ތަރައްްޤީ

މަސްވެރިންގެ ދުވަހާއެކު ގެމަނަފުއްޓަށް ތަރައްޤީއާއި ކުރިއެރުން!


މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރެއްވުނު މަސައްކަތުގެ ސަބަބުން ގއ. ގެމަނަފުށްޓަށް ވަނީ ތަރައްޤީގެ މުހިންމު އެތައް ކަންތައްތަކެއް ޙާޞިލްކުރެވިފައެވެ. މިދުވަހާ ގުޅުވައިގެން ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ކޮށް ނިމިފައިވާއިރު، ތަރައްޤީގެ ބޮޑެތި ކަންތައްތަކުގެ އުފާވެރި ޚަބަރުވެސް ވަނީ ލިބިގެންގޮސްފައެވެ.

މީގެތެރޭގައި ފާހަގަކޮށްލެވޭ ކަންތައްތަކަށް ބަލާލާއިރު، 4 މިލިޔަން ރުފިޔާގެ އަގުހުރި އައިސްޕްލާންޓެއްގެ ޚިދުމަތް އެރަށުގައި ފެށުމާއި ރަށުގެ ކަރަންޓްގެ ޚިދުމަތް ރަނގަޅުކުރުމަށް ބޮޑު ޖަނަރޭޓަރެއް ލިބުން ހިމެނެއެވެ. ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މަސްވެރިންގެ ދުވަހަކަށް ރަށެއް ތައްޔާރުވެ، އެކަމުން ލިބޭނެ އެންމެ ފުރިހަމަ ފައިދާ ގެމަނަފުއްޓަށް ލިބިގެން ގޮސްފައިވާކަމަށެވެ. img:http://s4.psmnews.mv/images/660x400/14819869070571.jpg|ގެމަނަފުށީ އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

"މިރަށުގެ އިޖުތިމާޢީ ކަންތައްތަކަށް ބަލާނަމަ މިސާލަކަށް ދަންނަވާނަމަ، ސްކޫލްގައި ސްމާޓް ސިސްޓަމަށް ކިޔަވައިދިނުމުގެ ސިސްޓަމް ބަދަލުކުރުމުގެ ގޮތުން ނުވަދިހަ ހާސް ރުފިޔާ ސްކޫލަށް ހަދިޔާ ކުރެވިގެން ގޮސްފި. ހަމައެހެންމެ މަސްވެރިންނަށް މިރަށުގައި ޤާއިމްކުރެވެމުންދާ ފެން ފޯރުކޮށްދިނުމުގެ ނިޒާމުގެ މަސައްކަތަށް މިހާރު ނިންމާ ނުލެވި ހުރި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހަމަހައްސައިދޭ ގޮތަށް ހަމަޖެހިގެން ގޮސްފި. ރަށުގެ ޒުވާނުން ރަށުގެ ދެކޮޅުގައި ހަދާފައިވާ ހަޓް އިތުރަށް ފުރިހަމަ ކުރުމަށްޓަކާ ކޮންމެ ފަރާތަކަށް ދިހަ ހާސް ރުފިޔާ ލިބޭނެކަމުގެ ޔަޤީންކަން ލިބިގެން ގޮސްފި. އެހެންވީމާ ރަށުގެ އިޖުތިމާޢީ ކަންތައްތަކާއި ކުރިއަށްހުރި ކަންތައްތަކަށް ވަރަށް ގިނަ ކަންތައްތަކެއް ހާޞިލް ވެގެންދިޔަ މަސްވެރިންގެ ދުވަހަކަށް މިވީ." މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ ކައުންސިލުންވެސް ވަނީ ރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރައްވާފައެވެ. މީގެތެރޭގައި އެރަށުގައި ހެއްދެވި ދެ ޕާކު ހިމެނެއެވެ. އަދި ރަށުގެ ޒުވާނުން އިސްނަގައިގެން ރަށުގެ ދެ ކޮޅުގައި ހިތްފަސޭހަ ދެ މައިޒާން ޤާއިމްކޮށްފައިވެއެވެ.

މީގެއިތުރުން އެރަށުގެ ނަރުދަމާ ނިޒާމްގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެކަމާއި ރަށުން ބޭންކެއްގެ ޚިދުމަތް އަންނަ އަހަރު ތެރޭގައި ލިބިގެންދާނެކަމަށް މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއުލާން ކުރައްވާފައެވެ.

ގެމަނަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޝިޔާމް ވިދާޅުވީ، ނަރުދަމާ ނިޒާމާއި ބޭންކެއްގެ ޚިދުމަތަކީ މިހާރު އެރަށު ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ކަމަށެވެ.

"ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް އެބަދިމާވޭ. ތަފާތު މައްސަލަތައް އެބަޖެހޭ. އެއީ މިރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް އެދުން. ހަމައެހެންމެ މިރަށަކީ ވަރަށް ގިނަ ފައިސާ ވަންނަ ރަށެއް. ވަރަށް ބޮޑު އިޤްތިޞާދެއް އޮތް ރަށެއް މި ރަށަކީ. އެކަމަކު ފަހަށް ފައިސާ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވުފައެއް ނެތް. ބޭންކެއް އެންމެ ކައިރީގައިވެސް މިހުންނަނީ ފަންސަވީސް މޭލު ދުރުގައި ގއ. ވިލިނގިލީގައި. ބޭންކެއް މިތާ ނެތުމުގެ ސަބަބަން ވަރަށް ބޮޑަށް އުނދަގޫވޭ. އެހެންވީމާ ރައީސުލްޖުހޫރިއްޔާ އިޢުލާންކުރެއްވި ބޭންކަކީ މިރަށުގެ އިޤްތިސާދު ކުރިއަށްއޮތް ތަނުގައި ވަރަށް އުސް ހަރުފަހަތަކަށް ގެންދެވޭނެކަމެއް. އެއީ ގެރެންޓީ. ހަމައެހެންމެ ނަރުދަމާ ނިޒާމް އެޅިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް" ގެމަނަފުށީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުޙައްމަދު ޝިޔާމް ވިދާޅުވިއެވެ. 

ރާއްޖޭގެ 36 ވަނަ މަސްވެރިންގެ ދުވަސް ގެމަނަފުށީގައި ފާހަގަކޮށް ނިމިފައިވާއިރު، މިކަމަށް ރަށުގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަން އެރަށު ކައުންސިލުން ފާހަގަކުރެއްވިއެވެ.