ކުޅިވަރު

ބިދޭސީ ކުޅުންތެރިން ގަތުމަށް ނިއުރޭޑިއެންޓުން ރެކޯޑް ބަޖެޓެއް


އަންނަ ސީޒަންގައި ޓީމު ވަރުގަދަ ކުރުމަށް ދިވެހި ޓީމަކުން މިހާތަނަށް ހުށައަޅާފައި ނުވާވަރުގެ ބޮޑު ބަޖެޓެއް ބިދޭސީ ކުޅުންތެރިން ގެންނަން ތައްޔާރުކޮށްފައިވާނެކަމަށް ނިއުރޭޑިއެންޓުން ބުނެފިއެވެ.

އަލީ ފާސިރުއާ އިމްރާން މުހައްމަދު ނިއުރޭޑިއެންޓަށް ސޮއިކުރުމަށް އިއްޔެ ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިއުރޭޑިއެންޓްގެ ވަގުތީ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒު މޫސާ ވިދާޅުވީ އާ ސީޒަނަށް ނިއުރޭޑިއެންޓް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަމަށާ އެގޮތުން ބިދޭސީ ތިން ކުޅުންތެރިޔަކާ ބިދޭސީ ކޯޗެއް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާކަމަށެވެ. އަދި މި ތިން ކުޅުންތެރިންނާ ކޯޗަކީ މިހާތަނަށް ދިވެހި ޓީމަކުން ބިދޭސީ ކުޅުންތެރިންނާ ކޯޗަކު ގެނައުމަށް ހުށައަޅާނެ އެންމެ ބޮޑު ބަޖެޓްކަމަށް ނިޔާޒް ވިދާޅުވިއެވެ.

 ނިއުރޭޑިއެންޓްގެ އިންތިޙާބު އަންނަ މަހުގެ ހަވަނަ ދުވަހުގެ ރޭ ބާއްވަން ތައްޔާރުވަމުން އަންނައިރު އެ ކްލަބުން ވަނީ އާ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިއްޔެ ސޮއިކުރި އިމްރާންއާ އަލީ ފާސިރުގެ އިތުރުން އަކްރަމް އަބުދުލް ޤަނީވެސް ގެނެސްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެ ކްލަބަށް ކުޅުނު ޒުވާން ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓްވެސް އާކޮށްފައިވާކަމަށް ނިއުއިން ބުނެއެވެ.