ތަރައްްޤީ

ލ. ކައްދޫގައި ކޮންވެންޝަން ސެންޓަރެއް ތަރައްޤީ ކުރަނީ


މި ފެށުނު 2017 ވަނަ އަހަރުގެ ތެރޭގައި ލ. ކައްދޫގައި އޮންނަ އިސްކަންދަރު ވައިގެ މަރުކަޒު ސަރަޙައްދުގައި ކޮންވެންޝަން ސެންޓަރެއް ތަރައްޤީ ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އިސްކަންދަރު ވައިގެ މަރުކަޒުގައި އިއްޔެ ކާގޯގެ ޚިދުމަތާއި، ސީ.އައި.ޕީ ލައުންޖެއްގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް "ކޭ.އޭ.ސީ.އެލް" ޑިފެންސް މިނިސްޓްރީއާ ސަރުކާރުން ޙަވާލުކުރެއްވުމާއެކު، އެ ކުންފުނިން ހިންގަވަމުންގެންދަވާ އިސްކަންދަރު ވައިގެ މަރުކަޒު ނުވަތަ ކައްދޫ އެއަރޕޯޓު، އަސްކަރީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރައްވާއިރު، ބިޒްނަސް މޮޑެލަކަށް އެތަން ހިންގަވައި، އެ އެއަރޕޯޓުން ހައްދުންމަތީގެ ހުރިހާ ރަށްރަށުގެ ރައްޔިތުންނަށް އިޤްތިސާދީ ފައިދާކުރާނެ ފަދަ ވަސީލަތްތަކާއި ޚިދުމަތްތައް ޤާއިމު ކުރެއްވުމަކީ ޑިފެންސް މިނިސްޓްރީގެ އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށްޓައި ކައްދޫ އެއަރޕޯޓު މަރާމާތުކޮށް އެކި އެކި ޚިދުމަތްތައް މިހާރު ގެންދަވަނީ އެތަނުގައި ތަޢާރަފް ކުރައްވަމުންނެވެ.

އެގޮތުން ކައްދޫ އެއަރޕޯޓު ހިންގަވާ ކޭ.އޭ.ސީ.އެލުން އައު އަހަރު މިފެށީވެސް ތަފާތު އައު ޚިދުމަތްތަކަކާއި އެކުގައެވެ. ކާގޯގެ ޚިދުމަތާއި، ސީ.އައި.ޕީ ލައުންޖެއްގެ ޚިދުމަތުގެ އިތުރުން، އެއަޕޯޓުގެ ވެބްސައިޓްވެސް މިހާރު މިވަނީ އިފްތިތާޙް ކުރައްވާފައެވެ. މިކަމައްޓަކައި އެ އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އަލަށް ޚިދުމަތްދޭން ފަށާ ސީ.އައި.ޕީ ލައުންޖް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.

img:http://s1.psmnews.mv/images/660x400/14833471934847.jpg|ސީ.އައި.ޕީ ލައުންޖު ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ކާގޯ ޚިދުމަތް ދޭން ޤާއިމްކުރެވުނު އޮފީސް ހުޅުވައިދެއްވީ މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ޙާރިސްއެވެ. އެއަރޕޯޓުގެ ވެބްސައިޓް ލޯންޗްކޮށްދެއްވީ "ކޭ.އޭ.ސީ.އެލް" ގެ ޗެއަރމަން އަދި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ، "ކޭ.އޭ.ސީ.އެލް" ހިންގަވަނީ ސަރުކާރުގެ ވަރަށްބޮޑު ޙިއްޞާއެއް އޮވެގެން ކަމަށާއި، އެކަން ބަދަލުކޮށް ކުންފުނީގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި، ޗީފް އޮފް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކު، އެކުންފުނިން ލ.އަތޮޅު ހިމެނޭ ސަރަހައްދުގައި ސިނާއީ ގިނަ މަސައްކަތަކެއް ފަށްޓަވައި، ވަޒީފާތައް އުފެދޭ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

img:http://s4.psmnews.mv/images/660x400/14833472237288.jpg|ސީ.އައި.ޕީ ލައުންޖު ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުމެން އުންމީދުކުރަނީ މިއެއަރޕޯޓް މިސަރަހައްދުގެ މުހިއްމު އިޤްތިސާދީ ނާރެހަކަށް ބަދަލުވެގެންދާނެ ކަމަށް. އިރާދަކުރެއްވިޔާ ލަސްވެގެން މި އަހަރުގެ ތެރޭގައި ކައްދޫ އެއަރޕޯޓުގައި ކޮންވެންޝަން ސެންޓަރެއް ޤާއިމްކޮށް، މުހިއްމު އިވެންޓްތަކާއި ހަރަކާތްތައް މިތަނުގެ ތެރޭގައި ބޭއްވިގެންދާނެ." ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ކައްދޫ އެއަރޕޯޓުގައި ކާގޯ ޚިދުމަތް ފަށްޓަވާފައިވަނީ ޤައުމީ އެއަލައިން މޯލްޑިވިއަންގެ އެހީތެރިކަމާއި އެކުގައެވެ. މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ޙާރިސް ވިދާޅުވީ، ކާގޯގެ ޚިދުމަތަކީ ޚާއްސަކޮށް ލ. އަތޮޅުގައި ދަނޑުވެރިކަން ކުރާ ރައްޔިތުނަންނަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި، ކާގޯ ޚިދުމަތް ތައާރަފުވުމުން އިތުރު އެހެން ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ލ. އަތޮޅުގައި ފަތުރުވެރިކަމުގެ ވިޔަފާރި ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ގުޅިފައިވާ ރަށްތަކުގައި މިހާރުވެސް ވަރަށް ކާމިޔާބުކަމާއެކު، ގެސްޓް ހައުސްތައް ހިންގައެވެ. އަތޮޅުގައި އޮންނަ ހަމަ އެކަނި ރިޒޯޓްކަމުގައިވާ ސިކްސް ސެންސަސް ލާމުގެ ރެޒިޑެންޓް މެނޭޖަރ ބުނީ، ކައްދޫ އެއަރޕޯޓުގައި ސީ.އައި.ޕީ ލައުންޖެއް ހުޅުވިގެން ދިއުމަކީ ފަތުރުވެރިންނަށް ލިބިގެންދިޔަ ބޮޑު ފަސޭހައެއް ކަމަށާއި، އެއީ އެޅިގެންދިޔަ ހެޔޮ ފާލެއް ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ޑޮމެސްޓިކް އެއަރޕޯޓަކީ ކައްދޫ އެއަރޕޯޓަށް ވުމާއެކު، ކައްދޫ އެއަރޕޯޓު ކޮމްޕެނީގައި ތިއްބެވި ޚިދުމަތްތެރި މުވައްޒަފުންގެ އެހީތެރިކަމާއިއެކު އެއަރޕޯޓުގެ ޚިދުމަތް ރަނގަޅު ކުރައްވާނެ ކަމަށް "ކޭ.އޭ.ސީ.އެލް" ގެ މެނޭޖިންގ ޑިރެކްޓަރ މެޖަރ އަޙްމަދު ޝަރީފު ފާހަގަކުރައްވާފައިވެއެވެ.