ކުޅިވަރު

ވިކްޓްރީ ވަރުގަދަ ކުރަނީ


މިއަހަރާއި، މިދިޔަ ތިން ހަތަރު އަހަރުވެސް އާދައިގެ ޓީމެއްގެ ގޮތުގައި އޮތް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ވިކްޓްރީ ކުރިއަށް އޮތް ސީޒަނަށް ވަރުގަދަކުރަމުންދާކަމަށް މައުލޫމާތުލިބިއްޖެއެވެ. ވިކްޓްރީން ކަށަވަރުކޮށް ނުދިންނަމަވެސް އެކްލަބުން ކުޅުންތެރިންތަކަކާ ވާހަކަ ދައްކަމުން އަންނަކަން ވަނީ ޔަޤީންކޮށްދީފައެވެ.

މައުލޫމާތުލިބޭގޮތުގައި ވިކްޓްރީއަށް ކުޅުމަށް މިއަހަރު ރާއްޖޭގައި މޮޅަށް ކުޅުނު ބިދޭސީ ތިން ކުޅުންތެރިއަކު ވަނީ އެއްބަސްވެފައެވެ. އެއީ ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ކީޕަރާއި ފޯވާޑްގެ އިތުރުން ނިއުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރި އިސްކޮޅުން ދިގު ޑިފެންޑަރ ވެލިޗްކޯއެވެ. މީގެއިތުރުން ވެލެންސިޔާގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް ކުޅުނު ދެކުޅުންތެރިންކަމަށްވާ މުޙައްމަދު އާރިފް ( ބަކާ ) އާއި، ހަސަން އަދުހަމްއާއި، މާޒިޔާގެ އިސްމާއީލް އީސާވެސް ކުރިއަށް އޮތް ސީޒަންގައި ފެންނާނީ ވިކްޓްރީންކަމަށް މައުލޫމާތުލިބެއެވެ. 

ވިކްޓްރީގެ އޮފިޝަލް ވިދާޅުވީ ކުޅުންތެރިންނާ ވާހަކަދައްކާ އެއްބަސްވަމުން އަންނަކަމަށާއި، ނަމަވެސް އެތެގޭގައި ބައެއް ކަންކަން ހަމަޖައްސަން ހުރުމުން ކުޅުންތެރިންގެ މައުލޫމާތުތައް ހާމަނުކޮށް މަޑުކޮށްލަނީކަމަށެވެ. 

ވިކްޓްރީއާއި ނިއުރޭޑިއަންޓުން ކުޅުންތެރިން ހޯދަމުންދާއިރު، ޒަމާންވީ އަނެއް ކްލަބް ވެލެންސިޔާ ފެންނަނީ ހިމޭންކޮށެވެ. އެމީހުންނަކީ އޭއެފްސީކަޕްގެ ގްރޫޕް ސްޓޭޖް ޖާގައެއް ހޯދަން ތައްޔާރުވާންޖެހޭ ޓީމެވެ. ވެލެންސިޔާގެ އަކްރަމް އަބުދުލްގަނީ ކްލަބް ދޫކުރިކަން ކަށަވަރުވެފައިވާއިރު، އެކްލަބާ ކުޅުންތެރިއަކު ގުޅުނުކަން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. ޓީސީގެ މުޙިންމު ދެ ކުޅުންތެރިއަކު ކްލަބް ދޫކޮށްލާފައިވާއިރު، މާޒިޔާއިންވެސް ދެކުޅުންތެރިން ވަނީ ކްލަބް ދޫކުރިކަން ހާމަކޮށްފައެވެ. ނަމަވެސް އެކްލަބްގެ ގިނަ ކުޅުންތެރިން ވަނީ ކްލަބްގައި މަޑުކޮށްފައެވެ. އީގަލްސްގެ ކުޅުންތެރިއަކު ކްލަބް ދޫކޮށްލާފައި ނުވާއިރު، މާޒިޔާގެ އަހުމަދު ނާޝިދު ވަނީ އެކްލަބާ ގުޅިފައެވެ. ކްލަބް ގްރީން ސްޓްރީޓުންވެސް އަންނަނީ ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި ބައެއް ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ.