ކުޅިވަރު

އެއްވެސް މެޗެއް ފަސޭހަކޮށް ނުލެވޭނެ - އަހުމަދު އަބްދުލް ކަރީމް


މުބާރާތުގެ އެއްވަނަ ޓީމާ ދެވަނަ ޓީމް ފައިނަލަށް ދާގޮތަށް އޮތުމުން، އެއްވެސް މެޗެއް ފަސޭހަކޮށް ނުލެވޭނެކަމަށް ގައުމީ ވޮލީގެ ޓީމްގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް ( ލޯންގޭ ) ބުނެފިއެވެ. 

ބަންގްލަދޭޝްގައި މާދަމާ ފަށާ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ގުރުއަތުލުމަށްފަހު، މާދަމާ ރާއްޖެ ނިކުންނަން ޖެހުނީ ނޭޕާލާ ދެކޮޅަށެވެ. މުބާރާތުގެ ތާވަލާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން އަހުމަދު އަބްދުލް ކަރީމްބުނީ އެއްވެސް މެޗެއް ފަސޭހަކޮށް ލެވެން ނެތްކަމަށެވެ. ރައުންޑް ރޮބިން ބުރެށް ކުޅުމަށްފަހު، ލީގުގެ އެއްވަނަ އާ ދެވަނަ ޓީމް މުބާރާތުގެ ފައިނަލްއަށް ދާގޮތަށް މިފަހަރުގެ މުބާރާތް ރާވާލާފައި އޮތުމުން، ކޮންމެ މެޗަކީވެސް ފައިނަލް މެޗެއްކަމަށް ދެކެންޖެހޭކަމަށް ލޯންގޭ ބުންޏެވެ. ހާއްސަކޮށް މުބާރާތުގެ ފެށުން ރަނގަޅު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ލޯންގޭ ބުންޏެވެ. 

މިމުބާރާތުގައި ރާއްޖެ ވާދަކުރާ ގައުމްތަކަކީ މީގެ ކުރިން ރާއްޖެ ބަލިކޮށްފައިވާ ޓީމްތަކެއްކަމަށާ އަދި އެޓީމްތަކުގެ ކުޅުންވެސް ރާއްޖެއަށް ވަރަށް ރަނގަޅަށް އިނގޭކަމަށް އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުންޏެވެ. މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ކިރިގިސްތާން ފިޔަވާ، އެހެން ޓީމްތަކަކީ އިސްކޮޅުން އެއްވަރުގެ ޓީމްތަކެއްކަމަށާ އަދި ނޭޕާލާ ދެކޮޅަށް ފުރަތަމަ މެޗުގައި ވާދަކުރާއިރު، އެންމެ ފަހުގެ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގައި ނޭޕާލް ސީދާ ތިން ސެޓުން ބަލިކުރެވިފައި އޮތުމަކީވެސް ރާއްޖޭގެ ޓީމަށް ލިބިފައިވާ ވަރަށް ބޮޑު ހިތްވަރެއްކަމަށް އަހުމަދު އަބްދުލް ކަރީމްބުންޏެވެ.



" ޑްރޯގަ އިންގޮތުން ވެއްޖެއްޔާ ރާއްޖެއަށް ވަރަށް ފަސޭހަގޮތެއް އިނީ. އެންމެ ފުރަތަމަ މުބާރާތުގައި ވާދަކުރަން ރާއްޖެ ޖެހެނީ ނޭޕާލާ، ނޭޕާލަކީ ކުރިންވެސް ރާއްޖެ ބަލިކޮށްފައިވާ ޓީމެއް. ނަމަވެސް އެއްވެސް ވަރަކަށް އޯވާ ކޮންފިޑެންސް ވެގެންނުވާނެ ކުޅޭއިރު. ނޭޕާލް ކިތަންމެ ބަދަލުވީކަމުގައި ވީނަމަވެސް ނޭޕާލް ބަލިކުރުން ވަރަށް މުހިންމު. އަދި ކުރިން ސީދާ ތިން ސެޓުން އެޓީމް ބަލިކުރެވިފައި އޮތުމުން ޓީމަށް އިތުރު ހިއްވަރެއް ލިބޭ" އަހުމަދު އަބްދުލް ކަރީމް ބުންޏެވެ.



ރާއްޖެއާ ނޭޕާލް ވާދަކުރާ މެޗް މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން ހަވީރު 5 ޖަހާއިރުއެވެ.