސްއިން ގިން ޓްރާންސްފަރތަކެއް ނަހަދައެވެ. ފުރަތަމަ ޕްލޭން ފަށަން ހެދި 35 ކުޅުންތެރިންގެ ފަހުން ކޮންމެ އަހަރަކުވެސް ގެނައީ މަދު ކުޅުންތެރިންނެވެ. 2014 ވަނަ އަހަރު 6 ޓްރާންސްފަރ، 2015 ވަނަ އަހަރު 3 ޓްރާންސްފަރ އަދި 2016 ވަނަ އަހަރު ދިވެހި އެއް ޓްރާންސްފަރ އެވެ. އެކުޅުންތެރިން މިއަދުވެސް ތިބީ ކްލަބް އީގަލްސްގައެވެ. އަންނަ އަހަރުވެސް ތިބޭނީ އީގަލްސްގައެވެ. އަންނަ އަހަރަށް މިހާރު ވަނީ އެއް ޓްރާންސްފަރ ފުރިހަމަކޮށްފައެވެ. ޒުވާން ޅަ ކުޅުންތެރިން ހިފަހައްޓައި، އެކުޅުންތެރިން ގެންގުޅުމުގައިވެސް މުފާ ވަނީ ކާމިޔާބު ހޯދާފައެވެ.

" ޅަ ކުޅުންތެރިންނަށް މުފާ ވަރަށް ރަނގަޅުވާނެ. އެކުދިން ދަތިވެގެން ބުނީމަވެސް ލާރި ދޭނެ މަސް ނުނިމުނަސް. ކޮންމެސް ގޮތެއް ހޯދާނެ " އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ މުފާއާއި ބެހޭގޮތުން ބުނި ވާހަކައަކީ މިއީއެވެ.

ކުޑަ ކްލަބްގެ ސަފުން ބޮޑު ކްލަބްގެ ސަފަށް ކްލަބް އީގަލްސް ގެންދިއުމުގައި ހަޤީޤަތުގައިވެސް މުފާގެ ދައުރު ބޮޑެވެ. އޭނާ ޤަބޫލުކުރައްވާ ގޮތުގައި އެކަމުގައި މިހާރުގެ ޗެއަރމަން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ދައުރެވެސް ބޮޑެވެ. އެއީ ޒުވާނުންނާ ގުޅޭ، އީގަލްސް ކުރިއަށްގެންދަން ބޭނުންވާ، އީގަލްސްއާ އެއް ވިސްނުމުގެ ބަރާބަރު ޗެއަރމަނެކެވެ. ހަމައެހެންމެ ރައީސް ޔާމީން އޭނާއަށް ދެއްވާ ހިތްވަރުވެސް މުފާ ފާހަގަކުރެއްވިއެވެ. ޒުވާނުން ގޮވައިގެން ކުރިއަށް ދިއުމަށާއި، އެކުދިންން ފުރުަޞަތު ހޯދައިދީ ކުރިއަށްގެންދަން އަބަދުވެސް ހިތްވަރުދެއްވާކަމަށް މުފާ ވިދާޅުވިއެވެ.

މިއަދު މުފާއަކީ ފުޓްބޯޅައިގެ ޚިދުމަތްތެރިއެކެވެ. ކްލަބް އީގަލްސް ދެކެ ހަޤީޤީ ލޯބިވާ ކްލަބްގެ ވަފާތެރި ސަޕޯޓަރެކެވެ. ކުޅިވަރު އާއިލާއާއި ޒުވާނުންގެ މެދުގައިވެސް މަޤްބޫލް ޒުވާނެކެވެ.