ބ. ހިތާދޫ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްޞަ ރަސްމިއްޔާތެއް އެ ރަށުގައި ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.
މި ރަސްމިއްޔާތުގައި ތަޢުލީމީ ވުޒާރާގެ އިސްވެރިންނާއި، ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލިސް މެންބަރާއި، ރަށު ކައުންސިލްގެ ރައީސް އަދި ސްކޫލުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހިތާދޫ ސްކޫލުގެ ދަރިވަރުންނާއި މިރަށު ރައްޔިތުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ހިތާދޫ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމެނޭ އެންމެ ދުވަސްވީ އެއް ސްކޫލު ކަމަށެވެ. އެގޮތުން ފައުންޑޭޝަން ލެވެލްއިން ފެށިގެން ތަޢުލީމު ފޯރުކޮށްދެމުން އަންނަ މި ސްކޫލަކީ ހަމައެކަނި ކުރިއަރަމުންދާ ސްކޫލެއް ނޫން ކަމަށާއި، މިހާތަނަށް މި ސްކޫލުން ގިނަ ދަރިވަރުންތަކެއް ތަޢުލީމު ޙާޞިލުކޮށް ޤައުމަށް ޚިދުމަތްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ތަޢުލީމު އުނގެނުމުގެ ޙަޤީޤީ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ މި ޒަމާނުގެ ދުނިޔޭގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފަން ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަމަށެވެ.
ދަރިވަރުންނަކީ އަނެކުންނަށް އޯގާތެރި ބަޔަކަށް ހެދުމަކީ މުޅި މުޖުތަމަޢުގެވެސް ޒިންމާއެއް ކަމަށާއި، ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭންވާނީ ވަށާޖެހޭ ގޮތެއްގައި ކަމަށް ވިދާޅުވިއެވެ.
"މިއީ ހަމަ ޖީލުތަކެއްގެ ބުރަ މަސައްކަތް. މަސައްކަތުގެ ވާހަކަދައްކާއިރު ސްކޫލުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް މިހާރު ފޯމިއުލޭޓް ކުރެވިފައިވާ ވާހަކަ ދަންނަވާލަން. އަދި ވަރަށް އަވަހަށް އެ މަސައްކަތްތަކުގެ ޢަމަލީ ފެށުން ފެނިގެންދާނެ ކަމުގެ ޔަޤީންކަންވެސް ދެން." ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިތާދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު ޢަބްދުﷲ ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ހިތާދޫ ސްކޫލުގެ އަލިމަސް ޔޫބީލަކީ މި ރަށުގެ ރައްޔިތުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާއި ކުރެއްވި ބުރަ މަސައްކަތުގައި ކުލަޖެހިގެންދިޔަ ޙައްޤު ދުވަހެއް ކަމަށެވެ.
މީގެ އިތުރުން، މި ސްކޫލުން ތަޢުލީމީ ހިޔާވަހިކަން ހޯދި އިސްދަރިވަރުންގެ ތެރެއިން އެތައް ދީނީ ޢިލްމުވެރިންނަކާއި، ޢިލްމީ ގޮތުން ޤާބިލު، އަޚްލާޤު ރަނގަޅު ގިނަ ދަރިންތަކެއް ބިނާވެފައިވާ ކަމަށާއި، ސްކޫލް މިހާރު 100 އަހަރާ ދިމާއަށް ދަތުރުކުރަމުންދާއިރު ސްކޫލުގެ މަޤްޞަދު ވަރަށް ފުރިހަމައަށް ޙާޞިލުވަމުންދާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
މި ޚާއްޞަ ރަސްމިއްޔާތުގައި ސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ވަނީ ޙަވާލުކޮށްފައެވެ. އަދި ސްކޫލަށް ޚިދުމަތްކުރެއްވުމަށްފަހު މިއަދު މި ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކުގެ ޢާއިލާތަކާވެސް ވަނީ ޝަރަފުގެ އެވޯޑު ޙަވާލުކޮށްފައެވެ.
ބ. ހިތާދޫ ސްކޫލަކީ 1951 ވަނަ އަހަރުގެ އެޕްރީލް މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ކިޔަވައިދޭން ފެށި ސްކޫލެކެވެ. އެކި ނަންނަމުން ޚިދުމަތް ދޭން ފެށި މި ސްކޫލުގައި ތަޢުލީމު އުނގަންނައިދެން ފެށިފައިވަނީ ހަމައެކަނި 200އެއްހާ ކުދިންނާއެކު، އެކި ތަންތަނުން މުދައްރިސުން ގެނެސްގެންނެވެ. އެހެންނަމަވެސް ސްކޫލު އިތުރަށް ތަރައްގީވެ، މިއަދު ހިތާދޫ ސްކޫލަކީ އެތައް މޮޅެތި ދަރިންނެއް އުފައްދަމުންދާ ސްކޫލެކެވެ.