ބާޒާރުގައި ވިއްކާ މަހުގެ ވައްތަރުތަކާއި އަދި މަހުން އުފައްދާ ބާވަތްތަކުގެ އަގުތައް ހެޔޮވެއްޖެއެވެ.
ވޭތުވެދިޔަ ހަފްތާގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަހުގެ އަގުތައް ހުރި މިންވަރު ބަޔާންކުރައްވައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ނެރުއްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކިލޯއެއް 100 ރުފިޔާއިން މަތީގެ އަގުތަކުގައި ހުރީ ރަތްމަހާއި ލޮނުމަހެވެ. މީގެ ކުރިން މާލޭ މަސްމާރުކޭޓުގެ އަގުތަކަށްބަލާއިރު އާންމުގޮތެއްގައި ކުރުމަހާއި، ވަޅޯ މަހާއި ލޮނުމަސް، އަދި ހިކި މަސް ކިލޯއެއް އުޅެނީ 100 ރުފިޔާއިން މަތީގައެވެ.
ވޭތުވެދިޔަ ހަފްތާގައި ހިކިމަހާއި ވަޅޯމަސް ކިލޯއެއް ހުރީ 85 ރުފިޔާއާއި 96 ރުފިޔާއާ ދެމެދުގައެވެ.
ލައްޓި، ކަންނެލި، ރާގޮނޑި، ރިތްމަސް، މުށިމަސް، މާނިޔަމަސް، ބޮޑުކަންނެލި، ގޮދާ ކަނޑުމަސް، މިއިން ކޮންމެ ބާވަތެއްގެ ކިލޯއެއް ހުރީ 20 ރުފިޔާއާއި 45 ރުފިޔާއާ ދެމެދުގައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ނެރުއްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މަސްގަންނަ ކުންފުނިތަކުން ރާއްޖޭގައި ކަޅުބިލަ މަހުގެ ކިލޯއެއް ގަންނަ އަގު އެވްރެޖްކޮށް ހުރީ ކުރީ ހަފްތާތަކެކޭ އެއްގޮތަށެވެ. ވޭތުވެދިޔަ ހަފްތާގައިވެސް ފިނިކުރި މަސްކިލޯއެއް ވިއްކީ 19 ރުފިޔާއަށެވެ. އަދި ފިނި ނުކުރާ މަސްކިލޯއެއް 17 ރުފިޔާއަށެވެ.
މަސްގަންނަ ކުންފުނިތަކުން ރާއްޖޭގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް މިދިޔަ ހަފްތާގައި އެވްރެޖްކޮށް ގަނެފައިވަނީ އޭގެ ކުރީ ހަފްތާގެވެސް އަގުކަމުގައިވާ 50 ރުފިޔާއަށެވެ.
މާލޭ ބާޒާރުގެ އިތުރަށް ތައިލެންޑުގައި ދިވެހި ކަޅުބިލަމަހުގެ ޓަނެއް ގަންނަ އަގު ވަނީ މިދިޔަ ހަފްތާގައި %7 އިތުރުވެފައެވެ.
މިދިޔަ ހަފްތާގައި 23،130 ރުފިޔާއަށް ޓަނެއް ގަނެފައިވާއިރު އޭގެ ކުރީ ހަފްތާގައި ޓަނެއް ގަނެފައިވަނީ 21،588 ރުފިޔާއަށެވެ.
ސްޕެއިންގެ މާރކެޓްގައި މިދިޔަ ހަފްތާގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލީގެ އަގު ވަނީ %2 ދަށްވެފައެވެ.
މިދިޔަ ހަފްތާގައި ފިނިކުރި ރީނދޫ އުރަހަ ކިލޯއެއްގެ އަގަކީ 140.13 ރުފިޔާއެވެ. އޭގެ ކުރީ ހަފްތާގައި ހުރީ 145.96 ރުފިޔާއަށެވެ.
ޖަޕާނުގެ ޓޯކިޔޯގެ ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއް ވިއްކި އަގު ވަނީ %55 ދަށްވެފައެވެ. މި ދިޔަ ހަފްތާގައި 151.90 ރުފިޔާއަށް ވިއްކިއިރު އޭގެ ކުރީ ހަފްތާގައި ވިއްކާފައިވަނީ 334.15 ރުފިޔާ އަށެވެ.